ސްވިމް މޯލްޑިވްސްއާއި ދިރާގާ ގުޅިގެން ފެތުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ "ދިރާގު މާލެ އޯޕަން ސްވިމިން ކޮމްޕެޓިޝަން 2019"ގެ ނަމުގައި ބާއްވާ މި މުބާރާތަކީ އެއް ކިލޯ މީޓަރާއި 500 މީޓަރުގެ އޯޕަން ވޯޓާ ފެތުމުގެ މުބާރާތެއް ކަމަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. މުބާރާތް އޮންނާނީ މާލެ ރަސްފަންނު ދިމާ ބޭރުގައި ކަމަށްވެސް ދިރާގުން ބުންޏެވެ.

އެގޮތުން ރަސްފަންނު ދިމާ ބޭރުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އެއް ކިލޯ މީޓަރުގެ ފެތުމެވެ. 500 މީޓަރު ފެތުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ރަސްފަންނު ސަރަހައްދުގައި ކަމަށްވެސް ދިރާގުން ބުނެއެވެ.

މި މުބާރާތަކީ ހުރިހާ އުމުރު ފުރައަކަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުބާރާތެވެ. އެގޮތުން 50 އަހަރުން މަތީގެ މީހުންނަށްވެސް ހުޅުވާލައިގެން މި މުބާރާތުގައި ވަނީ ކެޓަގަރީއެއް ހިމަނާފައެވެ.

ދިރާގުން ބުނީ މި މުބާރާތް ރާވާ ހިންގަނީ ސްވިމް މޯލްޑިވްސްއިން ކަމަށެވެ. އެ ޖަމިއްޔާއަކީ ފެތުމާއި މޫދު ކުޅިވަރު ކުރިއަރުވައި ތަރައްގީކޮށް ކުރިއެރެވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ސްވިމް މޯލްޑިވްސްއިން މި މުބާރާތް ބާއްވާ އެއް މަގްސަދަކީ، ވީހާވެސް ގިނަ ބަޔަކަށް، ވާދަވެރި، ރައްކާތެރި، އުފާވެރި މާޙައުލެއްގައި ފެތުމާއި މޫދު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ދިރާގުން ބުނީ މި މުބާރާތް ބޭއްވުމަށް އެކުންފުނިން އެއްބާރުލް ދިނުމުގެ މަގްސަދަކީ ރާއްޖެއަކީ ވަށައިގެން މޫދު އަދި ކަނޑު އެކުލެވޭ ޖަޒީރާ ގައުމެއްކަމުގައި ވުމުން، ފެތުމާއި މޫދު ކުޅިވަރަށް ވީހާވެސް ގިނަ ދިވެހިން އަހުލުވެރިކޮށް މި ފަދަ ކުޅިވަރުތައް ރާއްޖޭގައި ކުރިއަރުވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭތީ ކަމަށެވެ. އަދި ހަމަ އެއާއެކު ފެތުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދިވެއްސަކައްވެސް ފަސޭހަކަމާއެކު ދަސްކޮށް ކުރެވޭނެ ކަމެއް ކަމަށްވެސް ދިރާގުން ބުނެއެވެ.

މިމުބާރާތް ހޯސްޓު ކުރަނީ، މުބާރާތް ނިސްބަތްވާ މާލެ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ.