ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލާ ކަމަށް ބުނެ އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ސަލާމަތީ ބާރުތަކުން ދޮގު ކޮށްފިއެވެ.

ރައީސް މުހައްމަދު ނަޝީދު ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ ފުލުހުން ފާރަލަމުންދާ ކަމަށް އެމްއެންޑީއެފްއިން އެމަނިކުފާނު ގާތު ބުނެފައިވާ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްއިން ބުނީ އެފަދަ އެއްވެސް ވާހަކައެއް ރައީސް ނަޝީދަށް ދަންނަވާފައި ނުވާނެ ކަމަށެވެ.

މި މައްސަލާގައި އެމްއެންޑީއެފްއާ ފުލުހުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ފުލުހުން ބުނީ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީގޮތުން ލާޒިމު ކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން އެމްއެންޑީއެފްއާ ގުޅިގެން ކުރަން ޖެހޭ ކަންކަން އެ މުއައްސަސާއިން ކުރަމުން ގެންދާ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރާ އިރު މަސައްކަތް ކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަން ކުރުމަށް ފަހު އޭގެ މައްޗަށް ބެލުމަށް ފަހުގައި ކަމަށާއި ނަމަވެސް މިވަގުތު ރައީސް ނަޝީދަށް އެއްވެސް ނުރައްކަލެއް އޮތް ކަަމަށް ފުލުހުންނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"އެހެންނަމަވެސް، އާއިލާގެ ފަރާތުން ނުވަތަ އެހެން ފަރާތަކުންވިޔަސް ސޯޝަލް މީޑިއާ ނުވަތަ އެހެންވެސް ގޮތަކުން ނުރައްކަލެއް އޮތްކަމަށް ފާހަގަކުރާނަމަ އެ މަޢުލޫމާތު ވަޒަންކުރުމަށްފަހު އަޅަންޖެހޭ އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ދާނެ ކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް ދެމެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ އެބޭފުޅެއްގެ ސެކިއުރިޓީ ބެލެހެއްޓުން ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން ބައެއް ހާލަތްތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މަސައްކަތްކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ތްރެޓް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބަލައިގެން ކަމަށާއި މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި އެނޫން ފަރާތަކުން ވިޔަސް އަދި އެތަނުގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއް ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ އޯޕަން ސޯސްތަކުން ވިޔަސް އެފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށެވެ.