ގައްޒާގައި ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އައްސޭރިފަށުގެ މި އަވަށަކީ އިސްރާއީލުން ހިންގާ އަނގަތި-ހާ ޖަލެކޭވެސް ބުނެވިދާނެއެވެ. ގައްޒާގެ ވެރިކަމާ ހަމާސް ޖަމާއަތުން 2007 ވަނަ އަހަރު ހަވާލުވި ހިސާބުން، އިސްރާއީލުންވަނީ ގައްޒާގެ ސަރަހައްދީ އިން، ހުރިހާ ކޮޅަކުން ބަންދުކޮށްފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެކެވެ. އަދި ހަމާސްގެ ޓެރަރިސްޓް ހަމަލާތަކުގެ ޝިކާރައަކަށް އެމީހުން ވެފައިވާކަމަށް އިސްރާއީލުން ވަކާލާތުކުރެއެވެ. އެހެންކަމުން އިސްރާއީލަށް ސަލާމަތް އޮތް ހަމައެކަނި މަގަކީ، ހުރިހާ ކޮޅަކުން ގައްޒާ ބައްދާލުމެވެ. ނަމަވެސް މިކަމުގެ ޖިޒީ ދައްކަމުންދާ ބަޔަކީ ގައްޒާގެ އާންމު ރައްޔިތުންނެވެ. އިސްރާއީލަށް މިކަން ނުފެންނަކީ ނޫނެވެ. ނުތަވަ ނުވިސްނެނީކީވެސް ނޫނެވެ.

ފަލަސްޠީނުގެ މަސްވެރިއަކު އޭނާ ބޭނި މަސްތައް ގައްޒާގެ ބަނދަރަށް ޖަމާ ކުރަނީ/ފޮޓޯ: އަނަދޯލޫ އޭޖެންސީ

2 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ގައްޒާގެ ހާލަށް ބަލާއިރު މަހު މުސާރަކޮޅެއް ލިބުމަކީ އެތައް ބައެއްގެ ހުވަފެނެކެވެ. ވަޒީފާ ނެތި ބިކަވެފައިވާ ޒުވާނުން އިންތިހާއެވެ. ޒުވާނުންގެ އާބާދީގެ 60 ޕަސެންޓަކީ ވަޒީފާއެއް ނެތް މީހުންކަމަށްވާއިރު، މުޅި ގައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި ހާ މީހުން ދިރިއުޅެމުންދަނީ އެކި ގޮތްގޮތުން ގައްޒާއަށް ކަނޑައަޅާ އިންސާނީ އެހީ އިން ލިބޭ އެއްޗަކުންނެވެ.

މިއީ ގައްޒާ ތެރޭގެ ހާލަށްވާއިރު، ގައްޒާ ދޫކޮށް ނިކުތުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. އެއްތަނުން އަނެއް ތަނަށް ދަތުރުކޮށް އުޅުމަކީވެސް ތަކުލީފެކެވެ. ބޭރުގެ ފަރާތަކުން ލިބޭ ރަސްމީ ދައުވަތަކީވެސް ގައްޒާއިން ބޭރަށް ފަސޭހައިން ނިކުމެވޭނެ ދައުވަތަކަށް ނުވެއެވެ. ގާނޫނީ އަދި ޣައިރު ގާނޫނީ މަގުތަކުންލާފާ ގައްޒާއިން ބޭރަށް ނިކުންނަން މަސައްކަތްކުރާ މީހުންގެ އަދަދު މަދެއް ނޫނެވެ. ނަމަވެސް ކާމިޔާބު ލިބެނީ މަދު މީހަކަށެވެ.

ފަލަސްޠީނުގެ ރިޔާސަތު ދޫކޮށްލެއްވުމަށް ރައީސް މަޙުމޫދު އައްބާސްއަށް ގޮވާލާ، ގައްޒާގެ ރައްޔިތުން މުޒާހަރާ ކުރަނީ/ފޮޓޯ: ރޮއިޓާޒް

ފާއިތުވީ 10 ވަރަކަށް އަހަރަށް ބަލާއިރު ގައްޒާއިން ބޭރަށް ނިކުމެވިފައިވަނީ އެންމެ 30000 އަކަށް މީހުންނަށެވެ. ކުރިމަތިވެދާނެ ނުރައްކަލަށް ބެލުމެއް ނެތި، އަދިވެސް އެތައް ހާސް ބަޔަކު ދަނީ ގައްޒާއިން ނިކުތުމަށް މަސައްކަތްކުރަމުންނެވެ. ގައްޒާއިން ނިކުތުމަކީ ބިރުބޮޑު އަދި އަގުވެސް ބޮޑު ކަމެކެވެ. ބައެއް ފަހަރު ބޮލަކަށް 3000 ޑޮލަރުވެސް ދައްކަންޖެހެއެވެ. ނަމަވެސް މިއީ ދިރިހުއްޓާ ގައްޒާއިން ބޭރަށް ނިކުމެވޭނެ ކަމުގެ ޔަގީން ޓިކެޓެއް ނޫނެވެ.

ގާނޫނީ އިމުގެ ތެރެއިން ގައްޒާއިން ބޭރަށް ނިކުންނަން ވެއްޖެނަމަ އެކަމަށް އެދި އިސްރާއީލުގެ ސަލާމަތީ ބާރުތަކަށް ހުށަހަޅަންޖެހެއެވެ. އެމީހަކީ ގައްޒާއިން ބޭރަށް ދަތުރުކުރެވޭނެ މީހެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަނީ އިސްރާއީލުންނެވެ. ޖަވާބެއްގެ އިންތިޒާރުގައި އެތައް ހަފުތާއެއް ހޭދަކުރަންޖެހެއެވެ. އެހާ ދުވަހުގެ އިންތިޒާރަށްފަހު ލިބޭ ޖަވާބުގައި އޮންނަނީ ހުއްދަ ދެވެން ނެތްކަމަށް ބަޔާންކޮށްފައެވެ. މިކަމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ގައްޒާގައި ހައްދުފަހަނައަޅާ ގޮސްފައިވާ ކޮރަޕްޝަންގެ މައްސަލައެވެ. ގައްޒާއިން ބޭރަށް ނިކުތުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިއުންތައް ހުށަހެޅުމުގައި ރިޝްވަތުގެ ހައިޖާނުގަނޑު ބޮޑެވެ.

އިސްރާއީލުން ދިން ވަރުގަދަ އުދުވާންތަކުގައި ގައްޒާއިން ޝަހީދުވި ތުއްތު ކުއްޖެއްގެ ޖަނާޒާ/ފޮޓޯ: އަލްޖަޒީރާ

ގައްޒާއިން ބޭރަށް ނިކުމެވިއްޖެ މީހަކު އަލުން އަނބުރާ އެ ފަސްގަނޑަށް އަރާކަށް ބޭނުމެއް ނުވެއެވެ. ޖެހިލުންވެއެވެ. އަނބުރާ ނުނިކުމެވިދާނެތީއެވެ. އެކަމާ އެމީހުން އުފަލެއް ނުވެއެވެ. އާއިލާގެ ދެންތިބި މެމްބަރުން އަދިވެސް ތިބީ ޖަލެއްގައި ގައިދުވެފައިކަން އެމީހުންގެ ހިތްތަކުން ކުޑަކޮށްވެސް ފިލާނުދެއެވެ. ގައްޒާއިން ނިކުތީ މަޖުބޫރުވެގެންނެވެ. ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސުމަށެވެ. ނަމަވެސް އެކަން އެންމެ ފުރިހަމަ ގޮތުގައި ހަގީގަތަކަށް ވާން އޮތީ އަދިވެސް އަމިއްލަ ވަޒަންކަމުގައި ދެކޭ ގައްޒާއަށް ފުރިހަމަ މިނިވަންކަން ލިބިގެންކަމަށް، ގައްޒާ ދޫކޮށް ނިކުމެވުނު މަދު މީސްކޮޅު އަދިވެސް ގަބޫލުކުރެއެވެ. އުއްމީދު ނަގައެއް ނުލައެވެ.