އަންހެން ކުދިންނާއި އަންހެނުން އިންޓަނެޓަށް ހޭލުންތެރިކަން އިތުރު ކުރުވުމުގެ ގޮތުން މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ބާއްވަމުންދާ 21 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ޓްރޭނިން ކޭމްޕުގައި ދިރާގުގެ ފަރާތުން މި ކޭމްޕުގައި ބައިވެރިވި ކުދިންނަށް ތަމްރީން ޕްރޮގްރާމުތަކެއް ހިންގައިފިއެވެ.

މި ތަމްރީން ޕްރޮގްރާމް ދިރާގުން ހިންގާފައިވަނީ ގާލް ގައިޑު އެސޯސިއޭޝަނުން މިއަހަރުގެ ކޭމްޕަށް ދީފައިވާ ޝިއާރާއި ގުޅުވައިގެންނެވެ. މިއަހަރުގެ ޝިއާރަކީ "ސާފް ސްމާޓު"، އެވެ. މި ޝިއާރަކީ 10 މިލިއަން މެންބަރުން ހިމެނޭ 'ވޯލްޑް އެސޯސިއޭޝަން ފޯ ގާލް ގައިޑްސް އެންޑް ގާލް ސްކައުޓްސް' (WAGGGS) އިން އިންޓަނެޓް ބޭނުންކުރާ ގޮތްތަކާ މެދު ހޭލުންތެރިކުރުމަށް ބޭނުންކުރާ ބެޖް ކަރިއުލަމްއެކެވެ.

ކޭމްޕުގެ ތެރެއިން / ފޮޓޯ: ދިރާގު

ދިރާގުން ބުނީ ތަރައްގީވެ ކުރިއަރަމުންމިދާ ޓެކްނޮލޮޖީގެ މި ޒަމާނުގައި އެކަމަށް ދިވެހި އަންހެން ކުދީންނާއި އަންހެނުން ހޭލުންތެރިކުރުން އިހުނަށް ވުރެ މުހިންމުވެފައިވާ ކަމަށެވެ. އަދި އެއީ މި ދަނޑިވަޅަށް އެންމެ ބޭނުންތެރި އެއް ޝިއާރުކަމަށް ގާލް ގައިޑް އެސޯސިއޭޝަނާއި އެ ކުންފުނިންވެސް ގަބޫލު ކުރާ ކަމަށް ދިރާގުން ބުނެއެވެ.

އެކުންފުނިން ބުނީ ނޮން-ފޯމަލް އެޑިޔުކޭޝަންގެ ޒަރީއާއިން ވީހާވެސް ގިނަ ކުދިންނަށް، ހާއްސަކޮށް އަންހެންކުދިން އިންޓަނެޓް ބޭނުންކުރާނެ ރަނގަޅު ގޮތް އޮޅުންފިލުވައި ދެވުމަކީ، އެކުދިން ބާރުވެރިކޮށް، ޒިންމާދާރުވެ ހަރުދަނާވާނެ ކަމެއް ކަމަށެވެ. ދިރާގުން ބުނީ އެކުންފުނީގެ އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓޭޓަސް ޓްރެއިނިން ޕްރޮގުރާމުގައި 34 ފެސިލިޓޭޓަރުންނަށް ރަނގަޅު ގޮތުގައި އިންޓަނެޓް ބޭނުން ކުރާނެ ގޮތްތަކަށް ތަމްރީނު ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ ޕްރޮގްރާމު ނިންމުމަށްފަހު ކޮންމެ ފެސިލިޓޭޓަރެއް ވެސް ޕޮރޮގްރާމުގައި ދަސްވި ކަންތައްތަކުގެ މައުލޫމާތު އިތުރު 100 ކުދިންނަށް ހިއްސާ ކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

ސެޕްޓެމްބަރ 3 އިން 6 އަށް ކ.މާފުށީގައި ކުރިއަށްދާ މިކޭމްޕުގައި މާލޭގެ އިތުރުން 14 އަތޮޅަކުން 36 ސްކޫލުން އުމުރުން 13 - 17 އަހަރާއި ދެމެދުގެ 290 ގައިޑް ކުދިން އަދި 59 ގައިޑް ލީޑަރުން ވަނީ ބައިވެރިވެފައިއެވެ.