ދިވެހިރާއްޖެ އާއި ރުވާންޑާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމްކުރުމަށްޓަކައި ދެގައުމުގެ ދެމެދުގައި އެކުލަވާލެވިފައިވާ އެއްބަސްވުމުގައިވެސް ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިއުޔޯކުގައި ހުންނަ ރުވާންޑާގެ ދާއިމީ މިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ކަމަށެވެ. ރުވަންޑާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ރުވަންޑާއިން އދ. އަށް ކަނޑައަޅުވާފައި ހުންނަވާ އެގައުމުގެ ދާއިމީ މަންދޫބު ވެލެންޓައިން ރުގްވަބިޒާއެވެ.

ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ގައުމުތަކާއެކު ހާރިޖީ ގުޅުންތައް ގާއިމުކޮށް، ރާއްޖެއަކީ ބޭރު ގައުމުތަކުން ބަލައިގަންނަ ގައުމަކަށް ހެދުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ހުޅުވާލެވިފައިވާ ހާރިޖީ ސިޔާސަތުގެ މުހިންމު އެއް އަމާޒު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ ރުވާންޑާ އާ އެކު ސިޔާސީ ގުޅުން ާއިމުކުރެވުމުން، ރާއްޖެއާއެކު ސިޔާސީ ގުޅުން އޮންނަ ގައުމުތަކުގެ އަދަދު މިހާރު 172 އަރާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ރުވަންޑާއަކީ ރައީސް ސޯލިހުގެ ސަރުކާރުގައި ސިޔާސީ ގުޅުން ާއިމުކުރެވުނު ދެވަނަ ގައުމު ކަމަށެވެ. ރުވާންޑާ އަކީ ކޮމޮންވެލްތުގެ ގައުމެކެވެ. އަދި 2020 ވަނަ އަހަރުގެ ކޮމޮންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ރުވާންޑާގެ ވެރިރަށް ކިގާލީގައެވެ.