ބަލިވެއިންނަ ދުވަސްވަރު އާދަޔާ ހިލާފު ބޮޑަށް ސްޓްރެސްވުން ނުވަތަ ކަންކަމާ ހިތްނުތަނަވަސްވެ ހާސްވެގެން އުޅޭ މައިންގެ ދަރިންގެ އުމުރުން 30 އައަކަށް އަހަރަށް އަޅައިގެން އަންނައިރު ޕާސަނަލިޓީ ޑިސްއޯޑާގެ ތަކުލީފުތަކާ ކުރިމަތިލާންޖެހޭ މިންވަރު، އެނޫން މައިންނަށް އުފަންވާ ދަރިންނަށްވުރެ 10 ގުނަ އިތުރު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބަލިވެއިންނަ ދުވަސްވަރަށް ދެމިގެންދާ ސްޓްރެސްއެއްގައި އުޅެންޖެހިއްޖެނަމަ، ދަރިފުޅު ވިހާ ހިސާބުން ފަށައިގެންވެސް ދަރިފުޅުގެ ހެދިބޮޑުވުމާ، ތަރައްގީގެ ކުރިއެރުމުން އެކަން ފާހަގަވުމުގެ ފުރުސަތު އޮވެއެވެ.

ކަންމިހެން އޮތްއިރު، ނަފްސާނީ ބަލީގެ ތަޖުރިބާކާރު ޑޮކްޓަރުން ދަނީ، ބަލިވެއިންނަ އަންހެން މިހާއަށް ނަފްސާނީ ދުޅަހެޔޮ ކަމުގެ އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދިނުމަށާ، އެފަދަ ސިއްހީ ހިދުމަތްތައް ހޯދުމުގެ ފުރުސަތު މާބަނޑު އަންހެނުންނަށް ފަހިވެފައި އޮތުމަށް ގޮވާލަމުންނެވެ.

ޕާސަނަލިޓީ ޑިސްއޯޑާއަށް މަގުފަހިކުރާ އެހެނިހެން ކަންކަމުގެ ތެރޭގައި ކުއްޖާ ބޮޑުވަމުން އަންނަ އާއިލާގެ މާލީ ތަނަވަސްކަން ނެތުމާ، ބޮޑު ހިތްދަތިކަމެއް ނުވަތަ ކާރިސާއެއް ކުރިމަތިލާންޖެހުން ފަދަ ކަންކަން ހިމެނެއެވެ.

ޕާސަނާލިޓީ ޑިސްއޯޑާއަކީ ކޮބާ؟

ޕާސަނަލިޓީ ޑިސްއޯޑާއަކީ، ސިއްހަތަށް ގެއްލުން ހުރި ގޮތްގޮތަށް ވިސްނުމާ، ހަރަކާތްތެރިއުޅުމާ އަހުލާގަށް ބޭ އިހުތިޔާރުގައި ބަދަލުތަކެއް ގެނުވާ ކަމެކެވެ. މިކަމުގެ ސަބަބުން އެމީހާއާއި، އެމީހާއާއިއެކު ވަށައިގެންވާ މީހުންވެސް އުފުލަންޖެހޭ ތަކުލީފުތަކެއް ހުރެއެވެ.

މާޔޫސްވެ ކަންބޮޑުވެފައި ހުރިޒުވާނެއް/ފޮޓޯ: އެންޑްރޯލޮޖީ ސެންޓާ

ޕާސަނިލީޓީ ޑިސްއޯޑާ ހުންނަ މީހުންނަކީ ކަންކަމާ ފަސޭހައިން އިންތިހާއަށް ހާސްވެ ނުތަނަވަސްވާ ބައެކެވެ. އިހުސާސްތައް އެއް ހަމައެއްގައި ކޮންޓްރޯލް ކުރުމަށް މިފަދަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ގިރާ ކުރަންޖެހެއެވެ. މިސާލަކަށް، މިފަދަ މީހުންނަކީ ކަންކަމާ ފަސޭހައިން ކުށް ހީ ކުރެވި، އިޖުތިމާއީ ކަންކަމުން އެކަހެރިވެ ތިބެވޭ މީހުންނެވެ. މީގެ އިތުރުންވެސް ތަފާތު އެތައް ކަމެއް މީގެ ތެރޭގައި ހިމެނެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ 20 މީހަކުން 1 އަކީ މިކަމުގެ ތަކުލީފުތައް ކޮންމެވެސް މިންވަރަކަށް އުފުލަމުންދާ މީހުންނެވެ. މި ފަދަ މީހުންނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ޑިޕްރެޝަން ނުވަތަ އިންތިހާ މާޔޫސްކަމުގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ބޮޑު ބައެކެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާ ރަލުގެ ވަބާގައިވެސް މިފަދަ ފަރާތްތަކުން ޖެހޭ މިންވަރު ބޮޑެވެ.

ދިރާސާ ބުނީ ކީކޭ؟

ބްރިޓިޝް ޖާނަލް އޮފް ސައިކޭޓްރީގައި އާންމުކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި، މާބަނޑު ދުވަސްވަރު ދެމިގެންދާ ސްޓްރެސްއެއްގައި އުޅުމަކީ އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ އުމުރުގެ ބޮޑު ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ފަހިކުރާ ކަމެކެވެ.

ބަލިވެއިންނަ ދުވަސްވަރު ކުރިމަތިވާ ސްޓްރެސްތަކުގެ ގޮތުގައި ބަލާ ބައެއް ކަންކަމުގެ ތެރޭގައި ދެމަފިރިންގެ މެދުގައި އޮންނަ ދެބަސްވުންތަކާ، ހީނަރު ގުޅުމާ، އިޖުތިމާއީ މައްސަލަތަކުގެ އިތުރުން މައިމީހާގެ ނަފްސާނީ ސިއްހަތުގެ ދުޅަހެޔޮކަން ކުޑަވުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މަބަނޑު ދުވަސްވަރު ސްޓްރެސްވުމުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަކީ ޑިޕްރެޝަން، އެންޒައިޓީ ނުވަތަ ސިޒޯފްރޭނިއާ ބަލި ހުންނަ ކުއްޖަކަށްވުމުގެ ފުރުސަތުވެސް އޮވެއެވެ.

ދެން ހަދާނީ ކިހިނެއް؟

މާބަނޑު ދުވަސްވަރު މާ ބޮޑަށް ސްރެސްވުމަކީ އެކަމުގެ ތަކުލީފު ތިމާގެ މުޅި އުމުރަށް އުފުލަންޖެހިދާނެ ކަމެކެވެ. ނަމަވެސް، ނަފްސާނީ ބަލިތަކާ ބެހޭ އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ ޓްރޫޑީ ސެނެވިރަތުނަ ވިދާޅުވީ، ދަރިން ހަލާކުކުރަނީ މައިންކަމުގައި ބުނަން ބޭނުން ނުވާކަމަށާ، ނަމަވެސް، މާބަނޑު ދުވަސްވަރު ސްޓްރެސްވުމުގެ ނޭދެވޭ އަސަރު ދަރިފުޅަށް ކުރާކަމަށެވެ.

ބަލިވެއިންނަ އަންހެން މީހާއަށް އޯގާތެރިކަމާ އަޅާލުން ބޭނުންވެއެވެ. ކުރިމަތިވާ އެކިކަހަލަ ގޮންޖެހުންތައް ގިރާކުރުމުގައި އޭނާއަށް އެއްބާރުލުންދޭންޖެހެއެވެ. މައިން ތަމްރީނުކުރާ ޕްރޮގްރާމްތައް ހިންގަންޖެހެއެވެ. އަރާމުކުރަން ދަސްކޮށްދީ، އަރާމުކުރާނެ ވަގުތުވެސް ބަލިވެ އިންނަ މީހަކަށް ބޭނުންވެއެވެ.

ދަރިފުޅު އުފަންވުމަށްފަހުގައިވެސް މައިމީހާއަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އެއީ އޭނާގެ ބަނޑުން އުފަންވި 7 ވަނަ ދަރިފުޅުކަމުގައިވިއަސް، ނުތަވަ އަލަތު ދަރިފުޅުކަމުގައިވިއަސްމެއެވެ.