މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހަކު ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް، ގޭގައި މަޑުކުރުމަށް އަންގައިފިއެވެ.

މިގޮތަށް އަންގާފައި މިވަނީ ރިޟްވާންގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ހައްޔަރުކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ފުލުހުންނަށް އަންގަވާފައި ވަނިކޮށެވެ. މި މައްސަލާގައި ގޭގައި މަޑުކުރުމަށް އެންގި ދެ ފުލުހުންނަކީ އިންޓަލިޖެންސްގައި މަސައްކަތް ކުރަމުން ދިޔަ ދެ ފުލުހުންނެވެ. މި ދެ މީހުންނަކީ ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމުގެ ގޮތުން ޕާސްޕޯޓެއް ހެދުމަށް އޭރުގެ އިމިގްރޭޝަންގެ ކޮންޓްރޯލާ ހަސަން އަލީއާ ބައްދަލު ކުރެއްވި ދެ ފުލުހުންނެވެ.

ރޭ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގެ ބައްދަލުވުމެއްވެސް މި މައްސަލައާ ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ބައްދަލުވުމަށް ފުލުހުންގެ އިސްވެރިންވެސް ވަނީ ހާޒިރުކޮށްފައެވެ. ނަމަވެސް ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު އިޒްމިއާ ޒާހިރު މީޑިއާއަށް ވިދާޅުވީ ވަޒީފާގެ މަސްއޫލިއްޔަތުން ދުރު ކުރުމަކީ ރަސްމީ މަސައްކަތުން ދުރު ކުރުން ކަމަށެވެ. އިޒްމިއާ ވިދާޅުވީ އެ ދެ ފުލުހުން ސަސްޕެންޑު ކުރާނީ އެ ދެ ފުލުހުންގެ މައްޗަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑްސްއިން ތަހުގީގެއް ކުރުމަށްފަހު އެ މައްސަލާގައި ގޮތް ނިންމުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް އެ މައްސަލަ ވެއްދުުން އެ ބޯޑުން ކަމަށެވެ.

ރިޟްވާންގެ މައްސަލާގައި ހިމެނޭ ދެ އިންޓެލް ފުލުހުން ހައްޔަރު ކުރުމަށް ފުލުހުންނަށް އެންގީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުން ކަމަށް އޭޖީ ބުނެއެވެ. އެ މައްދާގައި ވަނީ، ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރުމަށް ބަންޑާރަނައިބު މަސައްކަތްކުރައްވަން ވާނެ ކަމަށެވެ.

ފުލުހުންނަށް ފޮނުވި ސިޓީގައި، ސެކިއުލާ ފިކުރުގެ ދެމީހަކު ރަހީނު ކުރުމަށް އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވާއިރު، އެކަމަށް ފިޔަވަޅެއް އަޅާފައި ނުވަނީ ކީއްވެގެންކަން ބަލާ ތަހުގީގު ކުރެމަށް އެދިފައިވެއެވެ. އަދި އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ވަޒީފާގެ މަސައްކަތްތަކުން އެކަހެރި ކުރުމަށް ވެސް އޭޖީ ވަނީ އެދިވަޑައިގެންފައެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ، ސެކިއުލާ ފިކުރުގެ ދެމީހަކު ރަހީނު ކުރުމަށް އުޅޭކަމުގެ މައުލޫމާތު 2014 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް އޭ-ގްރޭޑް ސޯސްއަކުން ލިބިފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ރަހީނު ކުރުމަށްޓަކައި ލޯންޗެއް ތައްޔާރު ކުރި ކަންވެސް ފުލުހުންގެ އިންޓެލް އަށް އެނގުނުކަން އެނގިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.