ފާއިތުވީ އަހަރުތައް ނުދެކޭ ފަދަ ވަރުގަދަ ސިލްސިލާ މުޒާހަރާތަކެއްގެ ފެށުން ކަމުގައިވި ހޮންގްކޮންގްގެ އެކްސްޓްރަޑައިޝަން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް އަނބުރާ ގެންދެވުމަށް، ހޮންގްކޮންގްގެ ލީޑަރު ކެރީ ލޭމް ނިންމަވައިފިއެވެ.

ހޮންގްކޮންގްގެ އެކްސްޓްރަޑައިޝަން ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަކީ ހޮންގްކޮންގްގެ ޖިނާއީ ކުށްވެރިން ޗައިނާގެ މައި ސަރުކާރުގެ ނުފޫޒުގެ ދަށުން ޗައިނާގައި ހިންގާ ކޯޓުތަކަށް ހާޒިރުކޮށްގެން ޝަރިޔަތް ހިންގާ، ހުކުމް ތަންފީޒު ކުރުވުމަށް ބާރުދޭ ބިލެކެވެ.

މި ބިލުގެ މައްސަލާގައި ހޮންގްކޮންގްގައި ވަރުގަދަ ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ބިލުގެ ސަބަބުން މައާފު ނުދެވޭ ވަރުގެ ތަކުލީފުތަކެއް އުފުލަންޖެހުނު ކަމަށް ކެރީ ލޭމް ވަނީ ވިދާޅުވެފައެވެ. މީގެ ދެދުވަހެއްހާ ދުވަސްކުރިން ލީކުވި އޯޑިއޯ ރެކޯޑިންގްއެއްގައި ކެރީ ލޭމް ވަނީ، ވެގެންވިއްޔާ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން، އިސްތިއުފާވެސް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ބިލްގެ މައްސަލާގައި މާޗްމަހު ފެށި މުޒާހަރާތައް، ހޮންގްކޮންގްގައި ޑިމޮކްރަސީ ގާއިމުކުރުމަށް ގޮވާލާ މިނިވަންކަމުގެ މުޒާހަރާއަކަށް ވަނީ ބަދަލުވެފައެވެ. މިފަދަ ދަނޑިވަޅެއްގައި، ހަމައެކަނި ބިލް އަނބުރާ ގެންގޮސް މަސްރަހަށް ފިނިކަމެއް ލިބިދާނެ ކަމާ މެދު މުރާސިލުން ދަނީ ސުވާލު އުފައްދަމުންނެވެ.

ފާއިތުވ ދުވަސްތަކުގައި މުޒާހަރާކުރި މީހުންގެ ރުޅި މަޑުވެފައި ނުވާކަމަށް ޚަބަރުތައް ބުނެއެވެ. މުޒާހަރާތަކާ ގުޅިގެން 1100އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، މުޒާހަރާގެ ބައިވެރިން މިހާރު ޑިމާންޑްކުރަމުންދަނީ ފުލުހުން ދިން ލާއިންސާނީ އަނިޔާތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށެވެ.