އެރޯމާތެރަޕީ އަކީ ވަހުގެ ޒަރިއްޔާއިން ތަފާތު އެކި ކަހަލަ ނުތަނަވަސްކަމާ އުނދަގޫތަކަށް ކެމިކަލް ބޭހާއި ނުލާ ފަރުވާ ހޯދާދޭ ތެރަޕީއެކެވެ. އެރޯމާ ތެރަޕީއަކީ މިއަދު ދިވެހިންނަށްވެސް އާ ކަމެއް ނޫނެވެ. ހިއުމިޑިފައިއަކަށް އެރޯމާ ތެރަޕީ ތެޔޮކޮޅެއް އެޅުމަށްފަހު ފެން އަޅައިގެން އެ ބޭނުން ނުކުރާ ގެއެއެއް ނުވަތަ އޮފީހެއް ނުވަތަ ފިހާރައެއްވެސް މަދުވާނެއެވެ.

ސަމާލުކަން ނުދެވި އޮންނަ ކަމަކަކީ، އެހެނިހެން ބޭސްފަރުވާ އެކޭ އެއްފަދައިން އެރޯމާ ތެރަޕީއަކީވެސް އޭގައި ސައިޑްއިފެކްޓްސްތަކެއް ހުންނަ ތެރަޕީއެއް ކަމެވެ. ބޭހަކާ މީހަކު ނުގުޅޭ ފަދައިން އެރޯމާތެރަޕީއާއި ނުގުޅޭ މީހުންވެސް ތިބެދާނެއެވެ. އެކި މީހުން ނުގުޅޭނީވެސް އެކި ގޮތަށެވެ.

އެލާޖިކްވުން

އެރޯމާ ތެރަޕީގައި ބޭނުންކުރާ އެސެންޝަލް އޮއިލްސްއަކީ ގުދުރަތީ މާއްދާތަކުން ހާނާފައިވާ ތެލެއް ކަމަކު އެއާ ނުގުޅޭ މީހުން ތިބެދާނެއެވެ. ބައެއް މީހުންނަށް ވަސްޖެހިގެން މިކަމުގެ އުނދަގޫތައް ކުރިމަތިވާއިރު، އެރޯމާ ތެރަޕީގެ ތެރޭގައި ހިމެނޭ އެސެންޝަން އޮއިލް މަސާޖުތަކުގެ ސަބަބުންވެސް ބައެއް މީހުން އެލާޖިކުވަ ގޮތްވެއެވެ. އެސެންޝަން އޮއިލްސްއަށް އެންމެ އާންމުކޮށް އެލާޖިކް ވާ މީހުންގެ ތެރޭގައި ނޭވާ ހިއްލާ މީހުންގެ އިތުރުން، އެކި ކަހަލަ ގަސްގަހާ، މާމެލާމެހީގެ ވަހާއި ކުނޑިޖެހިގެން އެލާޖިކްވާ މީހުން ހިމެނެއެވެ.

އެރޯމާތެރަޕީ ސެޝަނަކަށް ތައްޔާރުވާން އެސެންޝަލް އޮއިލް އަޅަނީ/ފޮޓޯ: ޑެބީޒްހެލްތްފުޑްސް

ފޮޓޯ-ޓޮކްސިސިޓީ

ހުތް ނުވަތަ ސިޓްސް އެކުލެވޭ އެސެންޝަލް އޮއިލްތައް ބޭނުންކުރުމުގެ ސަބަބުން، އިރުން ބޭރުވެގެން އަންނަ އަލްޓްރާވައިލެޓް (ޔޫވީ) ދޯދިތަކަށް ހަންގަނޑު ސެންސިޓިވްވާގޮތްވެއެވެ. އެހެންކަމުން ލުނބޯ، އޮރެންޖް އަދި ގްރޭޕްފުރުޓް ފަދަ ސިޓްސްރަސް އެސެންޝަލް އޮއިލް ބޭނުންކުރާ ފަރާތްތަކުން، އެމީހުންގެ ގައިގެ ހަންގަނޑަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. މިފަދަ އެސެންޝަލް އޮއިލް ބޭނުން ކުރާނަމަ ސަންސްކްރީން ބޭނުން ކުރުން ބުއްދިވެރިއެވެ. އަދި މިފަދަ ތެޔޮތައް ބޭނުންކޮށްގެން ސީދާ އަވީގައި ނުޖެހުމަށްވެސް ސަމާލުކަންދޭންވާނެއެވެ.

ބޮލުގައި ރިހުމާ އެނބުރުން އެރުން

ހޮޑުލަވާ، ބޯއަނގުރާ ގޮތްވުމާ، ބޮލުގައި ރިހުމަކީވެސް އެރޯމާތެރަޕީގެ ސަބަބުން ބައެއް މީހުންނަށް ކުރިމަތިލާންޖެހޭ ތަކުލީފުތަކެކެވެ. ނަމަވެސް މިފަދަ އުނދަގޫތަކަކީ އެހެން ސަބަބަކާ ނުލާ ކުރިމަތިވި މައްސަލަތަކެއްކަމަށް ވަނީނަމަ އެރޯމާތެރަޕީގެ ދުން އަޅާފައި ހުންނަ ތަނަކުން ދުރަށް ދިއުމުން، ނުވަތަ ގައިގައި ލާފައި ހުރި ތެޔޮތައް ސާފުކޮށްލުމުން އެ އުނދަގޫތަކުން ސަލާމަތްވާންޖެހޭނެއެވެ.

ސަމާލުވާންވީ ކޮން ކަމަކަށް؟

އެންމެ މުހިންމު ސަމާލުކަމެއް ދޭންވީ އޮރިޖިނަލް އުފެއްދުންތައް ބޭނުންކުރުމަށެވެ. ޖީބަށް ލުޔެއް ކަމަކު، މަސްނޫއީ އުފެއްދުންތައް ބޭނުންކުރުމުގެ ސަބަބުން ސިއްހަތަށް ލިބޭ ދިގުމުއްދަތުގެ ގެއްލުން މާ ބޮޑެވެ.

އެރޯމާތެރަޕީއަކީ ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން ދޭ ތެރަޕީއެއް ނަމަވެސް، މާބަނޑު ދުވަސްވަރު މިކަމުން ދުރުވާންޖެހެއެވެ. މީގެ އިތުރުން ގައިގައި ތެޔޮ އުނގުޅައިގެން ނަގާ އެރޯމާތެރަޕީ ސެޝަންތަކަކީ ގާތުން ކިރުދޭ މައިން ހިޔާރު ކުރުން ރަނގަޅު ތެރަޕީއެއް ނޫނެވެ. އެހެނީ، ހަމާއި ހަންގަނޑު ޖެހިގެން ދަރިފުޅަށް އެތުލުގެ އަސަރު ކުރުމުގެ ފުރުސަތު އޮތަތީއެވެ. މީގެ އިތުރުން ލޭ މައްޗަށްދާ މީހުންނަކީވެސް އެރޯމާތެރަޕީގެ ބައެއް ކަހަލަ ތެޔޮތައް ބޭނުންކުރުމާ ދުރުވާންޖެހޭ ބައެކެވެ. އެގޮތުން ރޯޒްމެރީ، ސްޕައިކް ލެވެންޑާ، އަދި ސިނަމަން (ފޮނިތޮށި) ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ އެސެންޝަލް އޮއިލްސްއާއި ދުރުވާންޖެހެއެވެ. އެހެނީ، މި ބާވަތްތަކަކީ ލޭގެ ހިނގުމުގެ ދުވެލި ހަލުވި ކޮށްދޭ ބާވަތްތަކަކަށްވާކަމެވެ.