ހޮންގްކޮންގްގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތައް އަނެއްކާވެސް ބައިނަލްއަގުވާމީ ވައިގެ ބަނދަރާ ދިމާލަށް މިސްރާބު ޖެހުމާއެކު، ހޮންގްކޮންގްގެ ވައިގެ އުދުހުންތަކަށް ބުރޫ އަރައިފިއެވެ.
މުޒާހަރާގެ ބައިވެރިން ނިކުމެ، ހޮންގްކޮންގްގެ މައި ވައިގެ ބަނދަރަށް ދެވެން އޮންނަ މަގުތައް ބަންދުކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ފްލައިޓްތަކެއް ވަނީ ކެންސަލްކޮށްފައެވެ. މިއާއެކު ވައިގެބަނދަރުގެ ފުރާ މީހުންގެ ގިމަތަ ފުރިބާރުވެފައިވާކަމަށް ހޮންގްކޮންގްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
ވައިގެބަނދަރުގައި އޮޕަރޭޓްކުރާ އެއް ގަމު އުޅަނދުތަކުގެ ދަތުރުފަތުރު ވެސް ވަނީ މެދުކަނޑާލާފައެވެ. މި ހިދުމަތް މެދުކަނޑާލާފައި ވަނީ ވެސް މުޒާހަރާގެ ބައިވެރިވެރިންގެ ހުރަސް އެޅުންތަކާ އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ.
މަގުތަކަށް ނިކުމެ ދަތުރުފަތުރަށް ހުރަސްއަޅާ މީހުން ތިބެނީ ކަޅު ކުލައިގެ އެއްޗިހި ލައިގެންނެވެ. އަދި ސީސީޓީވީ ފުޓޭޖުން އެއީ ކޮންބައެއްކަން އެނގިދާނެތީ، މޫނު ނިވާވާނެހެން، އެންމެން ކަހަލަ ގޮތަކަށް ތިބެނީ ކުޑަވެސް ނަގައިގެންނެވެ.
3 މަހެއްހާ ދުވަހަށް ދިގުލާ ގޮސްފައިވާ ހޮންގްކޮންގްގެ ވަރުގަދަ މުޒާހަރާތައް ފެށުނީ، ޗައިނާގެ މައި ސަރުކާރުގެ ދަށުން ހިންގާ ކޯޓުތަކަށް ބާރު ލިބޭ ގޮތަށް، ހޮންގްކޮންގްގެ ކުށްވެރިން ޗައިނާއަށް ގެންގޮސްގެން ޝަރިޔަތްކޮށް ހުކުމް ތަންފީޒުކުރާ ގޮތަށް އެކްސްޓްރަޑައިޝަން ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅިގެންނެވެ. މި އިސްލާހަށް ހޮންގްކޮންގްގެ ސަރުކާރުން ތާއީދުކުރެއެވެ. މި ބިލުގެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލާފައި އޮތް ނަމަވެސް، ހޮންގްކޮންގްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ ވަރުގަދަ ހަރަކާތަކަށް ވަނީ ބަދަލުވެފައެވެ.
1997 ވަނަ އަހަރު އިނގިރޭސި އިސްތިއުމާރީ އަޅުވެތިކަމުން މިނިވަންވުމަށްފަހު، ހޮންގްކޮންގް އޮންނަނީ ޗައިނާގެ އިދާރީ ދާއިރާއެއްގެ ގޮތުގައެވެ.