މިދިޔަ ބުރާސްފަތި ދުވަހު މުޅި ގައުމު ސިއްސުވާލި ލޯންޗު ބަންޑުން ޖަހާލުމުގެ ހިތާވެރި ހާދިސާ ހިނގި ގޮތް ލޯންޗް ކައްޕިގެ ގާތް އެކުވެރިއަކު 'ދަ ޕްރެސް' އަށް ކިޔައި ދީފިއެވެ.

އުޑުމަތި މާ ސާފު ނޫނަސް ބުރާސްފަތި ދުވަހަކީވެސް އާންމު ބަހުރުވައިން ނަމަ، ބަނަ ދުވަހެކެވެ. އާންމު މޫސުމަށް ވުރެ ވައި ބާރުވުން ފިޔަވާ ހަނިމާދޫ ސަރަހައްދަށް އެ ދުވަހަކީ 'އެހާ ބަނަ ނުވަތަ އެހާ ސާފު' ދުވަހެއް ނޫނެވެ.

10 މީހުންނާއެކު ހދ ނޮޅިވަރަމްފަރުން ލޯންޗު ނައްޓާލީ އެ ދުވަހު އިންޑިއާއިން ހަމިނާދުއަށް ޖައްސާފައި ހަނިމާދުއިން މާލެއަށް ދަތުރު ކުރަން އޮތް ފްލައިޓަށް ދިޔުމަށެވެ. ދަތުރުގެ ބައިވެރިން ފުރި އިރު އެ ދުވަހުގެ މޫސުން ގޯސްވެ ހަނިމާދުއަށް ޖައްސަން އޮތް ފްލައިޓް ހަނިމާދުއަށް ނުޖައްސާ މާލެ ދާ ކަމެއް ނޭނގެއެވެ. އެ ފްލައިޓް ހަނިމާދުއަށް ނުޖެއްސީ ހަނިމާދޫ މަތީގައި ވިލާ ބޯވުމާއި ވައިގަދަވުމުގެ ސަބަބުން ޖެއްސޭގެ ގޮތް ނުވެގެން ކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ.

ލޯންޗު ފުރުން

އާދައިގެ މަތިން ފޮށިތަންމަތި ބަރުކޮށްގެން ނޮޅިވަރަމްފަރު ބަނދަރުން ލޯންޗު ފުރީ ހަނިމާދޫ ކަނޑިންމައިން ވަންނާށެވެ. ނަމަވެސް ފުރިތާ ގިނަ އިރުތަކެއް ނުވެ ކޮޅިގަނޑުގެ ބާރު ވައި އަންނަން ފެށުމުން ކައްޕި ގަސްދު ކުރީ، އެހެންޏާވެސް ހަނިމާދުއަށް ވަދެ ހަދާ ނެރަކުން ވަންނާށެވެ. މަގު ކުރު ކުރުމަށާއި، ކޮޅިގަނޑުގެ ވައިން ސަލާމަތް ވުމަށެވެ.

އެ ދުވަހު ހާއްސަ އެހެން ކަމެއްވެސް ހިނގިއެވެ. އެއީ ލޯންޗު ދުއްވަން ހުރި ކައްޕިއެވެ. އެ ދުވަހު ލޯންޗު ދުއްވަން ހުރީ ބާރު ކަނޑުތަކަށްވެސް ފަރިތަ ކައްޕިއެކެވެ. ހާއްސަކޮށް ހދ ގެ އެ ސަރަހައްދުގެ ގިނަ ބައެއްގެ މަގުބޫލު ކައްޕިއެކެވެ. އެއީ ނޮޅިވަރަމް ސިރާޖު އަދުނާނެވެ. ލޯންޗު ދުއްވަން ހުރީ ސިރާޖު ނަމަވެސް އޭނާގެ ކައިރީގައި ލޯންޗުގެ ކައްޕި، އަލީވެސް ހުއްޓެވެ. ސިރާޖު ކައްޕި މާލޭގައި ހުރެފައި ދަތުރު ވަރެއްގައި ގޮސް ހުއްޓާ އެ ދުވަހު ދަތުރަށް އެރީ އަލީ ކައްޕިގެ އެދުމަކަށެވެ. އެއީ އުޑުމަތި ބަނަކޮށް އޮތުމާވެސް އެކު ސިރާޖު ކައްޕީގެ ކުޅަދާނަ ކަމުން އޭނާއާ އެކު ހަނިމާދުއަށް ގޮސްލަން އެދުމުންނެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާ ކުރެހުމުން

ލޯންޗު ބަންޑުން ޖަހާލުން

"ލޯންޗު ބަންޑުން ޖަހާލި ރާޅު ޖެހީ ލޯންޗުގެ ފަހަތުކޮޅުން މެދަކާ ދިމާލަށް" ލޯންޗު ބަންޑުން ޖަހާލި ގޮތް ކައްޕިގެ ފަރާތުން 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން ބުންޏެވެ.

"އެ ތާނގައި ހުރީ ހުސް ގޮށް ރާޅު، އެހެންޏާވެސް ރާޅު ހުންނާނެ، އެކަމަކު އެދުވަހުގެ ރާޅުތައް ވަރުގަދަ، ލޯންޗުގެ މެދަކާ ދިމާލަށް ޖެހި ގޮތަށް ލޯންޗު ބަންޑުން ޖަހާލީ" އޭނާ ކިޔައި ދިނެވެ. އޭނާ އިތުރަށް ބުނީ ލޯންޗު ބަންޑުން ޖަހާލުމުގައި ލޯންޗު ހިމަ ވުމާއި އޭގެ ގެގަނޑު އުސްވުން އެއީ ސަބަބެއްކަމަށް ވެދާނެ ކަމަށެވެ. އަދި އެ ގޮށް ރާޅުތަކުގެ ތެރޭގައި ލޯންޗުގެ ދުވެލި ތަނކޮޅެއް މަޑުވުމަކީވެސް ސަބަބެއް ކަމަށް ވެދާނެ ކަމަށެވެ.

"ނަމަވެސް ކައްޕި ލޯންޗު ވައްދަން މަސައްކަތް ކުރީ އެފަދަ ހާލަތެއްގައި އެކަން ކުރެވޭނެ އެންމެ ރަނގަޅަކަށް" އޭނާ އިތުރަށް ބުންޏެވެ.

ލޯންޗު ބަނޑުން ޖަހާލުމާއެކު ފުރަތަމަ އަޑިއަށް ދިޔައީ ލޯންޗުގެ ފަހަތުކޮޅު ކަމަށް އޭނާ ބުންޏެވެ. އެއާއެކު ލޯންޗުގެ ތެރެއަށް ލޮނުގަނޑު ވަދެ ފުރެމުން ދިޔައެވެ. ލޯންޗުގައި ތިބި މީހުނަށް ހަރަކާތެއް ކުރާނެ ވަގުތުވެސް ނުލިބިއެވެ. އެހެން ނަމަވެސް ލޯންޗުގައި ތިބި އެންމެންވެސް ސަލާމަތުން ނުކުމެވޭތޯ މަސައްކަތް ކުރިއެވެ. ފުރަތަމަ ނުކުތް މީހުންގެ ތެރޭގައި ހަނިމާދުއަށް އަރާ ލޯންޗު ބަންޑުން ޖަހާލި ހަބަރު ދިން އަލީ ކައްޕި ހިމެނެއެވެ. ސިރާޖު ކައްޕި މަޑު ކުރީއެވެ. ލޯންޗު ތެރޭގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާށެވެ.

"ލޯންޗު ހިމަވުމުގެ ސަބަބުން ލޯންޗުގެ ދޮރުވެސް ހިމަ، އެހެންވިޔަސް ފަހަރަކު މީހަކު ބޭރަށް ނެރެމުން ދިޔައީ" މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރި ގޮތް ކިޔައި ދެމުން ބުންޏެވެ. ލޯންޗުން 3 މީހަކު ނެރެވުނު އިރު ލޮނުގަނޑު ވަދެ އެތެރެ އެއްކޮށް ފުރިއްޖެއެވެ. އޭރު ލޯންޗުގައި ހުރި ލަގޭޖުތައް މައްޗައް އަރާ ލޯންޗުގެ ދޮރުގައި ތާށިވަމުންވެސް ދިޔައެވެ. އެވަރުންވެސް ލޯންޗު ތެރޭގައި ތިބި މީހުން ނެރުމަށް ސިރާޖު ކައްޕި ދިޔައީ މަސައްކަތް ކުރަމުންނެވެ.

"ނޭނގެ ނެރެވުނު ވަރެއް، އެކަމަކު ހަތަރު ފަސް މީހަކާއެކު ލޯންޗުގެ ފަހަތުގައި ހިފަހައްޓައިގެން އޮތިން، އޭރު ދެ މީހަކު ހަރަކާތް ނުކުރޭ" ސިރާޖު ކައްޕީގެ ހަރަކާތްތައް ކިޔައިދެމުން ބުންޏެވެ. އޭނާ އިތުރަށް ބުނީ ހަރަކާތެއް ނެތް މީހުންވެސް ދޫކޮށް ނުލައި ކަމަށާ އެހީއެއް އަންނަން ދެން ހިފަހައްޓައިގެން އޮތް ކަމަށެވެ.

އޭރު ލޯންޗު އޮޔާވެސް ދަނީއެވެ. އިއްތިފާގުން އޮއެ ހުރީ އެއްގަމަށް ކަމުން ލޯންޗު އެއްގަން ވަމުން ދިޔައެވެ. ހަމަ އެ ވަގުތުކޮޅުގެ ތެރޭގައި ލޯންޗުގެ އިންޖީނުން ތެޔޮ ލީކުވެ މުޅިތަނަށް އޮތީ ފެތުރިފައެވެ.

ލޮނު ބޮވޭކަމެއް ނުވަތަ ނުބޮވޭކަމެއް އެނގޭ ހާލަތެއް ނޫން ކަމަށް ކިޔައި ދެމުން އޭނާ ބުނީ އެވަގުތު މަސައްކަތް ކުރީ މީހުން ސަލާމަތް ކުރެވޭތޯ ކަމަށެވެ. އަދި ބަޔަކު ނިޔާވިކަން ސާފުވީ ފަހުން ކަމަށްވެސް އޭނާ ބުންޏެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ހިމެނޭ އެއް އާއިލާއެއްގެ ހަތަރު މީހުން

ބައެއް މަސްދަރުތަކުން 'ދަ ޕްރެސް' އަށް ކުރިން އެނގިފައި އޮތީ ލޯންޗު ބަންޑުން ޖަހާލުމާއެކު ސަލާމަތް ވުމަށް ނުކުތް މީހުންގެ ތެރެއިން ދެމީހަކު އިންޖީނު ކޮޅުގައި އޮތް އިރު 3 މީހަކު ލޯންޗުގަނޑުގެ މަތީގައި ތިބި ކަމަށެވެ. އަދި އޭރު ދެމީހަކު އޮޔާ ދާކަމަށްވެސް ކުރިން ލިބިފައި ހުރި މައުލޫމާތުތައް ބުނެއެވެ.

ނިޔާވި މީހުން

ކައްޕިގެ ފަރާތުން ކިޔައިދިން އެކުވެރިޔާ ބުނީ ލޯންޗުގެ ފަހަތުކޮޅުގައި ހިފަހައްޓައިގެން ތިބި އިރު ދެމީހެއްގެ ހަރަކާތް ނެތް ކަމަށެވެ. އެއީ ނިޔާވެފައި ވާކަމަށް އެންމެ ފުރަތަމަ މައުލޫމާތު ލިބުނު ދެ މީހުންނެވެ. އެ ދުވަހުގެ ހަބަރު ތަކުގައި އެވާހަކަ ވާނީ ގެނެސްދެވިފައެވެ.

ކަނޑުމަތިން ފެނުނު އެންމެން ހަނިމާދޫ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭގެ ތެރޭގައި ކައްޕިއާއެކު ދިރިހުރި 3 މީހުން ހިމެނެއެވެ. ނަމަވެސް އޭރު ނުފެންނަ 4 މީހަކު ވާކަންވެސް އެދުވަހުގެ ހަބަރުތަކުގައި ވާނީ ގެނެސްދީފައެވެ. ސަލާމަތީ ބާރުތަކުން އޭގެ ތެރެއިން 3 މީހުން ހޯދީ މޫދު ތެރެއިންނެވެ. ކައްޕި ކިޔައިދިން ގޮތުން ވިއްޔާ އެމީހުން ތިބީ މޫދު އަޑިން ފަރުމަތީގައެވެ. ކައްޕިގެ ފަރާތުން މައުލޫމާތު ސާފުވި ގޮތުގައި އެ ސަރަހައްދުން ފެނުނު 3 މީހުންގެ ތެރެއިން އެކަކީ ނޮޅިވަރަމްފަރު ސްކޫލުގެ "ބޮޑު ޓީޗަރު" އެވެ. އޭނާ އަޑިއަށް ދިޔައީ އެ ރާޅުތަކުގެ ތެރޭގައި ހާސްވެގެން ކަމަށް ވަނީ އެނގިފައެވެ.

"އޭނާއަކީ ފިރިހެނެއް ވީމައި ލޯންޗުން ނެރެފައި އޮއްވާ، ރާޅު ބޮޑުވެ ހާސްވެގެން އަޑިއަށް ދިޔަ ކަމަށް ބެލެވެނީ" ބޮޑު ޓީޗަރުގެ ވަކިވުން ކިޔައި ދެމުން ކައްޕިގެ ރަހުމަތްތެރިޔާ ބުންޏެވެ.

ކައްޕިގެ ރަހުމަތްތެރިޔާ ބުނި ގޮތުން ވިއްޔާ މޫދު އަޑީގައި ފަރުމަތީގައި ތިބީ ބޮޑު ޓީޗަރުގެ ކާފަ ދަރިފުޅާއި އަންހެނެކެވެ. އެކަން އޭނާއަށް އެނގުނީ ފަރުމަތިން ނެގި ދެމީހުންގެ ތެރޭގައި ކުޑަ ކުއްޖާ ހިމެނޭތީ ކަމަށް އޭނާ ބުންޏެވެ.

ލޯންޗުން ދަތުރު ކުރި 9 މީހުން ފެނުނު އިރު އެކަކު ނުފެނި ގިނަ އިރުތަކެއް ވި ކަން އެ ދުވަހުގެ ހަބަރުތަކުން އެނގޭނެއެވެ. ކައްޕިގެ ފަރާތުން ސާފުވި ގޮތުގައި އެމީހާ އޮތީ ބަންޑުން ޖަހާލި ލޯންޗު ތެރޭގައެވެ. ލޯންޗު އޮޔާ އޮވެ ރަށުގެ އެއްގަމަށް ލައްގަމުން ދިޔަ އިރު އޭނާ އޮތީ އޭގެތެރޭގައި ތާށިވެފައެވެ.

'ދަ ޕްރެސް' އަށް އެގިފައިވާ ގޮތުގައި އޭނާ ފެނުނީ ލޯންޗް އެއްގަން ވެ އޭގެ ތެރެއިން ލޮނުގަނޑު ނުކުތް ވަގުތު ލޮނާއެކު ހަށިގަނޑު ބޭރަށް ނުކުތުމުންނެވެ. އޭރު އެ ހަށިގަނޑު އޮތީ ޕެޓްރޯލުގެ އަސަރު ކޮށްގެން ވަރަށް ބޮޑަށް ފިހިފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ނިޔާވި މީހުންގެ ތެރޭގައި ބޮޑު ޓީޗަރާއި އޭނާގެ އަންހެނުންނާއި، އަންހެން ދަރިފުޅާއި ކާފަ ދަރިފުޅު ހިމެނެނީ އެއް އާއިލާއެއްގައެވެ. ދެން ނިޔާވި އަންހެން މީހާ އަކީވެސް އެ އާއިލާއާ ގާތް މީހެކެވެ. އެ ހިތާމަވެރި ހާދިސާގައި ސަލާމަތްވި މީހުންގެ ތެރޭގައިވެސް ބޮޑު ޓީޗަރު އާއިލާއާ ގާތް މީހުން ހިމެނެއެވެ.

ދިވެހި ހުރިހާ ހިތްތަކެއް ރޮއްވާލި އެ ހިތާމަވެރި ހާދިސާއަކީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ ފުރާނަ ގެއްލިގެން ދިޔަ ހާދިސާއެވެ. އެ ހާދިސާގެ ހަނދާންތައް ދިވެހިންގެ ހިތްތަކުގައި ގައިދު ކޮށްފިއެވެ. ބޮޑު ޓީޗަރުގެ އާއިލާއާއި ލޯންޗުން ދަތުރު ކުރި އެންމެހާ ފަރާތްތަކުގެ ހިތްވަރުން ހިތްވަރު ލިބިގަންނަމުންނެވެ. އެ ހާދިސާ އަކީ މާޒީ ކަމުގައި ބަލައި ކުރިއަށް ހިނގަމުންނެވެ.