ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސްތުވާ ތަކެއްޗަށް ހިތްވަރުދޭތީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އުމަރު މިހެން ވިދާޅުވެ އޭނާގެ ފޭސްބުކްގައި ޕޯސްޓު ކުރައްވާފައި ވަނީ ބާރުގަދަ މަސްތުވާތަކެއްޗާއި ބާރު ދަށް މަސްތުވާތަކެއްޗާއި ހިކި އަދި ދިޔާ މަސްތުވާތަކެއްޗާ ހެދި ރާއްޖޭގެ އެތައް އާއިލާތަކެއް ރޫޅިފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ ގައުމުގެ އުފެއްދުންތެރިކަން ގެއްލި އެތަށް މަސައްކަތްތަކެއް ބިދޭސީން މިއަދު ނަގާފައިވާ ކަމަށާ ގައުމުގެ އަމާންކަމާއި މިނިވަންކަން ވެސް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އިސްލާމް ދީނާ ކައިރިވެގެން ނޫނީ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލު ލިބިގެން ނުދާނެ އެވެ.

އުމަރު މިހެން ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީގެ "ޒުވާނުންގެ ކޮންގްރެސް 2019" ގައި ވާހަކަފުޅު ދައްކަވަމުން، ދިވެހި ޒުވާނުންނަށް ބާރުގަދަ ޑްރަގް ދޫކުރުން އަދި ބެހުން އެއީ ރާވައިގެން ހިންގި ކަމެއް ކަމަށް ވިދާޅުވި ފަހުންނެވެ. ނަޝީދު ވިދާޅުވީ، ރާއްޖޭގައި ހަކުރު ބޯން ފެށީ 1994 ވަނަ އަހަރު ކަމަށާއި، ހަކުރު ބޯން ފެށުމުގެ ކުރިން ވެސް ކުރި ކަމެއް އެމަނިކުފާނުގެ ހަނދާނުގައި އެބަހުރި ކަމަށެވެ. އަދި އެއީ އެއިރު މާލޭގައި ތިބި ފަތްބޯ ހުރިހާ އެންމެން ހިފާ ހައްޔަރުކޮށް، ފަތްވިއްކާ ހުރިހާ އެންމެން ވެސް ހިފާ ހައްޔަރުކުުރުން ކަމަށެވެ. ނަމަވެސް ދެން ކުއްލިއަކަށް ފެނިގެން ދިޔައީ މާ ވަރުގަދަ އެއްޗެއް މާލެތެރޭގައި އުޅޭތަން ކަމަށާއި، އެއީ ހަކުރު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަދާ ހަމައަށް އައި އިރު ވެސް އެކަމަކުން އަރައި ނުގަނެވޭ ކަމަށެވެ. އަދި އެ ކަމުގައި އެހެން ވިސްނުމެއް ގެންނާކަށް ވެސް އެނގިވަޑައި ނުގެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.