ދުނިޔޭގެ އެންމެ ބިޔަ، ގުދުރަތީ ފަރުގެ ގޮތުގައި ސިފަކުރަމުން އަންނަ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް އިންތިހާ ދަރަޖައަށް ހަލާކުވެފައިވާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުމީ ނޭދެވާ ބަދަލުތަކާ، ހައްދުފަހަނައަޅާ ގޮސްފައިވާ މަސްވެރިކަމާ، ބިން ސާފުކުރުމުގެ މަޝްރޫއުތަކުގެ ސަބަބުން ގްރޭޓް ބެރިއާ ރީފް ހަލާކުވެފައިވާލެއް ބޮޑުކަމުން މި ފަރުގެ ދަރަޖަ ވަނީ އެންމެ ދަށް ގިންތިއަށް ބަދަލުކޮށްފައެވެ. މިއާއެކު މި ފަރަށް ލިބިފައިވާ ދުނިޔޭގެ ތަރިކައިގެ ދަރަޖަ ގެއްލުމުގެ ފުރުސަތުވެސް އެބައެވެ.

ގްރޭޓް ބެރިއާ ރީފް މެރިން ޕާކް އޮތޯރިޓީ (ޖީބީއާރްއެމްޕީއޭ)އިން ބުނީ، ކުއީންސްލަންޑް ސްޓޭޓްގެ އިރުތުރުން އޮންނަ މި ފަރުގެ ދިރާސާއެއް އެންމެ ފަހުން ކުރި 2014 ވަނަ އަހަރާ އަޅާ ބަލާއިރު، ފަރުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށާ، މި ގެއްލުންތަކީ އިޔާދަކުރަން ތަދި މިންވަރަކަށް ކުރިމަތިވެފައިވާގެއްލުންތަކެއް ކަމަށެވެ.

މިކަން ބަދަލުކުރެވެން އޮތް އެންމެ ބަރުގަދަ އަދި އެންމެ އެންމެ ރައްކާތެރި ގޮތަކީ، ފަރު އިޔާދަކުރަނިވި އުސޫލުތަކަކަށް ދޭސީ ފަރާތްތަކުގެ އަމަލުތައް ބަދަލުކޮށް، މޫސުމީ ނޭދެވޭ ބަދަލުތަކަށް ބަވަނަވަންތަ ގޮތެއްގައި މަސައްކަތް ކުރުން ކަމަށް ޖީބީއާރްއެމްޕީއޭގެ ޗީފް ސައިންޓިސްޓެއް ކަމަށްވާ ޑޭވިޑް ވޯޝެންފެލްޑްވަނީ ފާހަގަކުރައްވާފައެވެ.

ގާތްގަނޑަކަށް 1430 މޭލަށް ދެމިގެންދާ ގްރޭޓް ބެރިއާ ރީފްއަކީ 400 ބާވަތެއްގެ މުރަކައިގެ ވަޒަނެވެ. މި ފަރުގައި ދިރިއުޅޭ މަސްމަހާމެހީގެ ވައްތަރުތަކުގެ އަދަދު 1500 އަށް އަރާއިރު، މަޑުހަށިގަނޑު ލީ މޮލަސްކްސް ޒާތުގެ 4000 ވައްތަރެއްގެ ދިރޭތަކެތި މި ފަރުން ވަނީ ފެނިފައެވެ.

ޔުނެސްކޯއިން ކަނޑައަޅާފައިވާ ވާލްޑް ހެރިޓޭޖް ސައިޓްގެ ދަރަޖައާއި މެދު ގޮތެއް ނިންމާނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.