އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން، 6 ވައްތަރެއްގެ ޕްލާސްޓިކް އައިޓަމްތައް އިންޑިއާގައި ގެންގުޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމުގައި ކަނޑައަޅައިފިއެވެ.

ދުނިޔޭގެ އެންމެ ތަޣައްޔަރުވެފައިވާ ގައުމުތަކުގެ ލިސްޓުތަކުގެ އެންމެ ކުރިން ޖާގަ ހޯދަމުން އަންނަ އިންޑިއާއިން ޕްލާސްޓިކާ ދެކޮޅަށް ފަށާފައިވާ ގައުމީ މަސައްކަތްތަކުގެ ތެރެއިން، އެގައުމުގެ ހުރިހާ ހިސާބެއްގައި ގެންގުޅުން މަނާ ޕްލާސްޓިކް އައިޓަމްތަކުގެ ތެރޭގައި އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޕްލާސްޓިކް ތައްޓާ، ހޮޅީގެ އިތުރުން ކޮތަޅުވެސް ހިމެނެއެވެ. މީގެ އިތުރުން ޕްލާސްޓިކް ކުދި ފުޅިއާއި، އެކި ކަހަލަ ޕެކެޓްވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ 2022 ވަނަ އަހަރު އަންނައިރު އިންޑިއާއިން ޕްލާސްޓިކް ނައްތާލުމަށް ހާއްސާ ކެމްޕޭނެއް ފައްޓަވާފައެވެ.

އިންޑިއާގެ މިނިވަންކަމުގެ ބާނީގެ ގޮތުގައި އެގައުމުން ސިފަކުރަމުން އަންނަ މަހާތަމާ ގާންދީގެ އުފަންދުވަހާ ގުޅުވައިގެން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިންޑިއާގައި ޕްލާސްޓިކާ ދެކޮޅަށް ހަރުކަށި ބަދަލެއް ގެންނައިރު، މި ބަދަލަކީ ޕްލާސްޓިކް އުފެއްދުމާ، އިމްޕޯޓްކުރުމުގެ މައްޗަށްވެސް ތަންފީޒުކުރެވިގެންދާނެ ބަދަލެއްކަމަށް އިންޑިއާގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ މައި ސަރުކާރުން ދަނީ އެގައުމުގައި ބޭނުންކުރާ ޕްލާސްޓިކަކީ ވަކި ކޮލިޓީއަކާ ޝަރުތުތަކެއް ހަމަވާ ޕްލާސްޓިކް ކަމުގައި ކަނޑައެޅުމަށްވެސް މަސައްކަތްތަކެއް ކުރަމުންނެވެ.

މި ފަހަކަށް އައިސް އިންޑިއާގައި ޕްލާސްޓިކްގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވަނީ އެ ގައުމަށް އޮންލައިން ވިޔަފާރި ތައާރަފުވެ، ޕްލާސްޓިކް ޕެކޭޖުގައި މުދާ ސަޕްލައި ކުރާ މިންވަރު އިތުރުވެގެންނެވެ.