ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން ލިބިފައިވާ އެންމެ ބޮޑު ޖަންގަލި ކަމަށްވާ ބްރެޒީލްގެ އެމޭޒަން ރެއިންފޮރަސްޓްގައި ޖަހާފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށް، ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމު (ޖީ-7)އިން ދީފައިވާ މާލީ އެހީ ބޭނުންކުރާނީ ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަޣޯން މައާފަށް އެދިވަޑައިގަތުމުން ކަމަށް ބްރެޒީލްގެ ރައީސް ޖެއިރު ބޮލްސޮނާރޯ ވިދާޅުވެއްޖެއެވެ.

ބޮލްސޮނާރޯ ވިދާޅުވީ، އެމަނިކުފާނަކީ ދޮގުވެރިއެއް ކަމަށް ވިދާޅުވެ ފަރަންސޭސިވިލާތުގެ ރައީސް ކުރެއްވި ޒާތީ ފުރައްސާރައަށް މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

މެކަޣޯންވަނީ ބޮލްސޮނާރޯއަކީ މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރައްވަނީ ކަމަށް ވިދާޅުވެ "އިތުރުފުޅު ހައްދަވާ" ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

ފަރަންސޭސިވިލާތުގައި ކުރިއަށްދިޔަ ޖީ-7 ސަމިޓްގައި މެކަޣޯން ވަނީ އެމޭޒަން ޖަންގަލީގައި ރޯކޮށްފައިވާ އަލިފާންގަނޑުތައް ނިއްވާލުމުގެ އެހީއެއްގެ ގޮތުގައި ޖީ-7ގެ ގައުމުތަކުން 22 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާކަން އިއުލާންކުރައްވާފައެވެ.

ދުނިޔޭގައި މިވަގުތު އޮތް އެންމެ ބިޔަ އަދި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ބްރޭޒިލްގެ އެމޭޒަން ޖަންގަލީގައި އަލިފާން ރޯވެފައި/ފޮޓޯ: ނާޗޯ ޑޯސޭ

އެމޭޒަން ޖަންގައްޔަކީ ދުނިޔޭގައި އޮތް ގުދުރަތީ އެންމެ ބިޔަ ޖަންގައްޔަށްވާއިރު، މި ޖަންގައްޔަކީ އެއް ގައުމަށްވުރެ ގިނަ ގައުމަށް ފެތުރިފައިވާ ޖަންގައްޔެކެވެ. ނަމަވެސް، މި ޖަންގަލީގެ ބޮޑުބައި އޮންނަނީ ބްރެޒީލްގައެވެ. މި ޖަންގައްޔަކީ ހޫނު މޫސުމުގައި އަލިފާންގަނޑުތައް ރޯވާ ޖަންގައްޔެއް ނަމަވެސް، މިއަހަރު މި ޖަންގަލީގައި ފެތުރުނު އަލިފާންގަނޑުތަކުގެ އަދަދުވަނީ 80 ޕަސެންޓް އިތުރުވެފައެވެ. އެމޭޒަން ޖަންގަލީގައި މިހާރު ރޯކޮށްފައިވާ އަލިފާންގަނޑުތަކަކީ ބަޔަކުގައި ގަސްތުގައި ކުރި ކަމެއް ކަމަށްވެއެވެ. ބްރެޒީލްގައި މިހާރު އޮތް ސަރުކާރަކީ، ދަނޑުވެރިކަމުގެ ބޭނުމަށް ބިން ސާފުކުރުމަށްޓަކައި ޖަންގަލީގެ ބައިތަކުގައި ހުޅުޖަހާ އަންދާލުމަށް ހިތްވަރުދޭ ސަރުކާރެކެވެ.

ގުދުރަތީ ދިރުންތަކާ ގަސްގަހާގެހީގެ މުއްސަނދިކަން ލިބިފައިވާ ދުނިޔޭގެ އެންމެ ބިޔަ ޖަންގަލީގެ ގޮތުގައި ސިފަކުރަމުން އަންނަ ބްރެޒީލްގެ އެމޭޒަން ޖަންގަލީގައި އަލިފާން ރޯކޮށް އަންދާ އަޅިއަށް ހަދާފައި/ފޮޓޯ: އޭއެފްޕީ

އެމޭޒަން ޖަންގަލި އަންދަމުންދާ ދިއުމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ވަނީ ކަންބޮޑުވުންތައް އުފެދިފައެވެ. މިކަމަށް ހައްލެއް ހޯދުމަށް ބޭރުގެ ފަރާތްތަކުން އެހީ ދެމުން ދިޔަ ނަމަވެސް، އެއީ ބްރެޒީލްގެ އަމިއްލަ ކަމެއް ކަމަށް ވިދާޅުވެ، ބްރެޒީލްގެ ރައީސް ގެންދަވަނީ ބައިނަލްއަގުވާމީ އެހީއަށް ފާޅުގައި އިންކާރުކުރައްވަމުންނެވެ.