ރާއްޖޭގެ ސްޕެޝަލް ޑިވެލޮޕްމަންޓް ޕްލޭނާ ބެހޭގޮތުން ގިނަ ބަޔަކަށް ވަނީ ބޮޑެތި އޮޅުންތައް އަރާފައި ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމްއާ ސުވާލުކުރުމަށް މިއަދު މަޖިލީހަށް ހާޒިރު ކޮށް، މެންބަރަކު އެއްސެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓްރު ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ ސްޕެޝަލް ޑިވެލޮޕްމަންޓް ޕްލޭން ހުށަހަޅާ ދިން އިރު، އެ ޕްލޭނާ މެދު ފަރާތްތަކަށް ވަނީ ބޮޑެތި އޮޅުންތައް އަރާފައި ކަމަށެވެ. އެގޮތުން، ބައެއް މީޑިއާތަކުން ވެސް ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން ފަސް ރީޖަން އަކަށް ތަރައްގީ ކުރަން މަސައްކަތް ކުރާ ވާހަކަ ރިޕޯޓު ކޮށްފައިވާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވަނީ ސްޕެޝަލް ޕްލޭނުގައި ހިމަނާފައި ވަނީ އެހެން އެކަން ކުރުމަށް ނޫން ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ސްޕެޝަލް ޕްލޭނާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން ސްޕެޝަލް ޕްލޭނުގައި ހިމަނާފަ އޮތީ ސެންޓްރަލް އެއް ރީޖަނާއި، ފަސް މެއިން ރީޖަން އަދި ނުވަ ސަބް ރީޖަންގެ އިތުރުން ހަ ސެޓެލައިޓް ކްލަސްޓާސްގެ ގޮތުގައި ކަމަށެވެ. އަދި ސަބް ރީޖަން އަދި މެއިން ރީޖަނާ މާބޮޑު ތަފާތުތަކެއް ނުހުންނާނެ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، ސަބް ރީޖަންތައް މެއިން ރީޖަން ތަކާ ކުރިއަރާ ދިއުމުގައި އެއްވެސް ހުރަހެއް ނޯޯންނާނެ ކަމަށެވެ.

ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތްތަކާ ބެހޭގޮތުން މެންބަރުންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބަނދަރާ ބެހޭ 59 މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމަށެވެ. އަދި ބަނދަރާ ބެހޭ 19 މަޝްރޫއެއްގެ އަމަލީ މަސައްކަތަށް ކޮންޓްރެކްޓުގައި ސޮއި ކޮށްފައިވާއިރު، ޓެންޑާ ސްޓޭޖުގައި 22 ރަށެއްގެ ބަނދަރުގެ މަސައްކަތް އަދި ޓެންޑާއަށް ފޮނުވުމަށް 18 ރަށެއްގެ ބަނދަރުގެ މަސައްކަތް އޮތް ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ،

ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތުގެ ތެރޭގައި ބަޖެޓުގައި ހިމެނިފައިވަނީ ޖުމްލަ 563 މިލިއަން ރުފިޔާގެ މަސައްކަތް ކަމަށެވެ. ނަމަވެސް މިހާރު ކޮންޓްރެކްޓުގައި ސޮއި ކޮށްފައިވާ މަސައްކަތްތަކުގެ އަދަދު 700 މިލިއަން ރުފިޔާއަށް އަރައިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އެގޮތުން، ކޮންޓްރެކްޓުގައި ސޮއި ކުރެވޭ އަދަދު އެއްކޮށް އަހަރު ތެރޭގައި ޑިސްޕާސް ވެގެން ނުދާނެ ކަމަށާއި، ކޮންޓްރެކްޓް ކޮށްފައިވާ އަދަދުގެ 75 ޕަސެންޓް ނުވަތަ 80 ޕަސެންޓްގެ ޑިސްޕާސްމަންޓް މިއަހަރު ތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓާރު ލަފާ ކުރެއްވިއެވެ.

މީގެ އިތުރުން ޑިސްޕާސްމަންޓަކީ ސީދާ މަސައްކަތް ކުރިއަށްދާ މިންވަރާ ގުޅިފައި އޮންނަ ކަމަކަށް ވާއިރު، މި އަހަރު ތެރޭގައި މަސައްކަތުގެ 100 ޕަސެންޓް ނިމޭނެ ކަމަށް ނުބައްލަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، ގިނަ މަސައްކަތްތަކަށް ދީފައިވާ ވަގުތު މިއަހަރު ތެރޭގައި ހަމަނުވާނެތީ، ކޮންޓްރެކްޓް ކޮށްފައިވާ މަސައްކަތުގެ ބާކީ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.