ކޮމަންވެލްތު އެސެސްމަންޓް ޓީމެއް ދިވެހިރާއްޖެ އައިސްފި އެވެ.

ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ދެވަނަ އެސެސްމަންޓް ޓީމް ދިވެހިރާއްޖެއަށް އައީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. ކޮމަންވެލްތުގެ ޓީމެއް ރާއްޖެ އައީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދާފައި ވަނިކޮށެވެ. ކޮމަންވެލްތު ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރައްވަނީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވާނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއާ ޑިރެކްޓަރު މިސް ކެޓަލައިނާ ސަޕްލޯ އެވެ.

ކޮމަންވެލްތު ޓީމުގެ ދަތުރުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ޝަރުޢީ ދާއިރާގެ ބައެއް ފަރާތްތަކާ ބައްދަލު ކުރައްވާނެއެވެ. ކޮމަންވެލްތުގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެއަށް އައިސްފައިވަނީ އެޖަމާއާތުގެ މެމްބަރުކަން އަލުން ދިވެހިރާއްޖެއަށް ދިނުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ރައީސް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެދިވަޑައިގަތުމާ ގުޅިގެން، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި 2019 ވަނަ އަހަރުގެ އެޕްރީލް މަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް ކޮމަންވެލްތުގެ އޮބްޒާވް ގްރޫޕެއް ރާއްޖެއަށް އައިސް، އިންތިހާބުގެ ކަންކަން ހިނގި ގޮތާއިމެދު ހިތްހަމަޖެހޭކަމަށް ހާމަކޮށްފައިވެއެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ދިވެހިރާއްޖެއިން ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް މިދިޔަ ޖޫން މަހު ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް އަރުވާފައެވެ. ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސް ވުމަކީ ރައީސް ސާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެޖަމާއަތުގެ މެމްބަރަކަށްވުމަށް އަލުން ހުށަހެޅުމަށް މިސަރުކާރު ވެރިކަމަށް އައި ފުރަތަމަ ހަފްތާގެ ތެރޭގައިވަނީ ނިންމާ، އެމަސައްކަތް ފަށާފައެވެ.