ސަރުކާރާ ދެކޮޅަށް ފާޑުކިއުންތައް އަމާޒުކޮށް، ހޮންގްކޮންގްގައި މުޒާހަރާކުރަމުންދާ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ހޮންގްކޮންގްގެ އިދާރީ ސަރުކާރުގެ ޗީފް އެގްޒެކެޓިވް ކޭރީ ލޭމް ކުރައްވައިފިއެވެ.
ކަންމިހެން އޮތް ނަމަވެސް، ހޮންގްކޮންގްގައި ކުރިއަށް ދާ މުޒާހަރާތަކުގެ ފެށުން ކަމުގައިވާ އެކްސްޓްރަޑައިޝަން ގާނޫނަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމަށް ލޭމް ވަނީ އިންކާރު ކުރައްވާފައެވެ. މި އިސްލާހަކީ ޗައިނާގެ ކޮމިއުނިސްޓް މައި ސަރުކާރުގެ ނުފޫޒު އޮންނަ ކޯޓުތަކަށް ކުށްވެރިން ބަދަލުކޮށްގެން މައްސަލަ ބަލާ ގޮތަށް ފަރުމާކޮށްފައިވާ އިސްލާހެކެވެ.
އެކަމަނާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ކޭރީ ވަނީ މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ހޮންގްކޮންގްގެ ފުލުހުން ދެމުންދާކަމަށް ބުނާ ލާއިންސާނީ އަނިޔާތަކުގެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގައި މިނިވަން ތަހުގީގެއް ހިންގަން ފުރުސަތު ދެއްވުމާމެދު ކޭރީ އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އާދީއްތަ ދުވަހު 1.7 މިލިއަން މީހުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ސުލްހަވެރި މުޒާހަރާއަށް އިޝާރާތް ކުރައްވަމުން ކޭރީ ވަނީ، މިއީ ސުލްހައާ ދިމާލަށް ހޮންގްކޮންގްގެ މިސްރާބު ޖަހާފައިވާ ކަމުގެ މިސާލެއް ކަމަށް ވިދާޅުވެފައެވެ.
ކަންމިހެން އޮތް ނަމަވެސް، މިއީ ހޮންގްކޮންގްގެ މުޒާހަރާގެ ބައިވެރިން އިތުރަށް ރުޅިގަދަ ކުރުވާނެ ވާހަކަތަކެއް ކަމަށް މުރާސިލުން ދަނީ ސިފަކުރަމުންނެވެ.