ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ގޮވާލައި، ސަރުކާރާ ދެކޮޅަށް ހޮންގްކޮންގްގައި މީގެ 11 ވަރަކަށް ހަފުތާ ކުރިން ފެށި ވަރުގަދަ މުޒާހަރާތައް ދުނިޔޭގެ އެކި ހިސާބުތަކަށްވެސް ފެތުރިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ހޮންގްކޮންގްގައި ކުރިއަށްދާ ބޮޑު މުޒާހަރާއާ ގުޅިފައިވާ ރެލީތަކެއް އިނގިރޭސިވިލާތާ ފަރަންސޭސިވިލާތުގެ އިތުރުން، އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާގައިވެސް ވަނީ ކުރިއަށް ގެންދަން ފަށާފައެވެ.

ކެނެޑާއާއި އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ރެލީތަކަށް ރައްދު ދިނުމުގެ ގޮތުން ހޮންގްކޮންގްގެ ސަރުކާރަށް ތާއީދުކުރާ ޖަމާއަތްތަކުންވެސް ރެލީތަކެއް ކުރިއަށް ގެންދިޔަ ކަމަށް ޚަބަރު ލިބެއެވެ.

ހޮންގްކޮންގްގެ މަސްރަހަށް ބަލާއިރު، މިފަހުގެ ތާރީހު ދުށް އެންމެ ބިޔަ އެއް މުޒާހަރާ އާދީއްތަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. ޗައިނާގެ މައި ސަރުކާރުން ވަރުގަދަ އިންޒާރުތަކެއް ދެމުން ދިޔައިރުވެސް، އެތައް ސަތޭކަ ހާސް ބަޔަކު ވަނީ ހޮންގްކޮންގްގެ މަގުތަކަށް ނިމުކެ، ހޮންގްކޮންގްއާއި ޗައިނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.

ހޮންގްކޮންގްގައި މިހާރު ކުރިއަށްދާ ވަރުގަދަ މުޒާހަރާއަކީ، ޗައިނާގެ މައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޝަރުއީ ނިޒާމުގެ ތެރެއިން ހިންގްކޮންގްގެ ކުށްވެރިންގެ މައްސަލަ ބަލާ ގޮތަށް ބާރުދޭ އެކްސްޓްރަޑިޝަން ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާ ދެކޮޅަށް ފެށި މުޒާހަރާތަކަކެކެވެ. ހޮންގްކޮންގްގެ ސަރުކާރުން މި ބިލަށް ތާއީދުކުރި ނަމަވެސް، މި ބިލް ފާސްކުރުމުގެ މަސައްކަތް މިވަގުތީ އޮތީ މަޑުޖައްސާލާފައެވެ.

1997 ވަނަ އަހަރު އިނގިރޭސިން ހޮންގްކޮންގް ދޫކޮށްލިފަހުން އެ ސަރަހައްދަކީ ޗައިނާގެ ދަށުގައި އޮންނަ ވަކި އިދާރީ ދާއިރާއެކެވެ.