175 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ފެރީ ލޯންޗުގައި ތިބި މީހުން މިރޭގެ ވަގުތެއްގައި މާލެ ގެނެވޭނެ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފްއިން މައުލޫމާތްދޭ ގޮތުގައި 175 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ތެޔޮ ހުސްވި ފެރީ ލޯންޗުގައި ތިބި މީހުން މިއަދު ސީޖީގެ ސީ އެމްބިއުލާންސުގައި މާލެއަށް ގެނެވޭނީ މިރޭ 11:00 ހާއިރު އެވެ. އަދި ސީ އެމްބިއުލާންސުން މި މީހުން ގެންނާނީ މާލެ ޖެޓީ ނަންބަރު 4 ކަށް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

175 މީހުންނާއެކު ތ. އަތޮޅުން މާލެއަށް ދަތުރުކުރި "އޯޝަން 20" ނަމަކަށް ކިޔާ ފެރީ ލޯންޗު ހުއްޓުނީ ވ. ދިއްގަލުވަށި ފަޅުގެ ހުޅަނގުން 1 ނޯޓިކަލް މޭލު ބޭރުގައި އޮށްވައެވެ. މިހާރު ލޯންޗަށް ތެޔޮ އެޅުމަށް ތެޔޮ ހިފައިގެން އެހެން އުޅަނދެއް ލޯންޗަށް ދަތުރު ކުރަމުން ދާކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ. މި ހާދިސާގެ މައުލޫމާތް ލިބިފައިވަނީ މިއަދު 17:44 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ލޯންޗުގައި ދަތުރު ކުރަމުންދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑް އެފްއައިސީ ވެލާނާ ލޯންޗާއި ކޯސްޓް ގާޑް ސީ އެމްބިއުލާންސް ހަރަކާތްތެރިވަމުން ގެންދާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި މި ލޯންޗުގައި ތިބި މީހުން ކޯސްޓް ގާޑުގެ ސީ އެމްބިއުލާންސަށް ނަގަމުން ދާކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ. އަދި މިވަގުތު ލޯންޗުގައި ތިބި އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން އެމްއެންޑީއެފްގެ ކޯސްޓް ގާޑް ސީ އެމްބިއުލާންސްއިން ނަގަމުން ދާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.