"އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ތިންވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯދައިފި އެވެ.

އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑަކީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި އެމްޕްލޯޔާ ބްރޭންޑިންގް އިންސްޓިޓިއުޓުން ދޭ ހާއްސަ އެވޯޑެކެވެ. މި އެވޯޑް ދީފައި ވަނީ ސިންގަޕޫރުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތް ކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރި ވެފައި ވެ އެވެ. ބީއެމްއެލްގެ ފަރާތުން އެވޯޑާ ހަވާލުވެފައި ވަނީ ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު މުހައްމަދު އަޝްރަފް އާއި އެންޕްލޯއީ ރިލޭޝަންސް މެނޭޖަރު އާސިޔަތު މުހައްމަދު އެވެ.

މި އެވޯޑް ލިބުމާ ގުޅިގެން ވާހަކަ ދައްކަވަމުން، ބޭންކުގެ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ އޭޝިޔާ ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔާގެ ގޮތުގައި މި އަހަރުވެސް ބީއެމްއެލް ހޮވިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

" މި ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔާގެ ގޮތުގައި މި އަހަރުވެސް ބީއެމްއެލް ހޮވިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. ހާއްސަކޮށް ވިދިވިދިގެން ތިން ފަހަރު އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް ލިބުމަކީ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް. އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނަ، ހުނަރުވެރި އަދި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އިސްކަމެއް ދެން" އޭނާ ވިދާޅުވިއެވެ.

އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި ބީއެމްއެލް ހިމެނިފައި ވަނީ ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނު ކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށް އެ ބޭންކުން ބުނެ އެވެ. "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" ތައް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށް ފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުން ކަމަށް ވެސް ބޭނުންކުން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުން ގެންދާ އެއް ކުންފުންޏެވެ. ބޭންކުގައި 3 މީހަކު ފިޔަވައި ދެން ތިބީ ހުސް ދިވެހިންނެވެ.