މި ފަހުގެ ތާރީހުގައި، މުނިފޫހިފިލުވުމުގެ ދުނިޔެ ދުށް އެންމެ ކާމިޔާބު ޓީވީ ސީރީޒްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ އެމެރިކާގެ ޑްރާމާ ސީރީޒް "ފްރެންޑްސް"، ބޮޑު ސްކްރީންގައި އަޅުވަން ހަމަޖައްސައިފިއެވެ.

އެންމެ ފަހު އެޕިސޯޑް ދައްކާ ނިމުނުތާވެސް 15 އަހަރުވެފައިވާ "ފްރެންޑްސް" ބޮޑު ސްކްރީނަށް ގެންނަނީ، އެ ސީރީޒް ދައްކަން ފެށިތާ 25 އަހަރުފުރުމުގެ ރިހި ޔޫބީލްއާއި ދިމާކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

3 ރެއަށް ދެމިގެންދާ މި ހާއްސަ އިވެންޓް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ވޯނާ ބްރޯޒްއާއި ފެދަމް އިވެންޓްސްއިންނެވެ.

"ފްރެންޑްސް ޓުވެންޓީ ފިފްތް: ދަ ވަން ވިތް ދަ އެނިވާސަރީ" ނަން ދީފައިވާ ހާއްސަ ސްކްރީނިންގްގައި ފެނިގެންދާނީ "ފްރެންޑްސް"ގެ ފޭނުންގެ މެދުގައި އެންމެ މަގުބޫލު 12 އެޕިސޯޑެއްގެ މައްޗަށް އެކުލެވޭ ހާއްސަ އުފެދުމެކެވެ.

އެމެރިކާގެ 1000 ތިއޭޓަރެއްގައި މި ޝޯތައް ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23، 28 އަދި އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ ރެޔެވެ.

މައިގަނޑު 6 ކެރެކްޓަރެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ފްރެންޑްސް" ޓީވީ ސީރީޒްއަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން، އެޖި ސަގާފަތްތަކާ، އެކި ޖީލުތަކުގެ މީހުންގެ މެދުގައި މިހާރުވެސް މަގުބޫލު، އަދި މިހާރުވެސް ގިނަ އަދަދަކަށް އާ ފޭނުން އެ ސީރީޒްއަކަށް ލިބޭ، ކާމިޔާބު ސީރީޒްއެކެވެ. މިހާރުވެސް ނެޓްފްލިކްސް މެދުވެރިކޮށް "ފްރެންޑްސް"ގެ ހުރިހާ އެޕިސޯޑެއް ސްޓްރީމް ކުރެވޭއިރު، ދެތިން ހަތަރު ފަހަރު މި ސީރީޒް ބަލާ މީހުން މި ރާއްޖޭގައިވެސް އެބަތިއްބެވެ.

"ފްރެންޑްސް" ބޮޑު ސްކްރީނަށް ގެނައުމަކީ، މި ސީރީޒްގެ ރިހި ޔޫބީލްއާއި ދިމާކޮށް ހިންގާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. އެގޮތުން ވޯނާ ބްރޯޒްއާއި ޖިފީއިން މިހާރުވެސް ދަނީ ފްރެންޑްސްގެ ހުރިހާ އެޕިސޯޑެއްގެ މަންޒަރުތައް ހިމެނޭ ގޮތަށް، 2300 އަށްވުރެ ގިނަ ޖިފް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

އުމުރުން 20 އަހަރާއި 30 އަހަރުގެ ޒުވާން ރަހުމަތްތެރިންތަކެއްގެ ހަޔާތުގެ ވާހަކަތައް ގެނެސްދޭ ޓީވީ ސީރީޒް "ފްރެންޑްސް" ދައްކަން ފަށާފައިވަނީ 1994 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ނެޓްފްލިކްސްގައި "ފްރެންޑްސް" ސްޓްރީމް ކުރުމަށްފަހު، އެޗްބީއޯ މެކްސްއަށް މި ސީރީޒްގެ ސްޓްރީމް ބަދަލުވާނީ 2020 ވަނަ އަހަރުއެވެ.