މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭގެ) ހަޒާނާގެ އިޖުރާއަތްތައް ދިނުމަށް ކުރީ ސަރުކާރުން އެދުނު ކަމަށް ކުރީގެ އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމިޓީއިން އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭގޮތުން ބައްދަލުވުމުގެ ފުރުސަތަށް އެދި ނީޒާ ފޮނުއްވި ސިޓީއާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ނީޒާ ހާޒިރު ކުރި ދުވަހު ވާހަކަ ދައްކަވަމުން ނީޒާ ވިދާޅުވީ މިދިޔަ ސަރުކާރުން އެމްއެމްއޭގެ ހަޒާނާގެ އިޖްރާއަތްތައް ދިނުމަށް އެދުނު ކަމަށާއި، ނަމަވެސް ކުރައްވަން ނުޖެހޭ ކަންތައްތައް ނުކުރައްވާނަމޭ ދަންނަވާފައި ވާނެކަމަށެވެ. ނީޒާ ވިދާޅުވީ އެއިރު ގަވަރުނަރުކަން ހުންނެވި އަޒީމާ އާދަމް އެކަމަށް އަމަލު ކުރެއްވިކަމަށެވެ.

"ކުރަން ނުޖެހޭ ކަންތައްތައް ނުކުރާނަމޭ ދަންނަވާފައި. އަޅުގަނޑު ހަމަ މި ފުރުސަތުގައި ދަންނަވާލަން ބޭނުން ސަރުކާރުން އެދިވަޑައިގަތީ އަޅުގަނޑުމެންނަށް ޚަޒާނާގެ އިޖުރާއަތްތައް ދިނުމަށް. ގަވަރުނަރު އަޒީމާ އަޅުގަނޑުމެންނާ މަޝްވަރާ ކުރެއްވި. އަޅުގަނޑުމެން ދެންނެވިން ޖެހިވަޑައި ނުގަންނަވާނެ ކަމާއި ޚަޒާނާއަކީ އެމްއެމްއޭގައި ހުރި އެއްޗެއްކޭ. އެކަމަށް އަމަލު ކުރެއްވިކަމަށް އަޒީމާ ވިދާޅުވި،"
ނީޒާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެމްއެމްއޭއިން ކަޅުފައިސާ ދޮވުނު ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ނީޒާ ކޮމިޓީއަށް ހާޒިރު ކުރެވުނު އިރު، އެމްއެމްއޭގެ ހަޒާނާގެ އިޖްރާއަތްތައް ދިނުމަށް ކުރީގެ ސަރުކާރުން އެދުނީ ކާކުކަމެއް އަދި ކޮން އިރަކުކަމެއް ނީޒާ ވިދާޅުނުވެއެވެ.

އެމްއެމްއޭ މެދުވެރިކޮށް ކަޅުފައިސާ ދޮނުވުނުކަމުގެ ތުހުމަތުތައް ކުރެވުނު އިރު، އަލްޖަޒީރާއިން ހެދި "ސްޓީލިން ޕެރެޑައިސް" ޑޮކިއުމެންޓްރީގައި ވަނީ މެލޭޝިއާގެ ވިޔަފާރިވެރިއަކާއި އިންޑޮނޭޝިއާ އަދި ސިންގަޕޫރުގެ ވިޔަފާރި ވެރިއަކާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅިގެން 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްގެ ނަމުގައި ރާއްޖެއަށް ކަޅު ފައިސާ ވެއްދުމަށްފަހު އެމްއެމްއޭގެ މެދުވެރިކޮށް އެފައިސާ ދޮވުމުގެ ރޭވުންތައް ރާވާފައި ވާކަމަށް ބުނެފައެވެ.

ނަމަވެސް އެވާހަކަތައް އެމްއެމްއޭއިން ސީދާ ދޮގު ނުކުރި ނަމަވެސް، އެ އިދާރާއިން ބުނެފައިވަނީ އެމްއެމްއޭއަށް ފައިސާ ވެއްދުމުގައި ހަރުދަނާ ނިޒާމެއް ގެންގުޅޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި އިރު އެމްއެމްއޭއަށް އެކަން އެނގި އެކަން ހުއްޓުވާފައިި ނުވާކަމަށް އޭސީސީގެ ތަހުގީގީ ރިޕޯޓުން ވެސް ވަނީ ބުނެފައެވެ. އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް މަނީ ލޯންޑާ ކުރިކަން ފާހަގަވި ނަމަވެސް، އެ މައްސަލައިިގައި ފިޔަވަޅެއް ނާޅާ ކަމަށެވެ. އަދި އެ މައްސަލަ ފައިލް ކުރުމުގެ ކުރިން އެ ރިޕޯޓުގެ ކޮޕީއެއް އެއިރު އެފްއައިޔޫގެ ވެރިއަކަށް ހުންނެވި އިބްރާހިމް އާތިފް ޝަކޫރުގެ އަމިއްލަ އީމެއިލް އިން އޭރުގެ ގަވަރުނަރު އަޒީމާ އަށް ފޮނުއްވި ނަމަވެސް އެއްވެސް ނިންމުމެއް ނިންމިކަން ތަހުގީގަށް ފާހަގަ ނުވާކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.