ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރަމުން އަންނަ ހޮންގްކޮންގްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ އޮޕަރޭޝަންތަކަށް އަނެއްކާވެސް ބުރޫ އަރައިފިއެވެ.

ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން ހޮންގްކޮންގްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ ބޮޑު ސަރަހައްދެއް ހިފާފައިވާއިރު، ރަޔަޓް ގިޔަރުގައި ހޮންގްކޮންގްގެ ފުލުހުންވެސް މިހާރު ދަނީ އެއާޕޯޓް ތެރޭގައި ހަރަކާތްތެރިވެ، މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލަމުންނެވެ.

މައި އެއާޕޯޓް ތެރޭގައި ހަރަކާތްތެރިވަމުންދިޔަ ޗައިނާގެ މައި ސަރުކާރަށް ނިސްބަތްވާ 3 ފުލުސް އޮފިސަރަކަށް، މުޒާހަރާގެ ބައިވެރިން ހަމަލާ ދިން ކަމުގެ ޚަބަރުތައް ފެތުރިފައިވާއިރު، މީގެ ތެރެއިން އެކަކީ ޗައިނާގެ ނޫސްވެރިއެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންނަށް ހެދިގެން ފުލުހުންގެ އޮފިސަރުންވެސް ހަރަކާތްތެރިވަމުންދާކަމަށް ހޮންގްކޮންގްގެ ފުލުހުން ވަނީ އިއުތިރާފުވެފައެވެ.

ހޮންގްކޮންގްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް "ބިޒީ" ވައިގެ ބަނދަރެކެވެ. މީގެ 10 ވަރަކަށް ހަފުތާ ކުރިން ހޮންގްކޮންގްގައި ފެށި މުޒާހަރާތަކުގެ މައި ހަބަކަށް މި އެއާޕޯޓްވެފައި ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. ޗައިނާގެ މައި ސަރުކާރަށް ބާރު ލިބިދޭ ގޮތަށް ހޮންގްކޮންގްގެ ގާނޫނަށް ގެންނަން މަސައްކަތް ކުރަމުންދާ އިސްލާހާ ގުޅިގެން ހޮންގްކޮންގްގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަށް ހައްލެއް ހޯދިދާނެ ކަމުގެ އިޝާރާތެއްވެސް ލިބިމުން ނުދާކަމަށް މަސްރަހު ދިރާސާކުރާ މުރާސިލުން ދަނީ ބުނަމުންނެވެ.

ހޮންގްކޮންގްގައި ކުށެއް ކުރުމުން ޗައިނާގެ މައި ސަރުކާރުގެ ބެލުމުގެ ދަށުން އެމީހެއްގެ މައްޗަށް ސަރިޔަތް ހިންގާ ހުކުމް އިއްވޭ ގޮތަށް އެކްސްޓްރަޑައިޝަން ބިލަށް އިސްލާހު ގެނައުމަށް ކުރަމުން ދިޔަ މަސައްކަތް މިވަގުތު ވަނީ މަޑުޖައްސާލާފައެވެ.

ހޮންގްކޮންގްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ހުރަސްއަޅާ ފަރާތްތައް ހައްޔަރު ކުރުމުގެ އަމުރެއް ލިބިފައިވާކަމަށް ބުނެފައެވެ. ނަމަވެސް މި އަމުރު ތަންފީޒު ކުރެވިގެންދާނެ ގޮތަކާ މެދު ސުވާލު އުފެދޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.