އިންޓަރނެޓްގެ އަގުތައް، އަތްފޯރާފަށަށް ތިރިކޮށްގެން ނޫނީ ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރި އަތު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އުރީދޫ އީ ކޮމާސް ޕްލެޓްފޯމް (މޫލީ) އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަކީ، އޭގެ ޒާތުގައިވެސް އަސާސީ ޚިދުމަތެއް ކަމަށެވެ. އެއީ އެއާ ނުލައި ދިރިނޫޅެވޭ ވަރަށް، ޒުވާނުންނާއި ގުޅިފައިވާ އެއްޗެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާއްމު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ޙަޤީޤީ މަންފާ ނުލިބޭނެ ކަމަށެވެ. މިއަދު ވިސްނަން ޖެހޭނީ ހަމައެކަނި ވިޔަފާރީގެ ފައިދާއަކަށް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން ކަމަށެވެ. އެމަނިކުފާނު ވަނީ އުރީދޫގެ އަމާޒަކީވެސް އެއީ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އަމިއްލަ ރަށުގައި ތިބެގެން، ދުނިޔޭގެ ބާޒާރުގައި ރަށު ފަތުރުވެރިކަން ވިއްކުމަށް، އައިލެންޑްސް ޑޮޓް އެމްވީގެ ނަމުގައި ވެބް ޕޯޓަލްއެއްވެސް ތަޢާރަފު ކުރެވިއްޖެ. އެއީ، ރަށުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކަކާއި ވަސީލަތްތައް، ރަށު ކައުންސިލް މެދުވެރިކޮށް އިސްތިހާރު ކުރެވޭނެ ޕްލެޓްފޯމެއް. ދިވެހި މަސްވެރިންނަށްޓަކައި، މަސްދޯނި އެކައުންޓް ތަޢާރަފްކުރެވިއްޖެ. މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއެކު، ބޭންކުގެ ޚިދުމަތްތައް މިހާރު އެހެރީ، މަސްދޯނީގެ މަސްވަތާ ހަމައަށް ތިރިކުރެވިފައި. ޓެކްސީގެ ޚިދުމަތް ހޯދުމަށްވެސް، މޯބައިލް އެޕްލިކޭޝަންތައް މިހާރު އެހެރީ ފައްކާކުރެވިފައި. އޮފީސްތަކާއި ކުންފުނިތަކުގެ ޚިދުމަތްތައް، ސްމާރޓް ފޯނުގެ ޒަރީޢާއިން ހޯދޭނެ ގޮތްތައް އެ އަންނަނީ ހަމަޖެހެމުން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެފަދަ އެޕްލިކޭޝަންތަކާއި ވެބްޕޯޓަލްތައް ކިތަންމެ ވަރަކަށްވެސް، ތަޢާރަފް ކުރެވިދާނެ ކަމަށެވެ. އަސާސީ ކިތަންމެ ޚިދުމަތެއް، އަތުގެ އިނގިލި ކުރިއާ ހަމައަށް ގެނެވިދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ. ޑިޖިޓަލް ޓެކްނޮލޮޖީގެ ފުރާނައަކީ އިންޓަރނެޓް ކަމަށެވެ. އަދި، ޓެކްނޮލޮޖީގެ ދުނިޔޭގައި، ހުރިހާ ޤައުމުތައް، އެއް ދުލަކުން ވާހަކަދައްކާ ބަހުރުވައަކީވެސް އިންޓަނެޓު ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"މި ޒަމާނުގައި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީ. ވަކިން ޚާއްޞަކޮށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު މާ ބޮޑު. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް، މުވާޞަލާތީ ކަންކަމަށްފަހު، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ހިފަނީ، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގައި. އާދެ! އިންސާނުން ބިނާކުރުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީހުން ބިނާކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށެވެ. އެކަމުގައި އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.