ހުޅުމާލޭ ކުޑަކުދިންގެ ހިޔާގެ ފާރު މައްޗަށް ކުދިންތަކެއް އަރާ ތިއްބާ ފުލުހުން އެކުދިން އެތަނުން ބާލުވައިފި އެވެ.

ހުޅުމާލޭގައި ހިންގަމުންދާ ފިޔަވަތީގެ ފާރު މައްޗަށް ކުޑަކުދިންތަކެއް އަރައިގެން އުޅޭ ފޮޓޯތަކެއް ސޯޝާލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ. މީގެ ކުރިންވެސް ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއް ފާރު މައްޗަށް އަރައިގެން އުޅޭ މަންޒަރުތައް ވަނީ އާންމުވެފަ އެވެ.

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، އެއީ މިއަދުގެ ވަގުތެއްގައި ފިޔަވަތި މަރުކަޒުގައި ހިގާފައިވާ ހާދިސާއެއް ކަމަށެވެ. އަދި މިފަދަ ހާދިސާތަކަކީ މަދުން ނަމަވެސް ހިގަމުންދާ ހާދިސާތަކެއް ކަމަށާ، މިފަދަ ހާދިސާތަކެއް ހުއްޓުވުމަށް އަދި ތަކުރާރުވިޔަ ނުދިނުމަށް، މިނިސްޓްރީން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި ހަމައެހެންމެ ކަމާ ގުޅުންހުރި އިތުރު މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހިޔާގައި ތިބޭ ކުދިންތަކެއް ފާރު މައްޗަށް އަރާތިބި ފޮޓޯތައް ދައުރު ވެފައި ވާއިރު، މީގެ ކުރިންވެސް ވަނީ ޖެންޑާ މިނިސްޓްރީގެ އިހުމާލުން ކުޑަކުދިންގެ ހިޔާގައި ހުރި ކުޑަ ކުއްޖަކު ގެއްލިފަ އެވެ. އަދި މިކަމުގެ ސަބަބުން ޖެންޑާ މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.