ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ސްޕީޑް ބާރު ބޭފުޅެއް ނޫން ކަމަށާއި، މި ފަސް އަހަރުގެ ދައުރު ނިމިގެންދާނީ ނިމިގެންދިޔަ އަށް މަސް ދިޔަގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު މައި ޕާޓީގެ ލީޑަރަކަށްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު ވިދާޅުވީ ރައީސް ސޯލިހަކީ ހަގީގަތުގައި ސްޕީޑް ބާރު ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަށް ރައްޖޭގެ ވެެރިކަމަށް ވަޑައިގެންނެވުނީ ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކަށް ވީތީ ނޫން ކަމަށާއި، އަދި އެއީ ރާއްޖެ އެންމެ ރަނގަޅު މިސްރާބަކަށް ބާރަށް ގެންދާނެ ބޭފުޅަކަށްވީތީ ނޫން ކަމަށެވެ.

އަދި އެމަނިކުފާނަކީ އެހެނިހެން ހުރިހާ ބޭފުޅުން [ވެރިކަން ކުރާ ކޯލިޝަން] އެއްވެގެން އެވަގުތު ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވުމަށް ނެރެވެން އޮތް އެންމެ ރަނގަޅު ކެންޑިޑޭޓަށް ވުމުން ކަމަށެވެ.

"ސޯލިހަކީ ތަރައްގީ ބާރަށް ގެންގޮސްދޭނެ ނުވަތަ މައްސަލަތައް ހަމަޖައްސައިދޭނެ އެކަހަލަ ބޭފުޅަކަށް ވެގެން ނޫން. އިބޫ އަކީ ހަގީގަތުގައި ވަރަށް މަޑުމައިތިރި ބާރަށް އެއްޗެއް ވިދާޅުނުވާ އެހެން ހުންނަވާ ބޭފުޅެއް. އަޅުގަނޑަށް ޔަގީން ކުރިއަށް މި އޮތް ފަސް އަހަރު މާ ބޮޑުކަމެއް ނުވާނެ. މިދިޔަ 8-9 މަސް ދިޔަގޮތަށް ދާނީ. ރައްޔިތުންގެ މަޖިލީހުގައި 25 އަހަރުވަންދެން މަޖިލިސް ފުލޯގައި ބާރަށް އެއްޗެއް ވިދާޅުނުވެ ނީންނަވާނެ ވަރުގަދަ ޕޮލިޓިކަލް ލީޑާޝިޕަކު ހުރި ބޭފުޅަކު. އިބޫ އަކީ ޕޮލިޓިކަލީ ވަރުގަދަ ބޭފުޅެއް ނޫން،"
އުމަރު

އުމަރު ވިދާޅުވީ ރައީސް ސޯލިހުގެ ފަރާތްތަޕުޅުން ފެނިވަޑައިގަންނަވާ ކެތްތެރިކަމަކީ ޕޮލިޓިކަލް ލީޑާޝިޕްގައި މުހިންމު ސިފައެއް ނޫން ކަމަށެވެ. އަދި ޕޮލިޓިކަލް ލީޑަރަކަށް އެންމެ މުހިންމު ކަމަކީ އެމީހަގެ ވިޝަންއާ އެމީހާގެ ޑްރައިވް ކަމަށެވެ. އަދި އެމީހާގެ މޭންޖްމަންޓް ސްޓައިލާއި، ކަންކަން ކުރިއަށް ގެންދާގޮތާއި، ގެންދާ ސްޕީޑަކީ މުހިންމު ކަންތައްތައް ކަމަށް އުމަރު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ ވަރަށް މަޑު ދުވެލީގައި ދަތުރުކޮށްފައިދާ ގައުމެއް ފެންނާނީ. އެމަކަމު މާބޮޑު ހަމަނުޖެހުމެއް ނުހިނގަފާނެ. ޕީސް ވެސް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ވަރަށް މަޑު މަޑުން ދާނީ. އަޅުގަނޑަކަށް ނުފެނޭ މި ފަސްއަހަރު ނިމުނީމަ ކުރިއަށް އޮތް ފަސް އަހަރަށް އިބޫ ހޮވޭނެ މަންޒަރެއް ވެސް،"
އުމަރު

އުމަރު ވިދާޅުވީ ދެން އޭނާއާއި ބައިވެރިން މަސައްކަތް ކުރައްވާނީ ދެން އަންނަ ފަސް އަހަރެއްގެ ވެރިކަން ހޯއްދަވަން ކަމަށެވެ. އަދި އޭނާއެކު ބައިވެރިވާނީ ޕީޕީއެމާއި، ޖުމްހޫރީ ޕާޓީ އަދި ޕީއެންސީ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މި ފަސް އަހަރު ނިމިގެންދާ އިރު ރައްޔިތުން ތިބޭނީ ފޫހިވެފައި ކަމަށެވެ. އަދި ރައީސް ސޯލިހަކީ ވަޑައިގެންފައި ދިޔަ ބޭފުޅެއް ކަމަަށް މީހުން ގަބޫލުކުރާނެ ކަމަށާއި، ކޮށްދެއްވި ކަމެއް ފެންނަން ނޯންނާނެ ކަމަށެވެ.