ސިސިލީގައި ކުރިއަށްދާ ގޫގްލް ކޭމްޕްގައި، އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ، އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާއި މި ދެބޭފުޅުންގެ އެކުވެރިއެއް ކަމަށްވާ މަޝްހޫރު ހޮލީވުޑް ތަރި ލިއަނާޑޯ ޑިކެޕްރިއޯ ބައިވެރިވަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

މަންޒަރުދުށް މީހުންނާ ހަވާލާދީ ލިބެމުންދާ މީޑިއާ ރިޕޯޓްތަކަށް ބަލާއިރު މަޝްހުރު ލަވަކިއުންތެރިޔާ ކޭޓީ ޕެރީ، ބައިނަލްއަގުވާމީ ސުޕާސްޓާ ޕްރިޔާންކާ ޗޯޕްޅާ، އޮލާންޑޯ ބްލޫމް އަދި ހެރީ ސްޓައިލްސްވެސް ދަނީ ސިސިލީ ގޫގްލް ކޭމްޕްގައި ބައިވެރިވަމުންނެވެ.

ސްޓިންގްއާއި ކޯލްޑްޕްލޭ ފަދަ އެއްވަނަ ދަރަޖައިގެ ފަންނުވެރިންގެ އާދަޔާ ހިލާފު ހުށަހެޅުންތަކަކާއެކު ކުރިއަށް ގެންދާ ސިސިލީ ގޫގްލް ކޭމްޕަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ނަން ހިނގާ މަހުޖަނުން އެއް މާހައުލަކުން ފެނިގެންދާ އެންމެ ބޮޑު އެއް ހަރަކާތެވެ.

ސިސިލީ ގޫގްލް ކޭމްޕްގެ މުޅި މައުލޫ މިފަހަރު އަމާޒުކޮށްފައިވަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ މައްޗަށެވެ. ކަންމިހެން އޮތްއިރު، މަހުޖަނުން ގޮވައިގެން ސިސިލީއަށް ދަތުރުކުރާ މަތިންދާބޯޓުތަކުން އެކަނިވެސް 784000 ކިލޯގްރާމްގެ ކާބަންޑައިއޮކްސައިޑް ބޭރުވެގެންދާނެ ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ގޫގްލް ކޭމްޕަށް ފާޑުކިޔަމުންނެވެ. ވަކިން ހާއްސަކޮށް މި މަހުޖަނުންނަކީ ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރާ ބައެއްކަމުން އެއް ފްލައިޓަކުން ކުރެވެން އޮންނަ ދަތުރުތައްވެސް ދެތިން ހަތަރު ގުނައަށް ބަދަލުވެގެންދާކަން ފާހަގަކުރެވެއެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކަށް ހައްލު ހޯދުމަށް ޒުވާނުން ލޯބޯ ފިއްސައިގެން އަވީގައި ކޮޅުކޮޅު މައްޗަށް ދުވާއިރު، ގޫގްލް ކޭމްޕްގައި ބައިވެރިވާ މަހުޖަނުން ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރުމަކީ ނުސީދާ ގޮތެއްގައި ހަގީގީ މަގުސަދާ، މަސްލަހަތު ފުށޫ އަރާ ކަމަކަށް މިހާރު ވަނީ ވެފައެވެ.