ހުޅުމާލޭ ބީޗްގައި ހިންގާ ކެފޭ ރެސްޓޯރެންޓަތައް ބަންދުކޮށް، އެސަރަހައްދު ހުސްކުރަން ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނޯޓިސް ފޮނުވައިފިއެވެ.

މިއީ އެތަން ހުސްކުރުން އެޗްޑީސީން އެންގި ތިންވަނަ ފަހަރެވެ. މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން އެޗްޑީސީން އެތަން ހުސްކުރުމަށް އެތަނުގައި ވިޔަފާރު ކުރަމުންދިޔަ ފަރާތްތަކަށް އެންގިއެވެ. ނަމަވެސް އެތަން ހުސްކޮށްފައި ނުވެއެވެ.

މިއަދު އެޗްޑީސީން ފޮނުވި ނޯޓިސްގައި ބުނެފައިވަނީ މެންދުރުފަހު 3:00 ގެ ކުރިން ބީޗްގައި ހުރި ތަކެތި ނަގާ އެތަން ހުސްކުރުމަށެވެ. އެޗްޑީސީން އެތަން ހުސްކުރަން އަންގާފައިވަނި ހުޅުމާލޭގެ ދެވަނަ ފޭސްއާއި ފޭސް އެކަކާއި ގުޅުމަށް، އެ ސަރަހައްދުގައި ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފެށުމަށެވެ.

އެޗްޑީސީން ނެރުނު ނޯޓިސްގައި ބުނެފައިވަނީ އެތަނުގައި ހިންގާ ހަޓްތައް ނަގާ ތަން ހުސްނުކުރާނަމަ، އެޗްޑީސީން އެތަން ހުސްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ހުޅުމާލެ ބީޗްގައި ހިންގާ ކެފޭ ރެސްޓޯރަންޓް މައްސަލައިގައި އޭސީސީން ވެސް ވަނީ އެކަން ކުރަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ އޭސީސީން ބަލާ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެޗްޑީސީ އަށް މިދިޔަ މޭ މަހު އެންގިއެވެ.

އަދި އެއާއެކު އެޗްޑީސީން އެތަން ހުސްކުރުމަށް އިންޒާރުގެ ނޯޓިސްއެއް ދިނެވެ. ނަމަވެސް ފަހުން އެޗްޑީސީން ވަނީ ކެފޭ ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ލުޔެއްދީ އޭސީސީގެ އެންގުމާ ހިލާފުވެފައެވެ.

މީގެ ކުރިން އެޗްޑީސީން ބުނެފައިވަނީ ބީޗް ހުސްކުރާނީ ދެވަނަ ފިޔަވައްސަށް އަޅަން ޖެހޭ ހޮޅިތައް ވަޅުލުމާ ކައިރި ކޮށްފައި ކަމަށެވެ.