ސަރުކާރު ވައްޓާލުމުގެ ފިކުރު އުފެދޭނީ ސަރުކާރުގެ ތެރެއިން ކަމަށް ކުރީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން އިންތިޒާމު ކޮށްގެން ރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ ޖަޒީރާ ރާއްޖެ - މަގޭ ރާއްޖެ ހަފްލާގައި ވާހަކަ ދައްކަވަމުން، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސަރުކާރު ވައްޓާލެވިދާނެ ކަމަށާއި، ނަމަވެސް ވައްޓާލިޔަސް އެމްޑީޕީ އެނބުރި އައިސް ރައްޔިތުންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރު ވައްޓާލުމުގެ ފިކުރު ކޯދު ލަމުންދާނީ ވެސް ސަރުކާރުގެ ތެރެއިން ކަމަށާއި، އެއީ ގައުމަށް ނުހަނު ބޮޑު ގެއްލުމެއް ލިބެނޭ ކަމެއް ކަމަށެވެ. އަދި ގައުމު ތަރައްގީ ނުކުރެވެނީސް ބަޣާވާތް ކުރުމުގެ ބޭނުމެއް ނެތްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މި ސަރުކާރުގެ މިހާރު ތިބި ލީޑަރުން ނެތި ދިޔަޔަސް، އެމީހުންގެ ބޭފުޅުން ވެސް ކުރައްވާނީ ހަމަ އެއް މަސައްކަތެއް ކަމަށާ، ރައްޔިތުން އުންމީދު ކުރާ ދިވެހިރާއްޖެ މި ސަރުކާރުން ހޯދައިދޭނެ ކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކާއި ވެރިކަން ވެސް ހޯދަނީ ރައްޔިތުންނަށް ހުރި ދަތިތަކަށް ހައްލެއް ގެނެސްދިނުމަށް ކަމަށާއި އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް އެ ބޭނުންތައް ފުއްދުން ނޫން އެހެން ބޭނުމެއް ނެތްކަން ސާފުވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.