ރާއްޖޭގެ ފިހާރަތަކުގައި މިވަގުތު ވިއްކަމުންދާ ޖަރުމަނުގެ އުފެއްދުމެއް ކަމަށްވާ "ޖާސްޓެލް" ނަމަކަށް ކިޔާ ބުއިމެއްގައި ބަނގު އާވިކަމެއް ހުރުމުގެ މައްސަލައާއި ގުޅިގެން އެ މައްސަލަ ކަސްޓަމްސް އިން ދަނީ ބަލަމުންނެވެ.

މިކަމާއި ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ފިހާރަތަކުން ވިއްކަމުންދާ ޖަރުމަނު ވިލާތުން އުފައްދާ "ޖާސްޓެލް" ނަމަކަށް ކިޔާ ބުއިމަކީ ބަނގުރާ އެކުލެވިގެން ނުވާ ބުއިމެއް ގޮތުގައި ބުނެފައި އޮތަސް، އޭގައި ބަގު އާވިކަމެއް އެކުލެވިގެންވާ ކަމަށެވެ.

މިކަމާއި ގުޅިގެން ކަސްޓަމްސްއިން ބުނީ ޖާސްޓެލް ބުއިމުގެ މައްސަލަ ފާހަގަ ވެފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އުމަރު ވަނީ މިކަން ފުލުހުންނަށާއި، ކަސްޓަމްސްގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ. ރާއްޖޭގައި މި ބުއިން ވިއްކަމުންދާ ހުރިހާ ފިހާރަތަކުން ބުއިންތައް ނެގުމަށްވެސް އުމަރުވަނީ އިލްތިމާސްކޮށްފަ އެވެ.

ޖާސްޓެލް ބްރޭންޑްގެ މި ބުއިމަކީ، ވީއޭއެމްކޯ އިން ރާއްޖެ ގެނެސް މާކެޓް ކުރާ ބުއިމެކެވެ. އެކުންފުނިން މި ބުއިން މާކެޓު ކުރުމަށް ރާއްޖޭގެ އެކި އެކި އެކި ކުންފުނިތަކަށް ދަނީ އީމެއިލްގެ ޒަރީއާއިން އިސްތިހާރުވެސް ފޮނުވަމުންނެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ވީއެމްކޯ އިން ބުނީ، އެ ބުއިމުގެ މައްސަލަ ކަސްޓަމުން ބަލާ ކަމުގެ މައުލޫމާތު ލިބިފައި ވާކަމަށާ ނަމަވެސް ކަސްޓަމުން އަދި ވަކި އެއްޗެއް އަންގާފައި ނުވާ ކަމަށެވެ. އެހެން ކަމުން އެތަކެތި ބާޒާރުން ނެގުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.