ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ މެދު އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންގޮސްދިނުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފި އެވެ.

ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މިއަދު މެންދުރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މާވަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީނުގެ މައްސަލަ ކްރިމިނަލް ކޯޓުގެ އެންމެ ފަނޑިޔާރަކު ބަލަމުން ގެންދިއުމަކީ ކަންބޮޑުވާ ވަރުގެ މައްސަލައެއް ކަމަށެވެ. އަދި އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދެވޭނީ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމުން ކަމަށް ސައީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާ ބެލުމުގައި ފަނޑިޔާރުންގެ ބެންޗަކަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން އެދިލައްވާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރުމުން އެކަމާއި ގުޅިގެން ސައީދު ވިދާޅުވީ ރައީސްކަން ކުރެއްވި ބޭފުޅުންނާއި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ޝަރީއަތް ޓީވީއިން ލައިވްކޮށް ދުރާއި ގާތުން ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ފެންނާނެހެން ދެއްކުމަކީ މައްސަލައެއް ނޫން ކަމަށެވެ. ސައީދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރަމުން ގެންދަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި އެއީ ވަރަށް ބޭއިންސާފުން ކުރިއަށް ގެންދާ ޝަރީއަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ފަށާފައިވަނީ މިދިޔަ ހަފްތާގަ އެވެ. މި ޝަރީއަތުގެ ފުރަތަމަ އަޑު އެހުމަށްފަހު ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީ ވުމަށް ޔާމީނަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ ފެށޭ ހަފުތާގައެވެ.