ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެމްބަރުން މަގާމުން ވަކިކުރެއްވުމަށް ފަހު އަލުން އެ ބޯޑަށް މެމްބަރުން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.
މަޖިލީހުން މިގޮތަށް ނިންމާފައި ވަނީ ޕީސީބީގެ ގާނޫނީ ޒިންމާ އަދާކުރެވިފައި ވާ މިންވަރު ރިވިއު ކުރުމާ ގުޅޭ ގޮތުން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. އެސްއޯއިން މިގޮތަށް ނިންމާފައި ވަނީ ކޮމިޓީގައި އެވަގުތު ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިގްތިފާގުންނެވެ.
އެސްއޯއީ ކޮމެޓީއިން ޕީސީބީއާއި ގުޅޭގޮތުން ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ހިސާބު ބެލެހެއްޓުމާއި އޮޑިޓް ކުރުން ދަނީ އެއް އުސޫލަކުން ކަމަށް ބަޔާން ކޮށްފައި ވީ ނަމަވެސް، އެއް އުސޫލަކުން ހިސާބު ބެލެހެއްޓުމާއި އޮޑިޓް ކުރުމުގެ ކަންތައްތައް ހަމަޖައްސާފައި ނުވާކަމަށް ވެއެވެ. އަދި އެ މަސައްކަތް ކުރުމުގެ ޤާބިލްކަން ވެސް ޕީސީބީގައި ނެތް ކަމަށް ކޮމެޓީ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ޕީސީބީ އެކުލަވާލި ފަހުން ރައްޔިތުންގެ މަޖިލިހަށް ރުހުން ހޯދަން ފޮނުވާފައި ނުވާ ކަން ފާހަގަ ކޮށްފައިވެ އެވެ. ކޮމެޓީން ދެކޭ ގޮތުގައި މެމްބަރުންނަށް ރުހުން ހޯދަން މަޖިލިހަށް ނުފޮނުވުމަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނާ ހިލާފަށް ކުރި ކަމެކެވެ.
ޕީސީބީގެ ބޯޑު އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ހަތް މެންބަރުންގެ މައްޗަށެވެ. ޕީސީބީގެ ބޯޑަށް މެންބަރުން އައްޔަން ކުރެއްވުމަށް ފަހު އެ މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހޭނެ އެވެ. ގާނޫނު ބުނާ ގޮތުން ޕީސީބީގެ ރައީސާއި ނާއިބު ރައީސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަލައިޒް ކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ ހަތްވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވަނީ މެންބަރު ކަމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގެންފި ހިނދެއްގައި އެ މެންބަރަކު މަގާމުން ވަކި ކުރެވޭނެ ކަމަށެވެ.