ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލީގަލް ޓީމުގެ ލީޑަރަކަށް އެމަނިކުފާނުގެ ސަރުކާރުގެ ކުރީގެ ނައިބުރައީސް މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސަވައިފިއެވެ.
ޕީޕީއެމް ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލް ކުރައްވައިފައިވާ ޓްވީޓެއްގައި ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ، އަދި އެކަމާ އުފާ ކުރައްވާ ކަމަށްވެސް ޝަކީލްގެ ޓްވީޓުގައި ވަނީ ބުނެފައެވެ.
ޖަމީލް ނޫހަކަށް ދެއްވާފައިވާ އިންޓަވިއު އެއްގައި ރައީސް ޔާމީނަށް އިންސާފު ހޯއްދަވައި ދެއްވުމަށް ވެސް އެހީވެވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ޖަމީލު ވިދާޅުވަފައި ވަނީ ރައީސް ޔާމީނުގެ ލީގަލް ޓީމުގައި ހިމެނިވަޑައި ނުގަތަސް އެފަދަ ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަކީވެސް އިންސާފު ލިބިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުން މިހާރު ވަނީ ފަށާފައެވެ. އެންމެ ފަހުން އޮތް އެ މައްސަލައިގެ ޝަރީއަތުގައި ވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ދެކޮޅަށް ހެކި ހުށަހެޅުމަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
ރައީސް ޔާމީނުގެ ދައުރުގައި ޖަމީލް ހުންނެވި މަގާމުން ވަކިކުރައްވާފައި ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީއެވެ. އޭގެ ފަހުން 3 އަހަރު ދުވަހު ޖަމީލް ވަނީ ރާއްޖެއިން ބޭރުގައި ހޭދަކުރައްވާފައެވެ. ޖަމީލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުންގެ ބެންޗުގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.