ޗާންދަނީ މަގުގައި ހުންނަ ވެސްޓަން ޔޫނިއަން ކައިރީގައި ރޭ ބަޔަކު މީހުން ފޭރިގަނެގެން ގެންދިޔަ ފޮށްޓަކީ ފައިސާ އަޅާފައި ހުރި ފޮށްޓެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ހިނގާދިޔަ މި ހާދިސާއާ ގުޅިގެން ފުލުހުން މިރޭ ބުނީ ރޭ ޗާންދަނީ މަގުގައި ހުންނަ ވެސްޓަން ޔޫނިއަން ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް އާއްމު ފަރާތަކުން ފުލުހުންނަށް ރިޕޯޓު ކުރުމާއި ގުޅިގެން ފުލުހުން އެސަރަހައްދަށް ދިއުމުން މާރާމާރީ ހިންގާފައި ވަނީ ފޭރުމަކާ ގުޅިގެން ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

ފުލުހުން ބުނީ އެތަނުގައި ހުރި ފައިސާގެ މުއާމަލާތް ކުރާ ފިހާރައަކުން 20،000 ޑޮލާރާއި 30،000 ޑޮލަރާއި ދެމެދުގެ އަދަދަކަށް ފައިސާ އަޅާފައި ހުރި ފޮށްޓެއް ފޭރިގަނެގެން ދިޔަކަމަށްވެސް އޭރު ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެ މައްސަލަ ވަގުތުން ފުލުހުން ތަހުގީގު ކުރަން ފެށި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުން ފުލުހުން ދިޔައިރު، އެކަމުގައި ޝާމިލުވާ މީހުންނާ އެ ފޭރުމާއި ގުޅޭ އިތުރު މައުލޫމާތުވެސް ހޯދަމުން ދިޔަ ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު ތަހުގީގުތަކަށް ބަލާއިރު ފޭރިގަނެގެން ގެންދިޔަ ފޮށީގައި އެއްވެސް ވަރަކަށް ފައިސާ ނެތްކަން ފާހަގަ ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފޭރުމުގެ އެ މައްސަލައާ މާރާމާރީ ހިންގި ކަމުގެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. މިހާތަނަށް މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން ނުބުނެއެވެ.

މިފަހަކަށް އައިސް ފޭރުމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރާ މިންވަރުވަނީ އިތުރު ވެފައެވެ. މިދިޔަ ޖޫން މަހުވެސް ހުޅުމާލޭގައި މީހެއްގެ އަތުން 15،000 ޑޮލަރާއި 150،000 ރުފިޔާ ފޭރުނު މައްސަލައިގައި މިހާތަނަށްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.