ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓު އުފައްދަން ފަށައިފިއެވެ.
ރ. ވަންދޫ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒުގައި މިއަދު ފުރަތަމަ ފަހަރަށް ކުނިން ކަރަންޓު އުފައްދަން ފެށިކަން އިއުލާން ކޮށްދެއްވީ މިނިސްޓާ އޮފް އެންވަޔަރަމަންޓް، ޑރ. ހުސެއިން ހަސަނެވެ. އެންވަޔަރަމަންޓަ މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުންޏަކީ ފައިސާ ލިބޭ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރި ވައުދު ފުދެންފެށުނީ ކަމަށެވެ.
ކުނިން ކަރަންޓު އުފައްދަން ފެށިކަން އިއުލާން ކުރައްވާ އެންވަޔަރަމަންޓް މިނިސްޓަރު ވަނީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށް ސިފަކުރައްވާފައެވެ.
މި މަޝްރޫއަށް އިންޓަނޭޝަނަލް ރިނެވެބަލް އެނާޖީ އޭޖެންސީ (އައިއާރްއީއެންއޭ) މެދުވެރިކޮށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ވަނީ 92.7 މިލިއަން ލޯނެއް ދީފައެވެ. މި ލޯނު އިއުލާން ކޮށްފައި ވަނީ އެނާޖީ އޭޖެންސީގެ ހަތަރުވަނަ އަހަރީ އާންމު ބައްދަލުވުމުގައެވެ. މި ބައްދަލުވުން 2014 ވަނަ އަހަރު ޖެނުއަރީ މަހު 21 ވަނަ ދުވަހު އަބޫ ދާބީގައި ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި އޭރުގެ އެންވަޔަރަމަންޓް މިނިސްޓާ ތޯރިގް އިބްރާހިމް އަދި ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން އިބްރާހިމްގެ އިތުރުން ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫއަށް ފަންޑް ކުރުމަށް އެނާޖީ އޭޖެންސީއަށް 2013 ވަނަ އަހަރު ހުށަހަޅާފައިވާއިރު، 80 އަށް ވުރެ ގިނަ ގައުމުތަކުން ވަނީ އެ އަހަރު އެކި މަޝްރޫއުތަކަށް ހުށަހަޅާފައެވެ. މި ހުށަހެޅުންތަކުގެ ތެރެއިން އެނާޖީ އޭޖެންސީ އަދި އޭޑީއެފްޑީން ވަނީ ހޮވާލެވުނު ހަ މަޝްރޫއަކަށް 50 މިލިއަން ޑޮލަރުގެ ލޯނު ދީފައެވެ. އެނާޖީ އޭޖެންސީ އަދި އޭޑީއެފްޑީން އިން ވަނީ ތަރައްގީ ވަމުންދާ ގައުމުތަކުގައި ރިނެވެބަލް އެނާޖީ ބޭނުން ހިފޭ ގޮތެއްގައި ބޭނުން ކުރުމަށް ޖުމްލަ 350 މިލިއަން ޑޮލަރުގެ ލޯނު ދިނުމަށް ނިންމާފައެވެ.
މި މަޝްރޫއުގެ ދަށުން ދެ މެގަވަޓްގެ ކުނިން ކަރަންޓު އުފެއްދާ ޕްލާންޓް ގާއިމް ކުރުމަށް ނިންމީ ރާއްޖޭގެ ތިން ސަރަހައްދެއްގައެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި، ހދ. ކުޅުދުއްފުށި، ރ. ވަންދޫ އަދި އައްޑޫ ސިޓީ ހިމެނެއެވެ.