އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކުގެ އެކުއިިޒިޝަން ކޯސްޓުގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން "ނޮޓް ނެގޯޝިއަބަލް" ޗެކް ބޭންކް އޮފް މޯލްޑިވްސްގެ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދިން ކަމުގެ މައުލޫމާތު އިތުބާރު ހުރިގޮތަކަށް "ދަޕްރެސް" އަށް އެނގިއްޖެ އެވެ.
ދައުލަތަށް 1.3 ބިލިއަން ރުފިޔާ ގެއްލުނު ބޮޑު ހިޔާނާތުގައި، ބީއެމްއެލުން އެގޮތަށް އަމަލު ކުރިކަން އިތުބާރު ހުރި މަސްދަރުތަކުން "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދީފައި ވެއެވެ.
ނޮޓް ނެގޯޝިއަބަލް ޗެކް ޖަމާކުރި ކަމަށް އޭސީސީން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައިގައި ވެސް ވަނީ ފާހަގަ ވެފަ އެވެ. ނޮޓް ނެގޯޝިއަބަލް ޗެކަަކީ އެ ޗެކެއްގައި ލިޔެފައި އޮންނަ ފަރާތަކުގެ އެކައުންޓަށް އެކަނި ޖަމާކުރެވޭ ޗެކެކެވެ. ނަމަވެސް އެ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތު ކުރެވޭ ވާހަކަތައް ބީއެމްއެލުން އަންނަނީ ދޮގުކުރަމުންނެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ބީއެމްއެލް މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރު ކުރުމުން ވެސް ބޭންކުން ވަނީ އެފަދަ އަމަލެއް ބޭންކު ތެރެއިން ނުހިނގާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.
ރަށްތައް ދޫކޮށްގެން ލިބުނު އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނު ބީއެމްއެލްގެ ޗެކްތަކުގެ އިތުރުން އެހެން ބޭންކްތަކުން ފޮނުވި ނޮޓް ނެގޯޝިއަބަލް ޗެކް ވެސް ބީއެމްއެލުން އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތު އަންނަނީ ކުރަމުންނެވެ. ޕްރެޒިޑެންޝަލް ކޮމިޓީ އޮން އެސެޓް ރިކަވަރީ ވެސް ބީއެމްއެލް އިން ނޮޓް ނެގޯޝިއަބަލް ޗެކްތައް އެސްއޯއެފަށް ޖަމާކުރި މައްސަލައެއް ބަލަމުން އަންނަ ކަން ވަނީ އެނގިފައެވެ.
ބީއެމްއެލް އިން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންޑޯސްމެންޓާ ހިލާފަށް ޗެކް ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ އިރު، އޮޑިޓާ ޖެނެރަލް އޮފީސް އަދި އޭސީސީން ވެސް ވަނީ އެފަދަ އިޝާރާތްތަކެއް ކޮށްފައެވެ. އެގޮތުން އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުގައި މިކަންކަން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އެއީ ސީދާ ނޮޓް ނެގޯޝިއަބަލް ޗެކްތަކެއް ކަމަށް އެ ރިޕޯޓްތަކުގައި ބުނެފައެއް ނުވެއެވެ.
ނޮޓް ނެގޯޝިއަބަލް ޗެކް ޖަމާކުރި ކަމަށް ބުނާ މައްސަލައިގައި އޭސީސީން ބުނެފައި ވަނީ އެމްއެމްޕީއާރުސީ އާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަ ވެގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އޭސީސީން މިހެން ބުނި ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި މައްސަލަ ބަލަމުންދާތީ އިތުރު ތަފްސީލު ދެވެެން ނެތް ކަމަށް އޭސީސީން ބުނެ އެވެ.