ޅ. ނައިފަރުގައި ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ މަގުމަތިން ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ޅ، ނައިފަރު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:25 ހާއިރެވެ. އޭގެފަހުން ހަބަރެއް ނުވާތީ އާއިލާއިން ވަނީ އެ ކުއްޖާ ގެއްލިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

އެންމެ ފަހުން މައިސަރާ ލައިގެން ހުރީ، އަތްކުރު ވިލު ނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މިހާރު އޭނާ ފެނިފައިވާ ކަމަށާއި ފެނުނީ މިރޭގެ ވަގުތެއްގައި ނައިފަރު މަގުމަތިން ކަމަށެވެ. އަދިި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެއެވެ.