ސީލައިފް މޯލްޑިވްސް އަށް ދައުލަތުން ދޭންޖެހޭ ކަމަށް ބުނާ 12 މިލިއަން ޑޮލަރުގެ ސެޓްލްމަންޓް އެގްރީމެންޓަކީ މިދިޔަ ސަރުކާރުން ބާތިލްކޮށް، އެއީ އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއް ނޫންކަމަށް ނިންމާފައި ވާކަން "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.

އެ 12 މިލިއަން ޑޮލަރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސީލަފް މޯލްޑިވްސް އާ އެކު ކުރެވުނު 80 ލަގްޒަރީ ފުލެޓްގެ ކޮންޓްރެކްޓް އެއްބަސްވުން ބާތިލް ކުރުމުން ބަދަލުގެ ގޮތުގައި ހޯދުމަށް އެ ކުންފުނިން ދައުވާ ކުރި 40 މިލިއަން ފަހުން 12 މިލިއަނަށް ބަދަލުކޮށް ދިނުމަށް އެދުނު އަދަދެވެ. ނަމަވެސް އެ ފައިސާ ދޭން އެއިރުގެ ސަރުކާރުން ހެދި ސެޓްލްމަންޓް އެގްރީމެންޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކޮށް އެކަން ރަސްމީކޮށް ސީލައިފް މޯލްޑިވްސްއަށް އަންގާފައި ވެއެވެ.

ސީލައިފްގެ މަޅީގައި އެތައް ބަޔަކު ޖެހިފައި

ބޯހިޔާވަހިކަމަކީ ކޮންމެ މީހަކުވެސް އެދިއެދި ހުރި އެންމެ އަސާސީ އެއް ހައްގެވެ. ނަމަވެސް ގިނަ ފަހަރަށް އެ ހައްގަށް އަރައިގަންނަނީ ހަމަ ދިވެހީންނެވެ. ބައެއް ފަހަރު އެންމެ އިސް ރޯލެއް އަދާކުރަނީ ދިވެހިންގެ ބެލެނިވެރި ފަރާތް ދައުލަތެވެ.

ސީލައިފް ގްލޯބަލް އިންކް ކިޔާ ކުންފުންޏަކުން އަޅާނެ ކަމަށް އުއްމީދު ކުރި ފުލެޓް ތަކަށް ވަނުމުގެ އިންތިޒާރުގައި 200 އެތައް އާއިލާއެއް ތިބޭތާ މިހާރު ފަސް އަހަރު ވެއްޖެއެވެ. އައި އެއްވެސް ސަރުކާރަކަށް އެކަމަށް ހައްލެއް ނުހޯދުނުތާ އެ ކުންފުންޏާ ދެކޮޅަށް ދިވެހި ދައުލަތުން ވެސް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ފަހު ކަމަކަށް ދިވެހި އެތައް ސަތޭކަ ރައްޔިތުން 'މަޅީގައި ޖައްސާ ކަރުގައި ހިފުމުން' ވެސް ދައުލަތުން ކީ ގުލްދަސްތާ އަކުން މަރުހަބާއެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސީލައިފަށް 3000 ފުލެޓް އަޅަން ހުޅުމާލެއިން ބޮޑު ބިމެއް ދީ އެމީހުންގެ އަތުން ފުލެޓް ގަންނަން ފުރުސަތު ހުޅުވާލުމުން ބޯހިޔާވަހި ކަމަށް ފެންބޮވައިގަންފައި ތިބި ރައްޔިތުން ކަމުގެ ދެކޮޅު ނުބަލާ އުމުރު ދުވަހު އެއްކުރި ލާރި އެ ކުންފުންޏަށް ތަބަކަށް ލައިފައި ދިނެވެ. ބޯހިޔާވަހިކަން ލިބޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެ ސީލައިފުން އެ 200 އާއިލާގެ ކަރުގައި ހިފީއެވެ. ދިން ފައިސާކޮޅު ހިފައިގެން ފިލީއެވެ.

މިކަމުގައި މިހާތަނަށް އެއްވެސް ސަރުކާރަކަށް ކަމެއް ނުކުރެވުނު ތަނުގައި، އެންމެ ފަހުން އަނެއްކާވެސް އެ ފުލެޓްތައް އަޅަން އެ ކުންފުންޏަށް ދިނީއެވެ. ދިވެހި ދައުލަތާއި ރައްޔިތުން ގެނައި ސަރުކާރު އެހާވެސް ނިކަމެތިވެ ބަލިކަށިވީ ހެއްޔެވެ. ނުވަތަ 'އަޑިއަޑިން ހެދި ޑީލަކުން' އެއްފަހަރުން މިކަން ނިންމާލައި ރައްޔިތުންގެ ލޮލުގައި އަދުނެއް އަޅުވާލީހެއްޔެވެ.

ސީލައިފް މައްސަލައިގައި ސިވިލް ކޯޓުގައި ވެސް އެކުންފުނިން ވަނީ 200 އެއްހާ އާއިލާއިން ދެއްކި ފައިސާ އަނބުރާ ދޭންޖެހޭ ކަމަށް އެއްބަސް ވެފައެވެ. ނަމަވެސް އެ ފައިސާ އެންމެ ފަހުން ދޭން މި ނިންމީ ރައްޔިތުންގެ ޖީބުން ދެއްކި ޓެކްސް ފައިސާއިން ދިވެހި ދައުލަތުންނެވެ. ސުވާލު އުފެދޭ އެތައް ކަމެއް އެބަހުއްޓެވެ.

ސީލައިފް މައްސަލައިގައި ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މައްސަލަ ހައްލުކުރި އިރު، އެ ކުންފުންޏަށް ފައިސާ ދެއްކި މީހުންގެ ތެރެއިން އަނބުރާ އެ ފައިސާ ނުދެވި ތިބި މީހުންނަށް ރިފަންޑް ދޭން ނިންމީ ސީލައިފް ގްލޯބަލްގެ ބޮޑު ހިއްސާއެއް އޮންނަ ގްލޯބަލް މޯލްޑިވްސްއަށް ދިވެހި ދައުލަތުން ދޭން ޖެހޭކަމަށް ބުނާ 12 މިލިއަން ޑޮލަރެއްގެ ތެރެއިންނެވެ. ނަަމަވެސް މިއީ ވެސް އޮޅުވާލުމެކެވެ.

12 މިލިއަން ޑޮލަރުގެ އަނދުނެއް!

ސީލައިފް ގްލޯބަލްގެ ބޮޑު ހިއްސާއެއް އޮންނަ ސީލައިފް މޯލްޑިވްސް އަށް ދޭން ޖެހޭކަމަށް ބުނާ 12 މިލިއަން ޑޮލަރު ފެށުނު ހިސާބު ބަލައިލަން ހިނގާށެވެ. އެއީ 2008 ވަނަ އަހަރު އައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސީލައިފް މޯލްޑިވްސްއާ ސަރުކާރާ ދެމެދު ވެވުނު އެއްބަސް ވުމެއްގެ ދަށުން އަޅަން ނިންމި 80 ފުލެޓްގެ ޕްރޮޖެކްޓްގެ ދަށުން ދޭންޖެހޭ ކަމަށް ބުނާ 12 މިލިއަން ޑޮލަރެކެވެ. ނަމަވެސް އެ ސަރުކާރު ބަދަލުވެ އެ މަސައްކަތް ސީލައިފް މޯލްޑިވްސް އިން ނުނިންމައެވެ. ނަމަވެސް އެ 12 މިލިއަން ޑޮލަރު ހޯދުމަށް އެ ކުންފުނިން ވަކާލާތު ކުރިއެވެ.

ނިމިގެންދިޔަ ރައީސް ޔާމީންގެ ސަރުކާރުން ނިންމީ، ސީލައިފް މޯލްޑިވްސްއާ ހަވާލުކޮށްގެން އަޅަން ނިންމި 80 ލަޒަރީ ފުލެޓްގެ މަސައްކަތް އެއްވެސް ވަރަކަށް ކޮށްފައި ނުވާތި 12 މިލިއަން ޑޮލަރު އެ ކުންފުންޏަށް ނުދިނުމަށެވެ. ނަމަވެސް އޭގެ ކުރިން އެއިރު ސަރުކާރުގެ ދެ އިދާރާއެކުން އެ ފައިސާ އެ ކުންފުންނަށް ދިނުމަށް ލަފާދީފައި ވެއެވެ. ނަމަވެސް ރައީސް ޔާމީން އުފެއްދެވި އިކޮނަމިކް އެންޑް ޔޫތް ކައުންސިލުން އެ މައްސަލަ ބެލުމަށް ފަހު، ސީދާ ރައީސް ޔާމީން ނިންމެވީ ސީލައިފް މޯލްޑިވްސް އަށް އެފައިސާ ނުދިނުމަށެވެ. އަދި 12 މިލިއަން ޑޮލަރުގެ އެގްރީމެންޓް ބާތިލްކޮށް އެ ކުންފުންޏަށް އެކަން އެންގިއެވެ. އެހެންކަމުން ސީލައިފް ގުލޯބަލްއިން އެބުނާ 12 މިލިއަން ޑޮލަރަކީ ކޮން ފައިސާއެއް ހެއްޔެވެ.

ސީލައިފަށް ފައިސާ ދެއްކި މީހުން މުޒާހަރާ ކުރަނީ / ފައިލް ފޮޓޯ

ސީލައިފް ގްލޯބަލްއިން އަދިވެސް ވަކާލާތު ކުރަނީ އެ 12 މިލިއަން ޑޮލަރެއް ސީލައިފް މޯލްޑިވްސްއަށް ލިބުމުން ރިފަންޑް ދޭނެކަމަށެވެ. ވަކި ދެ ޕްރޮޖެކްޓެއްގެ އަދި ހިއްސާ އޮތް ނަމަވެސް ދެ ކުންފުންޏެއްގެ ދެމެދުގައި ފައިސާ ބަދަލު ކުރެވުނު ނަމަވެސް، ސީލައިފް ގުލޯބަލްއަށް ދިވެހި ނިކަމެތި ރައްޔިތުން ދެއްކި ފައިސާ އަށްވީ ކިހިނެއް ހެއްޔެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ކުރީގެ ސަރުކާރުން 2014 ގައި ސީ ލައިފާ ހަވާލުކުރީ އެ ގާބިލްކަން އެ ކުންފުނީގައި ނެތް ކަން އެނގި ތިބެއެވެ. މިކަން ހާމަވަނީ އެޗްޑީީސީން ހެދި ޑިއު ޑެލިޖެންސް ރިޕޯޓުންނެވެ. އެ ކުންފުނީގެ މާލީ ހާލަތު މި ރިޕޯޓުން ވަރަށް ސާފެވެ. ނަމަވެސް ބީލަމަށް ނުލައި ސީ ލައިފްއާ ހަވާލުކުރި މަޝްރޫއު ފަށަން، ބުކިން ފީގެ ގޮތުގައި ބޮޑު އަދަދުތަކުން އޮޅުވާލައިގެން ފައިސާ ނެގި އިރު ވެސް މައްސަލައަކަށް ނުވިއެވެ. އެއިރުވެސް ސަރުކާރު އޮތީ ހަނެވެ. އެޗްޑީސީ އޮތީ ގަދަ ނިންޖަކުން ނިދާފައެވެ.

ސީ ލައިފާއި އެޗްޑީސީން ވީ އެއްބަސްވުމުގައި އޮންނަނީ މަޝްރޫއުގެ 20 ޕަސެންޓް ނުނިމެނީސް ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ އިތުރުން އެއްވެސް ފައިސާއެއް ނުނެގޭނެ ކަމަށެވެ. އެކަމަކު އެއްބަސްވުމަށް ބެލުމެއް ނެތި ބުކިން ފީގެ އިތުރުން ބައެއް މީހުންގެ އަތުން ޑައުންޕޭމަންޓް ވެސް ނެގިއެވެ. ފަހުވަގުތު ލާރިކޮޅު ކާލައިގެން ވެރިން ފިލައިފިއެވެ.

ސީލައިފްގެ މަކަރު ފޮރުވަން ސަރުކާރުން އެ ފައިސާ ދެނީ!

ކަން މިހާ ހިސާބަށް ގޮސްފައި އޮށްވާ އެންމެ ފަހުން އަޑު އިވުނީ ބުކިން ފީގެ ގޮތުގައި ފައިސާ ދެއްކި ފަރާތްތަކަށް އެޗްޑީސީން ފައިސާ ދޭން ނިންމި ވާހަކައެވެ. ވައްކަން ކުރީ ސީލައިފުންނެވެ. އެ ފައިސާއާއި ޒިންމާވީ ދައުލަތެވެ. މި މައްސަލައިގައި ސީލައިފުން އަންނަނީ މެދުކެނޑުމެއް ނެތި ދައުލަތާއި މުއާމަލާތް ކުރަމުންނެވެ. ނަމަވެސް ފައިސާ ހިފައިގެން ފިލި މީހުންނެއް ނުހޯދެއެވެ. ސީލައިފުން މިހާތަނަށް އައިއިރު އެތައް ހުށަހެޅުމެއް ހުށަހެޅިކަން ހާމަވަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓުން ނިންމި ނިންމުމުންނެވެ.

އޭގައި ވަނީ ދައުލަތުން ސީ ލައިފަށް ދޭން ޖެހޭ ބަދަލާ ގުޅުވާފައެވެ. ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އެ ދޭން އެއްބަސްވި ނަމަވެސް އެއިރު ދީފައި ނުވެއެވެ. އަދި މި 12 މިލިއަން ޑޮލަރުގެ މައްސަލައިގައި އެއިރުގެ ސަރުކާރާ ސީލައިފް މޯލްޑިވްސްއާ ދެމެދު ސެޓްލްމަންޓް އެގްރީމެންޓެއް ހެދުނެވެ. ނަމަވެސް އެއަށް އަމަލު ކޮށްފައެއް ނުވެއެވެ.

ސީލައިފް ފުލެޓް އަޅަން ކޮންޓްރެކްޓަރާއި ހަވާލުކުރުން

ދައުލަތުން ބޮޑު އަދަދެއްގެ ފައިސާ ދިނުމަށް އެއިރު އެއްބަސްވީ އެ ކުންފުނިން ކޮން މަސައްކަތެއް ކޮށްގެން ކަމެއް ނޭނގެއެވެ. ސީލައިފް މޯލްޑިވްސްއަށް ދޭންޖެހޭ 12 މިލިއަން ޑޮލަރުގެ މައްސަލައިގައި މިދިޔަ ސަރުކާރުގެ ދެ އިދާރާއަކުން ވެސް އެ ފައިސާ ދިނުމަށް ލަފާ ދިނެވެ. ނަމަވެސް އެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަމާލުކަމަށް އައިސް އެއިރު އުފައްދާފައި އޮފް އިކޮނަމިކް އެންޑް ޔޫތް ކައުންސިލުން އެ މައްސަލަ ބަލާ ފައިސާ ނުދިނުމަށް ނިންމާ ސެޓްލްމަންޓް އެގްރީމެންޓް ބާތިލް ކުރިއެެވެ.

ސީލައިފް މައްސަލައިގައި ކޯޓުގައި ވަކާލާތުކުރާ އެޑްވޮކަސީ ޗެމްބާސް އިން ބުނެފައިވަނީ ސީލައިފް މޯލްޑިވްސްއާ އެކު ވެފައިވާ ސެޓްމަންޓް އެގްރީމަންޓް ބާތިލް ކުރިކަމަށް ސިޓީއަކުން މިދިޔަ ސަރުކާރުން އެންގި ކަމަށެވެ. ނަމަވެސް އެ އެއްބަސްވުން ބާތިލް ކުރެވޭނެ ކަމަށް އެ ލޯފާމުން ގަބޫލެއް ނުކުރެއެވެ.

މި 12 މިލިއަން ޑޮލަރަކީ ހުޅުމާލޭގައި ސީލައިފުން އަޅަން ނިންމި ފުލެޓާ ގުޅުން ހުރި ފައިސާއެއް ނޫނެވެ. 3000 ފުލެޓަކީ އެޗްޑީސީއާއީ ސީލައިފް ގުލޯބަލް އިންކާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އަޅަން ނިންމި ފުލެޓްތަކެެވެ. އަދި އެއްބަސްވުމާއި ހިލާފަށް އެ ކުންފުނިން ވަނީ ފުލެޓަށް އެދުނު މީހުންގެ އަތުން ފައިސާ ނަގާފައެވެ. ނަމަވެސް ބަދަލު ދޭން އެ ކުންފުނިން ނިންމީ ސީލައިފް މޯލްޑިވްސްގައި އެކުންފުނީގެ ހިއްސާއެއް އޮންނަ ކަމަށް ބުނެ އެ ކުންފުންޏަށް ދައުލަތުން ދޭންޖެހޭ ފައިސާއިންނެވެ.

ސީލައިގް ގްލޯބަލް އިން ފެށި 3000 ފުލެޓްގެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހުން ބުކިން ފީ ދެއްކިއެވެ. އެގޮތުގެ މަތީން ކޮންމެ މީހެއްގެ އަތުން 50،000 ރުފިޔާ ނަގާފައިވެއެވެ. އެފައިސާ ދައްކާފައިވަނީ އެ މީހަކު ބޭނުން ވެއްޖެ އިރެއްގައި އަނބުރާ ނެގޭ ގޮތަށެވެ. ނަމަވެސް ކަން ހިނގީ އެގޮތަކަށް ނޫނެވެ. ބުކިން ފީގެ އިތުރުން އެޑްވާންސް ފައިސާ ވެސް އެއްބަސްވުމާ ހިލާފަށް ނަގަމުން ދިޔައެވެ.

ސީލައިފް މޯލްޑިވްސް އަށް ދޭންޖެހޭ 12 މިލިއަންގެ އެއްބަސްވުން ބާތިލް ކުރުން

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، 3000 ފުލެޓްގެ މަސައްކަތަކީ ސަރުކާރާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެޗްޑީސީން އެހެން ޕްރޮޖެކްޓުތައް ކުރިއަށް ގެންދާ އުސޫލުން ސީލައިފް ގުލޯބަލްސް އާ ގުޅިގެން ފެށި ޕްރޮޖެކްޓެއް ކަމަށެވެ.

އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސީލައިފް މޯލްޑިވްސްއާ ހަވާލުކޮށްގެން އަޅަން ނިންމި 80 ފުލެޓްގެ މަސައްކަތް ނުނިމި އެ އެއްބަސްވުން ޔާމީންގެ ސަރުކާރުން ބާތިލް ކުރިކަމަށެވެ. އަދި އޭގެ ބަދަލުގައި 12 މިލިއަން ޑޮލަރު ހޯދުމަށް ސީލައިފް މޯލްޑިވްސް އިން އެދުނު ކަމަށާއި، އެ ފައިސާ ދިނުމަށް އެއިރު ސަރުކާރުގެ ދެ ވުޒާރާއަކުން ލަފާ ލިބުނު ނަމަވެސް، ފައިސާ ދީފައި ނުވާނެ ކަމަށެވެ.

"ރައީސް ޔާމީނަށް އެކަމުގެ މައުލޫމާތު ލިބިވަޑައިިގެން ވިދާޅުވީ އެކަމާ ބެހޭ ހުރިހާ ލިޔެކިޔުންތަކެއް ރައީސް އޮފީހަށް ފޮނުވައިދެއްވުމަށް. އަޅުގަނޑުމެންވެސް ގަބޫލެއް ނުކުރައްވަން 12 މިލިއަން ޑޮލަރެއް ނުފަށާ މަސައްކަތަކަށް ދޭން. ދެން އިކޮނަމިކް ކައުންސިލްގައި އެކަމާއި ބެހޭގޮތުން ވާހަކަ ދެކެވި ސީދާ ރައީސް ޔާމީން ނިންމެވީ 12 މިލިއަން ޑޮލަރު ނުދޭންވެސް،"
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

އާހިރުގައި ފައިސާ ދޭންޖެހުނީ ދެ ޕްރޮޖެކްޓަށް ވެސް!

ރާއްޖޭގެ ކުންފުންޏަކާއި ދުބާއީގެ ދެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ސީލައިފަށް އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 2019 ގައި ނިންމާ ގޮތަށެވެ. އެތަނުގައި ފްލެޓްތައް އަޅަނީ ތިން ބްލޮކަކަށް ބަހާލައިގެން، ބްލޮކެއްގައި 1،000 އެޕާޓްމެންޓްމެންޓް ހިމެނޭ ގޮތަށެވެ.

ސީލައިފުން އެތައްސަތޭކަ ބައެއްގެ ހައްގަށް އެރުމުން ވެސް ސަރުކާރުން ކީ އެ ކުންފުންޏަށް ސަނާއެވެ. އަނެއްކާވެސް ޕްރޮޖެކްޓް ކުރިއަށްގެންދަން ހުއްދަ ވަނީ ދީފައެވެ. ބަދަލު ދެނީ މީގެ ކުރިން ދައުލަތުން ބާތިލް ކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިއީ ކޮރަޕްޝަންގެ އަމެއްލެ ނޫނީ ނުވާނެ ކަމަށް ކުރީގެ ސަރުކާރުގެ އިސްފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ހިޔާނާތުގެ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމަށްފަހު، ސިވިލް ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް، ސީލައިފްގެ މައްސަލައިގައި ވަކާލާތު ކުރާ ލޯ ފާމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ 258 ފަރާތަށް ފައިސާ ރިފަންޑް ދެވިފައި ނުވަނީ ސަރުކާރުން ސީލައިފް ގްލޯބަލްގައި ބޮޑު ހިއްސާއެއް އޮންނަ ސީލައިފް މޯލްޑިވްސްއަށް ދޭންޖެހޭ ފައިސާ މިހާތަނަށް ވެސް ދީފައި ނުވާތީ ކަމަށެވެ.

އެގޮތުން ލޯފާމުން ސީލައިފްގެ ލިޔުންތައް ދިރާސާ ކުރިއިރު، ސީލައިފް ގްލޯބަލް 97 ޕަސެންޓް ހިއްސާ އޮންނަން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 12 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ދިވެހި ސަރުކާރާ އެކު "ސެޓްލްމަންޓް އެގްރީމެންޓް" ގައި ސޮއިކުރެވި ފާއިވާކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މިއީ ނުނިންމާ ޕްރޮޖެކްޓަކަށް އެ ކުންފުނިން ހޯދުމަށް ދައުވާ ކުރާ ދިވެހި ރައްޔިތުންގެ ފައިސާތަކެކެވެ.

ސީލައިފް ފުލެޓްތައް އިމާރާތްކުރުމަށް އެޗްޑީސީން ދިން ބިމުގައި ނުރުހުން ފާޅުކޮށް ބެނާއެއް ދަމާފައި

ހުޅުމާލޭގައި ސީލައިފުން އަޅަން ނިންމި 3000 ފުލެޓަށް ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން، ސީ ލައިފާ ދެކޮޅަށް ދައުވާކުރި ފަރާތްތަކަށް ދައުލަތުން މާލީ ބަދަލު ދިނުމަށް ސެޓްލްމަންޓް އެގްރީމެންޓެއް ހަދާފައިވާކަން ސިވިލް ކޯޓުގެ ޑިސްޕިއުޓް ނިންމުމުގައިވެއެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނަމިކް މިިސްޓްރީ އަދި ސީލައިފާ ދެކޮޅަށް ދައުވާ ކޮށްފައިވާ މީހުންނާއެކު މި އެއްބަސްވުމުގައި ސޮއިކުރުމުން، ވަނީ އެއްބަސްވުމަށް އަމަލުކުރުމަށް ހުކުމް ކޮށްފައެވެ. މި ހުކުމްގައި ބުނެފައިވަނީ ސެޓްލްމަންޓް އެގްރީމަންޓެއް ހެދީ ސީ ލައިފް މައްސަލައިގައި ދައުވާކުރާ މީހުންނާއި ސަރުކާރާއި އެޗްޑީސީއާއެކު ކުރި މަޝްވަރާތަކަށް ފަހުގައި ކަމަށެވެ. ސީލައިފަށް ފައިސާ ދެއްކުމަށްފަހު، ފުލެޓްތައް އިމާރާތް ނުކޮށް ގެއްލުންވުމުގެ ސަބަބުން އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައި ވަނީ 203 މީހެކެވެ.

ކޯޓުން ބޭރުގައި ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓެއް އަދި މިހާތަނަކަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހަބަރުތައް ބުނާގޮތުން ސީލައިފާ ދެކޮޅަށް ދައުވާކުރި މީހުންނަށް ބަދަލު ދިނުމަށް ނިންމި ފައިސާއަކީ، ދައުލަތުން ސީލައިފް މޯލްޑިވްސްއަށް ދައްކަން ޖެހޭ 12 މިލިއަން ޑޮލަރެވެ.

ބޮޑެތި އަދަދުން ދައުލަތުގެ ފައިސާ ހޭދަވާ އިރު އޭޖީ އޮފީހާއި ސަރުކާރު ހަނު!

މި މައްސަލައިގައި ދައުލަތުން އޮތީ ހަމަ ހިމޭނުންނެވެ. އޭޖީ އޮފީހުން ބުނާ ގޮތުންނަމަ ސީލައިފްގެ މައްސަލަ އޮތީ އަދިވެސް ޑިސްޕިއުޓްގައެވެ. އަދި އެކަމާއި ގުޅޭގޮތުން އަދި ކޮމެންޓެއް ނެތްކަމަށެވެ. ސީލަފްގެ މަޅީގައި ޖެހުނު މީހުންނާ ސަރުކާރާ އަދި ސީލައިފާ ދެމެދު ވެވުނު ސެޓްލްމަންޓް އެގްރީމެއްޓެއް ވެސް ހާމައެއް ނުކުރެވެ.

މިހާތަށް މި މައްސަލަ ގޮސްފައިވާ ގޮތަށް ބަލާއިރު، ފެންނަނީ ސަރުކާރު ސީލައިފްގެ ދަށުވެފައިވާ ތަނެވެ. ދައުލަތުން އަދިވެސް ސީލަފާ އެއްކޮޅަށް މިކަމުގައި ގޮތް ނިންމަން ބޭނުންވާތަކެވެ. އެންމެފަހުން ސީލައިފަށް ހުރިހާ މޮޅެއް ލިބި ދަރަނިވެރިވީ އަނެއްކާވެސް ދައުލަތެވެ.