ހުޅުމާލޭގައި ސީލައިފުން އަޅަން ނިންމި 3000 ފުލެޓަށް ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން، ސީލައިފާ ދެކޮޅަށް ދައުވާކުރި ފަރާތްތަކަށް ދައުލަތުން މާލީ ބަދަލު ދިނުމަށް ސެޓްލްމަންޓް އެގްރީމެންޓެއް ހަދައިފިއެވެ.

މާލީ ބަދަލު ދޭން ސެޓްލްމަންޓް އެގްރީމަންޓް ހަދާފައި ވަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގައި މައްސަލަ ހައްލުކުރުމަށް ފަހުގައެވެ. ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނަމިކް މިިސްޓްރީ އަދި ސީލައިފާ ދެކޮޅަށް ދައުވާ ކޮށްފައިވާ މީހުންނާއެކު މި އެއްބަސްވުމުގައި ސޮއިކުރުމުން، ވަނީ އެއްބަސްވުމަށް އަމަލުކުރުމަށް ހުކުމް ކޮށްފައެވެ.

މި ހުކުމްގައި ބުނެފައިވަނީ ސެޓްލްމަންޓް އެގްރީމަންޓެއް ހެދީ ސީ ލައިފް މައްސަލައިގައި ދައުވާކުރާ މީހުންނާއި ސަރުކާރާއި އެޗްޑީސީއާއެކު ކުރި މަޝްވަރާތަކަށް ފަހުގައި ކަމަށެވެ. ސީލައިފަށް ފައިސާ ދެއްކުމަށްފަހު، ފުލެޓްތައް އިމާރާތް ނުކޮށް ގެއްލުންވުމުގެ ސަބަބުން އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައި ވަނީ 203 މީހެކެވެ.

ކޯޓުން ބޭރުގައި ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓެއް އަދި މިހާތަނަކަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހަބަރުތައް ބުނާގޮތުން ސީލައިފާ ދެކޮޅަށް ދައުވާކުރި މީހުންނަށް ބަދަލު ދިނުމަށް ނިންމި ފައިސާއަކީ، ދައުލަތުން އެ ކުންފުންޏަށް ދައްކަން ޖެހޭ 12 މިލިއަން ޑޮލަރެވެ. މި ފައިސާ އަކީ 2008 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވާލުމުން ސީލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާއެވެ.

ދައުލަތުން 12 މިލިއަން ޑޮލަރު ސީލައިފަށް ދޭން ސެޓްލްމަންޓް އެގްރީމެންޓެއް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް އެ އެގްރީމެންޓަށް އަމަލުނުކޮށް، އެ އެގްރީމެންޓް އެއިރުގެ ސަރުކާރުން ބާތިލް ކުރިއެެވެ. ސީލައިފުން ފުލެޓަށް އެދި ފައިސާ ދެއްކި މީހުންނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، އެފަރާތްތަކަށް ފައިސާ ދިނުމާއެކު ފްލެޓް ބޭނުންވާ މީހުންނަށް ދެ އަހަރުގެ ތެރޭގައި ފްލެޓް ހަމަޖައްސައި ދޭން ވެސް ސަރުކާރުން ވަނީ އެއްބަސްވެފައެވެ.

ހުޅުމާލޭގައި 3000 ފުލެޓް އެޅުމަށް މިދިޔަ ސަރުކާރުން ސީލައިފާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސީލައިފުން އެޕާޓްމަންޓް އަޅަން އިއުލާން ކުރި މަޝްރޫއާ އެކު އެޕާޓްމަންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ސީލައިފަށް ވަނީ ފައިސާ ދައްކައިފައެވެ.

ސީލައިފަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުންއެވެ. އަދި ސީލައިފަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގައެވެ.