މ، ތ، އަދި ލ އަތޮޅުގެ ރަށްތަކެއް ގުޅާލުމާ ބެހޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗަރުން އިއުލާންކޮށްފިއެވެ.

މި ތިން އަތޮޅުގެ ރަށްތަކެއް ގުޅާލުމަށްޓަކައި، އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓަށް ބޭނުންވާ އެންވަޔަރަމަންޓަލް ކޮންސަލްޓަންސީ އާއި ރިޕޯޓް ތައްޔާރު ކުރުމާއި، ކޯޒްވޭ ހެދުމުގެ މަޝްރޫއުތައް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

މި މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަނޑިއެއްގެ ގޮތުގައި އަންނަ ބުދަ ދުވަސް ހަމަޖައްސާފައި ވާއިރު، މި މަޝްރޫތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށް މިއަދު ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން ގުޅާލަން ހަމަޖެހިފައިވަނީ ލ އަތޮޅުގެ ހަ ރަށަކާއި މ އަތޮޅުގެ ދެ ރަށެއްގެ އިތުރުން، ތ އަތޮޅުގެ ދެ ރަށެކެވެ. އެގޮތުން މ އަތޮޅުން މ. މުލި އަދި މ. ނާލާފުށި ކޯޒްވޭ ގުޅާލުމަށް ހަމަޖެހިފައި ވާއިރު، ރ އަތޮޅުން ގުޅާލުމަށް ހަމަޖެހިފައި ވަނީ ތ. ވޭމަންޑުއާ ތ. ކިނބިދޫ ކޯޒްވޭއެވެ. މީގެ އިތުރުން ލ. ކުނަހަންދުއާ ލ. މެންދޫ ކޯޒްވޭ ގުޅާލުމަށް ހަމަޖެހިފައި ވާއިރު ލ. ކަލައިދުއާ ލ. ދަނބިދޫ ކޯޒްވޭ އަދި ލ. ހިތަދުއާ ލ. މެންދޫ ކޯޒްވޭ ވެސް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ

މިދިޔަ ހޯމަ ދުވަހު ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާންގައިވާ ގޮތުން މުޅިންހެން ގުޅާލަނީ އެއް ފަޅެއްގައި އޮންނަ ރަށްތަކެކެވެ. ތ އަތޮޅާއި، ލ އަތޮޅުގެ ރަށްތަކެއް ކޯޒްވޭއިން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން، އެމަނިކުފާނު ވަނީ ކެމްޕޭނުގައި އެ ރަށްތަކަށް ވަޑައިގެން، އެ ރަށްތައް ގުޅާލައްވާނެ ކަމަށް ވިދާޅުވެފައެވެ.