މާލޭ މަގުތައް މަތީގައި ނުގަވައިދުން ޕާކު ކުރާ ވެހިކަލް ތަކުގައި ސްޓިކާ ޖަހާ މައްސަލަ ބައްލަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖާވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ ބައްދަލު ކުރައްވައި، ސްޓިކާ ޖެހުން ނޫން ގޮތެއް އޮތްތޯ މަޝްވަރާ ކުރައްވާނެ ކަމަަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސް ސޯލިހު ވަނީ މާލޭގައި ސްޓިކާ ޖަހާނެ ޖާގަ ގާއިމް ނުކޮށް ދައުލަތުން އެއްވެސް އުޅަނދެއްގައި ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާ ތެރޭގައިވެސް ސްޓިކާ ޖަހައިގެން މިލިއަނެއްހާ ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

ރައީސް ސޯލިހު ވިދާޅުވީ މިހާރު މާލޭގައި ޕާކު ކުރާނެ ބައެއް ސަރަހައްދުތައް ގާއިމް ކުރެވިފައި ވާކަމަށާ އެހެން ނަމަވެސް އަދި އެންމެ އެކަށޭނެ ޖާގައެއް ގާއިމް ކުރެވިފައި ނުވާކަމަށެވެ. އަދި އެއްފަހަރާ ހުރިހާ ވެހިކަލެއް ޕާކު ކުރެވޭނެ ފަދަ ގޮތެއް އިންތިޒާމް ކުރުމަކީވެސް ދަތި ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ސްޓިކާ ޖަހަނީ މަގުގައި ޕާކު ކުރުމަށް ކަނޑައަޅާފައިވާ ތަންތަން ނޫން ތަކެއްގައި ޕާކު ކޮށްފައި ހުންނަ ވެހިކަލް ތަކުގައާއި، ޒިބްރާ ކްރޮސްތަކުގައި ޕާކުކުރާ ވެހިކަލްތަކުގައެވެ.

ރައީސް ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން، ވެހިކަލް ތަކުގައި ސްޓިކާ ޖަހާނީ ޕާކު ކުރާނެ ޖާގަ ހޯދައިދިނުމަށް ފަހު ކަމަށް ވިދާޅުވެފައި ވީނަމަވެސް ފުލުހުން ދަނީ ހަފްތާއެއްގެ މައްޗަށް އެތައް އުލަނދުތަކެއްގައި ސްޓިކާ ޖަހައި ޖޫރިމަނާ ކުރަމުންނެވެ.