އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނުގެ ތެރެއިން ހަ ބާވަތެއްގެ ސާމާނު ހުއްދަ ނުނަގާ އެތެރެކުރުން މަނާކޮށްފިއެވެ.

މިގޮތަށް މަނާކޮށްފައި ވަނީ އިއްޔެއިން ފެށިގެންނެވެ. ޕްލޭންނިން މިނިސްޓްރީން ބުނާގޮތުން އިމާރާތް ކުރުމަށް ބޭނުން ކުރާ ހަ ބާވަތެއްގެ ސާމާނު އިއްޔެއިން ފެށިގެން އެތެރެ ކުރުމާއި ބޭނުން ކުރުމަކީ ވެސް މަނާކަމެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖެއަށް ހަ ބާވަތެއް އެތެރެ ކުރުމަށް ހުއްދަ ނަގަން ޖެހެނީ އިމާރާތް ކުރުމާބެހޭ ދެ ގަވާއިދަކަށް އަމަލު ކުރަން ފެށުމުން ކަމަށެވެ.

އަލަށް އަމަލު ކުރަން ފެށީ އިމާރާތް ކުރަން ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދާއި، އިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، ތަކެތި ޓެސްޓް ކުރާ ފަރާތްތަކުގެ ގަވާއިދެވެ.

ހުއްދަނެތި އެތެރެ ކުރުން މަނާކުރި ބާވަތްތައް:

  • ހުރިހާ ގްރޭޑެއްގެ ހިލަ
  • ސިމެންތި
  • ކޮންކްރީޓަށް ބޭނުންކުރާ ވެލި
  • ސްޓްރަކްޗަރަލް ދަގަނޑު
  • ރެޑީ މިކްސްޑް ހުރިހާ ގްރޭޑެއްގެ ކޮންކްރީޓް
  • ރެޑީ މޭޑް ހުރިހާ ބާވަތެއްގެ ގައު

ޕްލޭނިން މިނިސްޓްރީން ބުނީ ހުއްދަ ނެތި މިއިން އެއްވެސް ބާވަތެއްގެ ތަކެތި އެތެރެކުރާ ނަމަ، ކަސްޓަމްސް އިން ހިފަހައްޓާނެ ކަމަށެވެ. އަދި މިކަމުގެ މައުލޫމާތުތައް މިހާރު ކަމާބެހޭ ފަރާތްތަަކަށް ހިއްސާކޮށްފައި ވާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.