އައްޑޫގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު ތަރުހީބަކާއެކު އުރީދޫ މޯލްޑިވްސްގެ ކަލަރަން ނިންމާލައިފައި ވާކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން ބުނީ މިއަދު އައްޑޫގައި ބޭއްވި ކަލާރަން ޕްރޮގްރާމުގައި 1500 މީހުން ވަނީ ރަޖިސްޓްރީވެފައި ކަމަށާ އަދި ރަޖިްސްޓްރީ ނުވެ ވެސް 500 އެއްހާ މީހުންވަނީ ބައިވެރި ވެފައި ކަމަށެވެ. މީއީ އުންމީދު ކުރިވަރަށް ވުރެ ބޮޑު ތަރުހީބެއް ކަމަށް އުރީދޫއިން ބުނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އުރިދޫ އިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ އަބާދީ ބޮޑު ތަންތަނުގައި ކަލާރަން ބޭއްވުމުގެ ވިސްވުން އުރީދޫއިން ގެންގުޅޭ ކަމަށެވެ.

އުރީދޫއިން ބުނީ މިފަދަ ދުވުމެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، އުރީދޫއާއި އާންމުންނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، އާންމުންނަށް މަޖާ އަދި ހިތްހަމަޖެހޭ ވަގުތު ކޮޅެއް ހޯދައި ދިނުން ކަމަށެވެ. އަދި މީގެ އިތުރުން ދުވުމަށް އާންމުންގެ ތެރޭގައި އޮންނަ ލޯބި އިތުރުކުރުންވެސް މި އިވެންޓުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އުރީދޫ ކަލަ ރަންގެ ތެރެއިން / ފޮޓޯ: ޓްވިޓާ

މި ދުވުމަކީ 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަކަށްވެސް ބައިވެރި ވެވޭގޮތަށް އާންމުކޮށް ހުޅުވާލައިގެން އުރީދޫއިން ބޭއްވި ހަރަކާތެކެވެ. އަދި 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް މަޖާވި އިވެންޓަކަށް ވެގެން ދިޔަކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ކަލަ ރަންގެ ތެރެއިން / ފޮޓޯ: ޓްވިޓާ

އުރީދޫ ކަލާރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ވަނީ ފާހަގަކޮށްފައެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާ، ހާއްސަ އިނާމުތަކެއްވެސް ވަނީ ދީފައެވެ.

އުރީދޫ ކަލަ ރަންގެ ތެރެއިން / ފޮޓޯ: ޓްވިޓާ

އުރީދޫއިން ބުނީ ޔޫތް މިނިސްޓްރީ، އެމްއެންޑީއެފް އަދި ޕޮލިހުން ހިމެނޭ ގޮތަށް މި އިވެންޓުގެ ޕާޓްނަރުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށާ އެކަމަށް އިވެންޓުގެ ޕާޓްނަރުންނަށް ޝުކުރު އަދާކުރާކަމަށެވެ.