ޖޭއެސްސީގެ ތަހުގީގަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖަވާބު ދެއްވީ 43 ސަފްހާއިން ކަމަށް މި މައްސަލާއިގައި ފަނޑިޔާރު ދީދީގެ ލޯޔަރުންގެ ބެންޗުގައި ހިމެނޭ އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް މިހެން ވިދާޅުވެފައި ވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ޝަމީމް ވިދާޅުވީ ޖޭއެސްސީ އިން ތަހުގީގަށް ފަނޑިޔާރު ދީދީ ޖަވާބުދާރީ ވުމަށް 5 ސަފްހާގެ "ބޮޑު" ތަހުގީގު ޝީޓެއް ދީފައި ވީނަމަވެސް ޖަވާބުގައި ފަނޑިޔާރު ދީދީ ޖަވާބު ދެއްވީ 43 ސަފްހާއިން ކަމަށެވެ.
ފަނޑިޔާރު ދީދީ ޖޭއެސްސީއަށް ލިޔުމުން ޖަވާބު ހުށަހަޅުއްވާފައި ވަނީ އިއްޔެ ކަމަށް ޖޭއެސްސީ އިން މިކަމާ ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ހާމަކޮށްފައެވެ. މިމަހުގެ 20 ވަނަ ދުވަހު ދަރުބާރު ގޭގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ތަހުގީގު ނިންމާލައިފައި ވަނީ ފަނޑިޔާރު ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތަކާ ގުޅިގެން ޖަވާބުދާރީ ވުމަށް 5 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުއެވެ.
މިމަހުގެ 20 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވަން ވަގުތު ބޭނުން ވާކަމަށާ، މިމައްސަލައާ ގުޅިގެން ހެކީގެގޮތުގައި ތަހުގީގުން ލިބުނު ލިޔެކިޔުންތަކުގެ ސައްޙަކަމާމެދު ސުވާލު އުފެދޭކަމަށް ދީދީގެ ފަރާތުން ތަކުރާރުކޮށް ބުނެފައެވެ. މި މައްސަލައިގެ އިތުރުން ފަނޑިޔާރު ދީދީގެ ޗެޓް ލޮގެއް ކަމަށް ބުނާ ޑޮކިއުމެންޓެއްގައި ހުރި ވާހަކަ ތަކާމެދު އޭނާއާ އެ އަޑުއެމުގައި ޖޭއެސްސީން ވަނީ ސުވާލު ކޮށްފައެވެ.
ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލަތަކާ ގުޅޭގޮތުން އާންމުކޮށް ހުޅުވާލައިގެން މިމަހުގެ 20 ވަނަ ދުވަހު ދަރުބާރުގޭގައި ކުރިއަށް ދިޔަ ތަހުގީގު ނިންމާލާފައި ވަނީ، މި މައްސަލަތަކާ ގުޅޭގޮތުން ދީދީގެ ވަކީލުންނާއި ޖޭއެސްސީގެ ކޮމިޓީ މެންބަރުންނާ ދެމެދު ބަހުސަކަށް ދިއުމަށް ފަހުގައެވެ.