އެހެން މީހަކަށް ދޫކޮށްފައިވާ އެކްސެސް ފާހެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަން މަސައްކަތްކުރި އިންޑިއާގެ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ސަންޖީވާ ރެއްޑީ ޔެލްމާ ނަމަކަށް ކިޔާ މީހެކެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ސަންޖީވާ އެއާޕޯޓަށް ވަންނަން އުޅުނީ އިރުމަތީ ފަރާތުގައިވާ 51 ނަންބަރު ގޭޓުންކަމަށާއި، އޭނާ ބޭނުންކޮށްފައިވަނީ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން އެހެން ބިދޭސީއަކަށް ދޫކޮށްފައިވާ ފާހެއްކަމަށް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން މިއީ ވޯކް ވިސާ ބާތިލްކޮށްފައިވާ މީހެއްގެ ފާހެއްކަން ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރެވެނީ ހުއްދަ ނެތި ތަނަކަށް ވަންނަން އުޅުމުގެ ތުހުމަތުކަމަށާއި، ކޯޓަށް ވަނީ އޭނާ މިކަން ކުރިކަމަށް ބެލެވޭ ފުދޭވަރުގެ ހެކި ހުށަހަޅާފައިކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ސަންޖީވާ ކޯޓުގައި ބުނެފައިވަނީ އޭނާ ބޭނުންކުރި ފާހަކީ އޭނާގެ "ބޮސް" ދިން ފާހެއް ކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ގާޒީ ނިންމެވީ ކުށް ކުރިކަމަށް ބެލެވޭ ހެކި ހުރުމުގެ އިތުރުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީކަމަށް އަމުރުގައި ބުނެފައިވެއެވެ.