ކޮރަޕްޝަނުގެ އަމަލުތައް އެންމެ ގިނައީ ބިޑާއި ޕުރޮކިއުމެންޓުގެ މުއާމަލާތްތަކުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށްގެން ބޭއްވި މަހާސިންތަގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ބިޑު ހުށަހެޅުމާއި ޕްރޮކިއުމެންޓުގެ މުއާމަލާތްތަށް ސަރުކާރު ހިއްސާވާ ކުންފުނި ތަކުން ކުރިއަށް ގެންދަންވާނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ސަރުކަރުގެ އެކި މަގާމުތަކަށް މީހުން ހަމަޖެއްސުމުގައި، ކުންފުނި ތަކުގެ ބޯޑުން އެކުލަވާލައިފައިވާ އޮނިގަނޑުތަކަށް ބޯލަނބައި އޭގައިވާ ގޮތަށް މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ގޮވާލައްވާފައެވެ.

މިދިޔަ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ގިނަ ކަން ފާހަގަ ކުރައް ވަމުން އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ކޮރަޕްޝަނުގެ އަމަލުތަކަށް ޖާގައެއް ނުދޭނެ ކަމަށާ، މިކަން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ފަރާތްތަކުން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

ރައީސް ވަނީ ކުންފުނިތަކުން އެ ތަންތަން ހިންގަމުންދާ ގޮތުގެ ތަފްސީލްތަކާއި، މައުލޫމާތު އަބަދުވެސް ފިނޭންސް މިނިސްޓްރީއަށް ހިއްސާ ކުރުމަށް އެމަނިކުފާނުގެ ވާހަކަފުޅުގާ ގޮވާލައްވާފައެވެ. އަދި އެ ކުންފުނިތަކުގެ ހިންގުމުގެ މައުލޫމާތު އިހުނަށްވުރެ ބޮޑަށް ރައްޔިތުންނާ ހިއްސާ ކުރުމަށްވެސް ރައީސް ގޮވާލެއްވިއެވެ. ރައީސް ވިދާޅުވީ މި ކަންކަމުގެ މަގްސަދަކީ ކޮންމެ ސަރުކާރުގެ މުއައްސަސާ އަކީވެސް ރައްޔިތުންގެ ފައިސާއިން ހިންގަމުންދާ ތަންތަން ކަމުން ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރި ނުވުމަށާއި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ދެފުށް ފެންނަ ގޮތަށް ކުރެވެ މަސްއްކަތްތަކަކަށް ހެދުން ކަމަށެވެ.