މި ސަރުކާރުން ކޮރަޕްޝަނަށް ދޭނީ "ޒީރޯ ޓޯލަލެންސް" ކަން ކުންފުނިތަކުގެ ވެރިންގެ ހަނދާނުގައި ބެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނި ތަކަށް ހާއްސަކޮށްގެން ފިނޭންސް މިނިސްޓްރީން ބޭއްވި މަހާސިންތާގައި ވާހަފުޅު ދައްކަވަމުން ކުރީގެ ސަރުކާރުގައި ކުންފުނި ތަކުން ހިންގާފައިވާ ކޮރަޕްޝަނުގެ މުއާމަލާތްތައް ގިނަކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަނަށް ޖާގައެއް ނުދޭނެ ކަމަށެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ރައްޔިތުންގެ ފައިސާއިން ހިންގާ ތަންތަން ކަމުން އެ ފައިސާއަށް އަމާނާތްތެރި ވުމަށް ރައީސްގެ ވާހަފުޅުގާ ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި ކުންފުނި ތަކުގެ މަގާމް ތަކަށް މީހުން އައްޔަން ކުރުމުގާ، ހައްގު ފަރާތްތަކަށް މަގާމުތައް ދިނުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

މި ސަރުކާރުގައި ކޮރަޕްޝަނަށް ދޭނީ "ޒީރޯ ޓޯލަރެންސް" ކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އެއްވެސް ފަރާތަކުން ކޮރަޕްޝަނުގެ އަމަލެއް ހިންގިޔަ ނުދޭނެ ކަަމަށެވެ.

ރައީސްގެ ވާހަފުޅުގާ ވިދާޅުވީ ކޮރަޕްޝަނުގެ އަމަލުތައް އެންމެ ގިނައީ ބިޑާއި ޕްރޮކިއުމަންޓުގެ މުއާމަލާތްތަކުގައި ކަމަށެވެ. އަދި ބިޑާއި ޕްރޮކިއުމަންޓުގެ މުއާމަލާތްތައް ހިންގަން ވަނީ އިހުނަށްވުރެ ހާމަކަން ބޮޑުކޮށް، ދެފުށް ފެންނާނެހެން ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގާ ވަނީ ވިދާޅުވެފައެވެ.