އިންޓަޕޯލް އަކީ ބައިނަލް އަގުވާމީ ފުލުހުންގެ ޖަމިއްޔާއެވެ. މި ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކުން، އެ ޖަމިއްޔާއިން ރެޑް ނޯޓިސް ނެރޭ ކުށްވެރިން ހޯދުމާއި އެ ކުށްވެރިން އަނބުރާ ގައުމުތަކަށް ފޮނުވުމުގައި އެހީތެރިވެދެއެވެ. މިއީ ޖަމިއްޔާގެ މެންބަރު ގައުމަކަށް ވުމުން އެއްގައުމުން އަނެއް ގައުމަށް ދޭންޖެހޭ އެހީތެރިކަމުގެ ކުޑަ މިންވަރެކެވެ.
ނަމަވެސް، ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހޯދުމަށް ބައިނަލް އަގުވާމީ ކުރިމިނަލް ފުލުހުންގެ ޖަމިއްޔާ، އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައި އޮވެ، އަވަށްޓެރި ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ގާނޫނުގެ ބާރު ފޯރާ ދިވެހި އެމްބަސީގައި އޭނާ ހުންނަ އިރު ވެސް ގައުމަށް އަނބުރާ ނުގެނެވުމަކީ މިހާރު ސުވާލު އުފެދިފައިވާ ކަމެކެވެ.
ބައެއް ފަރާތްތަކުން ބުނަމުން މިދަނީ މިއީ ސަރުކާރަށް ޕްރެޝަރު އައިސްގެން ދައްކާ ބަހަނާކަމަށެވެ.
އިންޓަޕޯލް އަކީ ކޮބާ؟
އިންޓަޕޯލްގެ ދައުރަކީ، ބޯޑާ ހުރަސްކޮށް ހިނގާ ކުށްތައް ހައްލުކުރުމުގައި އެކި ގައުމުތަކުގެ ފުލުހުންނަށް އެހީތެރިވުމެވެ. އަދި ކޮންމެ މެންބަރު ގައުމެއްގައި ނެޝަނަލް ސެންޓްރަލް ބިއުރީ (އެންސީބީ) ގެ ނަމުގައި އިންޓަޕޯލްގެ އޮފީހެއް ހުންނަ އިރު، މި އޮފީހުގެ ބޭނުނަކީ އެއް މެންބަރު ގައުމާއި އަނެއް މެންބަރު ގައުމުގެ ފުލުހުން ގުޅުވައިދިނުމެވެ.
މީގެ އިތުރުން އިންޓަޕޯލުން ކުރާ މަސައްކަތުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލައިގެންދާ މީހުން މީހުން ހޯދުމުގައި އެހީތެރިވުން ހިމެނެއެވެ. އަދި މިއީ އިންޓަޕޯލުން ކުރާ މައިގަނޑު ތިން މަސައްކަތުގެ ތެރެއިން އެއް މަސައްކަތެވެ. މި މަސައްކަތް ކުރަނީ މެންބަރު ގައުމުތަކުގެ އެންސީބީއާއި ގުޅިގެނެ އެ ގައުމުގެ ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.
އަދި މިއާއެކު، އިންޓަޕޯލަކީ ބައިނަލްއަގުވާމީ ޖަމިއްޔާއެއްކަމުން، މެންބަރު ގައުމުގެ ފުލުހުން މަސައްކަތް ކުރުމުގައި އެހެން މެންބަރު ގައުމުތަކުގެ ފުލުހުންނާއެކު ޑައިރެކްޓްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ. އަދި މި މަސައްކަތުގައި ސިޔާސީ ގޮތުން ގުޅުން ގާއިމްކޮށްފައި ނުވާ ގައުމެއް ނަމަވެސް އެގައުމެއްގެ ފުލުހުންގެ އެހީތެރިކަން މައްސަލަތަކުގައި ހޯދެއެވެ.
މިއީ އިންޓަޕޯލްއިން މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބަސްވުމެކެވެ. އަދި ރާއްޖެ އާއި ސްރީލަންކާ އަކީ އަވަށްޓެރި ދެ ގައުމަށް ވެފައި، ސިޔާސީ ގޮތުން ގުޅުން އޮންނަ އަދި އިންޓަޕޯލްގެ މެންބަރު ދެ ގައުމެވެ.
ލުތުފީ ގެނައުމުގެ މައްސަލައިގައި ސަރުކާރު ދައްކާ ވާހަކަ ހަމަނުޖެހޭ!
އެހެންކަމުން ލުތުފީ ހޯދުމަށް އިންޓަޕޯލް ރެޑްނޯޓިސް ނެރިފައި އޮތުމުން ބައިނަލްއަގުވާމީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ހުރުމާއި، ސްރީ ލަންކާގައި ލުތުފީ ދިރިއުޅެމުން ދިޔައީ ސައްހަ ވިސާއަކާ ނުލައި، ފިލައިގެންކަމުން، އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށް އެގައުމުގެ ހިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައިވުމުން، ލަންކާގެ ގާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުހަލާތަކެއް ހުރިކަމަށް ބުނެ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ދައްކަމުން ދަނީ ބަހަނާތަކެއްކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ނަމަވެސް އޭނާގެ ޕާސްޕޯޓު ބާތިލްވެފައިވާ ނަމަ، އެކަން އަވަސްކޮށް، ދިވެހި އެމްބަސީ މެދުވެރިކޮށް ޕާސްޕޯޓު އާކޮށް ނުވަތަ ހެދުމަކީ ސަރުކާރަށް ބޮޑު މަސައްކަތަކަށް ނުވާނެއެވެ. އިމިގްރެޝަނުން ބުނާގޮތުން ނަމަ، ބާތިލް ވެފައި ނުވަތަ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް އޮތްނަމަ، އެ ހުންނަ ގައުމެއްގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓް މެދުވެރިކޮށް، އިމިގްރޭޝަނަށް އެކަން އެންގުމުން ޕާސްޕޯޓު އަލުން ހަދައި ދެވޭނެއެވެ. އަދި ބާތިލްވެފައިވާ ޕާސްޕޯޓެއް ނަމަ ހަފްތާއެއްގެ ތެރޭގައި އާ ކުރެވޭ އިރު، މުއއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް އާކުރަން ހުށަހެޅުމުން އެކަން 2 ދުވަސްތެރޭގައި ކުރެވެއެވެ.
ލުތުފީ ލަންކާގެ އެމްބަސީގައި ހުންނަތާ ހަތް ހަފްތާ ވެއްޖެކަމަށް ކަމާ ބެހޭ އިދާރާތަކުން އަންނަނީ ބުނަމުންނެެވެ. އެހެންކަމުން ލުތުފީ ރާއްޖެ ގެންނަން ސަރުކާރުން މަސައްކަތް ކުރާނަމަ، ލުތުފީގެ ޕާސްޕޯޓު އާކޮށް އަދި ލަންކާގެ ސަރުކާރާ ވާހަކަ ދެއްކި އެކަން ދެ މަސް ދުވަސް ވެގެންދާ އިރު ނުކުރެވެންވީ ކޮން ސަބަބަކާ ހުރެކަމާ މެދު ސުވާލުތައް ވަނީ އުފެދިފައެވެ.
ލުތުފީއަކީ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ ކުށްވެރިއެއް ކަމުން، އޭނާ އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެކެވެ. އަދި އެ ހުކުމް އެއްކޮށް ނުނިމޭހާ ދުވަހަކު އޭނާގެ ހުރިހާ ކަމަކަށް ދައުލަތުން ޒިންމާވާން ޖެހެއެވެ. އޭނާ ލަންކާއަށް ބޭސްފަރުވާއަށް ދިއުމަށްފަހު ފިލައިގެން އުޅުމަށްފަހު ފެނިގެން ރާއްޖެ ގެނައުމަށް ދިވެހިން ފުލުހުންނާ ހަވާލުވެފައިވާ އިރު، ދައުލަތުގެ އިދާރާއަކުން ދައުލަތުގެ ބޭނުމަކަށް ޕާސްޕޯޓެއް އާ ނުކޮށްދެވެންވީ ސަބަބެއް ނެތެވެ. ދައުލަތުގެ އިދާރާތައް ހިންގުމުގައި ބުނެފައިވަނީ އެއް އިދާރާއަކުން އަނެއް އިދާރާއަކަށް ބޭނުންވާ އެހީތެރިކަން ވީއެންމެ އަވަސް ފުރުސަތެއްގައި ފޯރުކޮށްދޭން ޖެހެއެވެ.
ދިވެހި ސަރުކާރުން ލުތުފީގެ މައްސަލައިގައި ދެން ބުނެފައިވަނީ މިދިޔަ ސަރުކާރުން ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ދިވެހިރާއްޖެއާއި ސްރީލަންކާ ސަރުކާރާ ދެމެދު ވެފައިވާ ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްހަކަމާމެދު ވަނީ ސުވާލު އުފެދިފައި ކަމަށެވެ. ނަމަވެސް މި ވާހަކައިގެ އެއްވެސް އޮޓަރެއް ނެތެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވިނަމަވެސް، ލުތުފީ ވަނީ ރާއްޖެ އަނބުރާ ގެންދިއުމަށް އެދި ސަރުކާރަށް ސިޓީއެއް ފޮނުވާފައެވެ. އެހެންކަމުން އޭނާ އެނބުރި ރާއްޖެއަށް އަންނަން ބޭނުންވާނަމަ، އެކަމުގައި އޮތީ ކޮން ހުރަސްތަކަކާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. ސަރުކާރުން ލުތުފީ ގެންނަނީ ގަދަކަމަކުން ނޫނެވެ.
ލުތުފީ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި، ގާނޫނުން މަނާތަނެއްގައި؟
ލުތުފީ އަމިއްލައަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވި ދުވަސްވަރަކީ ސްރީލަންކާގައި ދިމާވި ބޮންގޮއްވުމުގެ ހިތާމަވެރި ހާދިސާއާ ދާދި އެއްދުވަސްވަރެއް ކަމަށް ވުމުން، ލުތުފީ ގެނައުމުގައު ހުރަސް ދިމާވިކަމަށް ސަރުކާރުން ބުނެއެވެ. އަދި އާންމު ފަރުދަކު އަމިއްލަ އިހުތިޔާރުގައި އެނބުރި ރާއްޖެ އައުމުގައި އާއްމުގޮތެއްގައި އަމަލުކުރާ އުސޫލާއި ހިލާފަށް، ލުތުފީ އަނބުރާ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ނަމަވެސް ލުތުފީ ބެލެހެއްޓުމުގެ ކަންކަން ވާނީ ފުލުހުންގެ އިދާރާއާ ހަވާލުކޮށްފައިކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ލުތުފީއަކީ ރާއްޖޭގެ ޝަރުއީ ކޯޓަކުން ހުކުމްކޮށް ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ގައިދީއެކެވެ. އަދި އެންޓި ޓޯޗާ ގާނޫނު ބުނާގޮތުންނަމަ، ހުކުމް ތަންފީޒުކުރާ މީހުން ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަނުގެ މައުލޫމާތު ގާނޫނަށް އަމަލުކުރަން ފަށާތާ 15 ދުވަސްތެރޭގައި އާންމުކުރަންވާނެއެވެ. ނަމަވެސް ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ލަންކާގެ އެމްބަސީގައި ކަމުން ފުލުހުންގެ ބެލުމުގެ ދަށުން އެމްބަސީގައި އޭނާ ބެހެއްޓިދާނެކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. އަދި އެކެން އެހެން ކުރެވިދާނެކަމާމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.
ލުތުފީގެ މައްސަލައިގައި އަންގާރަ ދުވަހު އިރު އޮއްސި 6:18 ހާއިރު ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ލުތުފީ ރާއްޖެ ގެންނަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މިއަދު އިރުއޮއްސި 6:18 ގައި 48 ގަޑި އިރު ހަމަވާނެއެވެ.
ކޮމިޝަނާ ވިދާޅުވީ ލުތުފީ ރާއްޖެ ނުގެނެވި ލަސްވީ، ގިނަ ދުވަސްތަކެއް ވަންދެން ލަންކާގައި ފިލައިގެން ގަވައިދާ ހިލާފަށް އުޅެފައިވާތީ، ލަންކާ ސަރުކާރުން ހޯދަން ޖެހޭ ކުލިއަރެންސްތަކެއް ނުލިބިގެން ކަމަށެވެ. އަދި އޭނާ އުޅެފައިވަނީ އދ ގެ ޖަމްއިއްޔާއަކުން ހިމާޔަތް ހޯދައިގެންކަން ވެސް ފާހަގަވެފައިވާ ކަމަށާއި ނަމަވެސް އެ ލިޔުންތަކުގެ މުއްދަތު ހުރީ ހަމަވެފައި ކަމަށް ހަމީދު ވިދާޅުވިއެވެ.
ލުތުފީގެ މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ބަސް
ލަތީފުގެ މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖެ އަދި ލަންކާއަކީ ވެސް އިންޓަޕޯލްގެ ދެ މެންބަރުން ކަމަށެވެ. އަދި މެންބަރުންގެ މެދުގައި އެއްބަސްވެފައި އޮންނަނީ ކުށްވެރިިން ހޯދުމުގައި އެހީތެރިވެދިނުން ކަމަށެވެ.
ސަރުކާރުން ނެރުނު ނޫސްބަޔާނަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ ސަރުކާރުން އެބުނާ އެއްވެސް ކަމަކީ އެއީ ލަސްވާނެކަމެއް ނޫން ކަމަށެވެ. އަދި ހަމައެކަނި އިންޓަޕޯލްގެ ރެޑްނޯޓިސް އެއް އޮތީމަ އެއަށް ބެލީމަ ހުރިހާކަމެއް ނިމޭނެ ކަމަށެވެ. އަދި އެ ނޯޓިސްގެ ސަބަބުން ދެން ހުރި ހުރިހާ ކަމެއް ބައިޕާސް ވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
"ރެޑްނޯޓިސްގެ ބޭނުމަކީ އެ ޕްރޮސެސްތައް އަވަސްކުރުން. އެހެންވީމަ ރެޑްނޯޓިސް އެއް އޮތުން އިޓް ސެލްފް އެއީ އެކަން އަވަސްވާ ސަބަބަކީ. މިސާލަކަށް އިންޓަޕޯލް ރެޑްނޯޓިސް އެއް ނެތްނަމަ އެ ހުރިހާ ވާހަކައެއް ދެކެވުނީސް. އޭތި އޮތުން އެއީ އަވަސްވާން ޖެހޭ ސަބަބެއް. މިއީ 24 ގަޑިއިރު ތެރޭގައި ކުރާކަމެއް. އަލަކަށް ނޫން ރާއްޖޭގައި އިންޓަޕޯލް ރެޑްނޯޓިސް ނެރިގެން މީހުން މި ގެންނަނީ. މިއީ ވަރަށް ޒަމާންވީ ކަމެއް. މީގެ 20 ވަރަކަށް އަހަރު ކުރިން ވެސް މިކަން ހިނގާ." ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިއެވެ.
ސަރުކާރަށާއި، ފުލުހުންގެ އިދާރާއަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން އުމަރު ވިދާޅުވީ މި މައްސަލައިގައި ސަރުކާރު އޮތީ ވަރަށް ބޮޑަށް "ފިތިފައި" ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕާފުޅަކީ (ސިއްކަ) ކަމަށާއި، އޭނާއާއި ލުތުފީ އާކީ ރާއްޖެއަށް އުދުވާން ގެނައުމުގެ ޕާޓްނަރުން ކަމަށެވެ. މީގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އަންހެނުންގެ ބައްޕައަކީ ވެސް (ސިއްކަ) ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ލުތުފީގެ މައްސަލައިގައި ދިވެހި ސަރުކާރުން ގާނޫނާ ހިލާފް ވެއްޖެ ކަމަށާއި، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު އުމަރު އަބްދުއްރައްޒާގު މިކަމުގައި ޒިންވާމާންޖެހޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އުމަރު ވިދާޅުވީ ރާއްޖެއިން އެދިގެން ރެޑްނޯޓިސް ނެރިގެން ހޯދަމުންދާ މީހަކު އޭނާގެ ހިމާޔަތުގައި ބެހެއްޓުން ކަމަށެވެ. އަދި އެއީ ގާނޫނުގެ އުގޫބާތުގައި ތިން އަހަރުގެ ހުކުމެއް އަންނަ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުލުހުން މިކަމުގައި ގާނޫނާ ހިލާފުވެފައިވަނީ، ޕޮލިސްގެ ބެލުމުގެ ދަށުގައޭ ލުުތުފީ ހުރީ އެންޓި ޓޯޗާ ގާނޫނުގައި ބުނާގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ނުބެހެއްޓޭނެ ތަނެއްގައި ކަމަށްވުމުން ކަމަށެވެ. އަދި ހިއުމަން ރައިސްޓް ކޮމިޝަނުން އެޕްރޫވް ކުރާތަނެއްގައި މެނުވީ ގައިދީއެއް ނުބެހެއްޓޭނެކަމަށާއި، އެންޓި ޓޯޗާ ގާނޫނުގެ ދަށުން އެޗްއާރުސީއެމުން އެތަނެއް ބަލާ ހުއްދަ ނުދޭތަނެއްގައި ފުލުހުންނަށް އެއްވެސް މީހަކު ނުބެހެއްޓޭނެކަމަށް އުމަރު ވިދާޅުވިއެވެ.
ލުތުފީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮނުވުމުން، 2010 ވަނަ އަހަރުން ފެށިގެން އޭނާ ހުންނަނީ ލަންކާގައި ފިލައިގެންނެވެ. އަދި އޭނާ ލަންކާގައި އުޅެމުންދަނީ ނަން ބަދަލުކޮށްގެން ޒާންގެ ނަމުގައި ކަމަށް މައުލޫމާތު ލިބެއެބެ. ލުތުފީ އަކީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި މުޅި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ގައިދީއެކެވެ.
ލުތުފީ އާއި ދިވެހިންގެ ތެރެއިން މަދުބަޔަކު ރާއްޖޭގެ ވެރިކަމުގެ މައްޗަށް އަތްގަޑަކުރަން، ސްރީލަންކާގެ ޕްލޮޓް ޖަމާއަތާއި ގުޅިގެން ގެންނަން އުޅުނު އުދުވާނުގައި ދިވެހިންގެ ތެރެއިން 19 މީހަކު ޝަހީދުވިއެވެ.
ވަރަށް ފުރިހަމަ ލިޔުމެއް. ސީދާ ކޮންމެ ފަރާތެއް ބުނެފައިވާ އެއްޗެއް ކޯޓު ކޮފައި އިނީމަ ވަރަށް ފަސޭހެ ކިޔާލަން އަދި ކަން ހިނގި ގޮތް އަންޑަސްޓޭންޑުވާން. އަދި ލިޔުމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދިޔަ.