އުރީދޫ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން އައްޑޫ ސިޓީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަލަރަންގެ އެކްސްޕޯ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެފިއެވެ.
އުރީދޫން ބުނީ ކަލަރަން އައްޑޫގެ އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކަމަށާއި، މި އިވެންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެކްސްޕޯގައި ކިޓްތައް ލިބިގެން ދާނެ ކަމަށެވެ.
ދެ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ތަނެއްގައެވެ. އެގޮތުން މިއަދު އެކްސްޕޯ ކުރިއަށް ދާނީ އީކުއޭޓާ ވިލެޖްގެ ބްލޫ ލެގޫންގައި މެންދުރު 2:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 10:00 އަށް ކަމަށެވެ. އަދި މާދަމާ އެކްސްޕޯ ކުރިއަށް ދާނީ ހިތަދޫ ޔޫތް ސެންޓަރުގައި، ހެނދުނު 10:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 10:00 އަށް ކަމަށެވެ.
ކަލަރަންގެ ކިޓްތައް ބަލައިގަތުމަށް އަންނަ ފަރާތްތައް ރެޖިސްޓާ ވީ ފަރާތުގެ އައިޑީ ކާޑާއި، އަދި ރެޖިސްޓާ ކުރިކަމުގެ ރަސީދުގެ ޕްރިންޓް ނުވަތަ ޑިޖިޓަލް ކޮޕީއެއް ހުށަހަޅާން ޖެހޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި ރެޖިސްޓްރީ ކުރި ފަރާތުގެ ބަދަލުގައި ކިޓް ނެގުމަށް އެހެން ފަރާތެއް ދުރުވާނަމަ، ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓްރީ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ، އަދި ރެޖިސްޓްރީ ކުރި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެ ކަމަށާއި އައިޑީ ކާޑުގެ ބަދަލުގައި، އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ވެސް ގަބޫލުކުރެވޭނެ ކަމަށް އުރިދޫއިން މައުލޫމާތު ދެއެވެ.
މި ކަލަރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުއެެވެ. މި ދުވުމުގައި 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރި ވެވޭ އިރު، 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް މަޖާވާނެ އިވެންޓެއް ކަމަށް އުރީދޫން ބުނެއެވެ.